އާސެނަލްގެ 12 ކުޅުންތެރިޔެއްގެ ކޮންޓްރެކްޓް ހަމަވަނީ
އާސެނަލްގެ 12 ކުޅުންތެރިޔެއްގެ ކޮންޓްރެކްޓް ހަމަވަނީ

ލަންޑަން (މާޗް 26) - އާސެނަލްގެ ކޯޗު އާސެން ވެންގާގެ އެއްބަސްވުން މި ސީޒަން ނިމުމުން ހަމަވާއިރު، އަންނަ ސީޒަނުގެ ނިޔަލަށް އެ ޓީމުގެ 12 ކުޅުންތެރިޔެއްގެ ކޮންޓްރެކްޓް ހަމަވާނެ އެވެ.

ވެންގާ އެ ކްލަބްގައި މަޑުކުރުމާ މެދު ގޮތެއް ނިިންމުމަށް ފަހު ވަރަށް އަވަހަށް މީޑިއާއާ ހިއްސާ ކުރާނެ ކަމަށް ބުނެފައިވާއިރު، ރިޕޯޓްތައް ބުނާގޮތުގައި ވެންގާ އަންނަ އަހަރު އާސެނަލުން ފެނުމުގެ އޮތީ ކުޑަ ފުރުސަތެކެވެ.

އާސެނަލުން އަންނަނީ މި ސީޒަން ފެށުނީއްސުރެން އެ ޓީމުގެ ގިނަ ކުޅުންތެރިންގެ އެއްބަސްވުން އާ ކުރުމަށް މަސައްކަތް ކުރަމުންނެވެ. އަންނަ ސީޒަނުގެ ނިޔަލަށް އެއްބަސްވުން ހަމަވާ ކުޅުންތެރިންނަކީ އާރޮން ރަމްސޭ، ޖެކް ވިލްޝަޔާ، ވޮޖްސިއޭ ޝެޒްސްނީ، ޕާ މަޓެސެކާ، ކާލް ޖެންކިންސަން، ޖޮއެލް ކޭމްބަލް، އަލެކްސިސް ސަންޗޭޒް، މެސުޓް އޮޒިލް، އޮކްސްލޭޑް ޗަމްބަލެއިން، ކިއެރަން ގިބްސް، ސަންޓި ކަޒޯލާ އަދި ޔާޔާ ސަނޯގޯ އެވެ.

މީގެ ތެރެއިން ގިނަ ކުޅުންތެރިންނަކީ މި ވަގުތު ލޯން އެއްބަސްވުމުގެ ދަށުން އެހެން ކްލަބްތަކަށް ކުޅެމުން އަންނަ ކުޅުންތެރިންނެވެ. އަދި ބައެއް ކުޅުންތެރިން މި ސީޒަނަށް ފަހު އާސެނަލް ދޫކޮށްލަން ނިންމާފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

ސަންޗޭޒް ހޯދަން އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްގެ އިތުރުން އިންގްލެންޑްގެ ޗެލްސީ ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި އޮޒިލް ހޯދަން ޖަރުމަނުގެ ބަޔާން މިއުނިކާއި ތުރުކީގެ ގަލަސަތަރާއީ އިން ވެސް އޮތީ ބިޑްކުރަން ތައްޔާރަށެވެ. އެތުލެޓިކޯ މެޑްރިޑުން ކަޒޯލާ އަށް ފާރަލަމުން އަންނައިރު، ލިވަޕޫލުން ޗަމްބަލެއިން އަށް ބިޑްކުރާނެ ކަަމަށް ރިޕޯޓްތައް ބުނެ އެވެ. ވިލްޝަޔާ ފެނުމުގެ ފުރުސަތު ބޮޑީ އޭސީ މިލާން ނުވަތަ ރޯމާ އިންނެވެ.

އާސެނަލްގެ ބޯޑުން ނިންމާފައިވަނީ ވެންގާގެ މުސްތަގުބަލާ ގުޅޭގޮތުން ގޮތެއް ނިންމުމަށް ފަހު ކުޅުންތެރިންގެ އެއްބަސްވުންތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށެވެ. އަދި ބައެއް ކުޅުންތެރިން އެ ކްލަބުން މި ފަހަރު ދޫކޮށްލާނެ ކަމަށް ވެސް އާސެނަލްގެ ބޯޑު މެންބަރުންނާ ހަވާލާދީ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެ އެވެ.