10 ސެޕްޓެމްބަރ 2025 - 10:59

ބޮލީވުޑްގެ ތަރި އައިޝްވާރިޔާ ރާއީ ބައްޗަންގެ ފޮޓޯ އާއި ވީޑިއޯ އޭއައި ބޭނުންކޮށްގެން ހަދާ މައްސަލަ އޭނާ އިންޑިއާގެ ދިއްލީގެ ހައި ކޯޓަށް ހުށަހަޅައިފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އައިޝްވާރިޔާ ހައި ކޯޓަށް އެ މައްސަލަ ހުށަހެޅީ މިދިޔަ އަންގާރަ ދުވަހު އެވެ.
އައިޝްވާރިޔާ ވަކީލުން ކޯޓަށް ހުށަހެޅި އެ މައްސަލާގައި ބުނި ގޮތުގައި، އޭނާގެ ނަމާއި ފޮޓޯ އާއި އަޑު އޭނާގެ ހުއްދަ ނެތި ވިޔަފާރިގެ ބޭނުމަށް ދަނީ ބޭނުންކުރަމުންނެވެ. އަދި އޭއައި އާއި ޑީޕްފޭކްގެ އެހީގައި އޭނާގެ ފޮޓޯ ބޭނުންކޮށްގެން ބޭއަދަބީ ފޮޓޯތައް ހަދައި ސޯޝަލް މީޑިއާގައި ދަނީ ދައުރުކުރަމުންނެވެ.
އެ ކަންކަން ކުރާ ބައެއް ވެބްސައިޓުތަކުގެ ނަންތައް ވެސް ކޯޓަށް ހުށަހެޅި މައްސަލާގައި ބަޔާންކޮށްފައިވެ އެވެ. އަދި ގޫގުލް އާއި އިންޑިއާގެ ކަމާބެހޭ ބައެއް އިދާރާތައް ޖަވާބުދާރީކުރުވަން ވެސް އެ މައްސަލާގައި އައިޝްވާރިޔާ ކޯޓުގައި އެެދިފަ އެވެ.
އެ މައްސަލަ ހައި ކޯޓަށް ބަލައިގަތުމާ މެދު ގޮތެއް ނިންމާނީ އަންނަ ނޮވެމްބަރު މަހުގެ ހަތް ވަނަ ދުވަހު ކަމަށާއި، އަދި މައްސަލަ ބަލައިގެންފި ނަމަ އަޑު އެހުންތައް އަންނަ އަހަރުގެ ޖެނުއަރީ މަހު ފަށާނެ ކަމަށް ރިޕޯޓްތައް ބުންޏެވެ.
އައިޝްވާރިޔާ މީގެ ކުރިން ވަނީ އޭނާގެ ދަރިފުޅު އަރަދުޔާ ބައްޗަންއާ ބެހޭ ގޮތުން ދޮގު މައުލޫމާތު ފެތުރި މައްސަލައެއް ވެސް ދިއްލީގެ ހައި ކޯޓަށް ދެ ފަހަރެއްގެ މަތިން ހުށަހަޅައިފަ އެވެ. މިދިޔަ ފެބްރުއަރީ މަހު ހުށަހެޅި އެ މައްސަލަ އަދިވެސް އޮތީ ކޯޓު މަރުހަލާ ނުނިމި އެވެ.