ކާމިޔާބާ އެކު މޯހަން ބުނީ އިތުރަށް ރަނގަޅު ކުރަން ކެތްތެރިކަން ބޭނުންވާކަމަށް
ކާމިޔާބާ އެކު މޯހަން ބުނީ އިތުރަށް ރަނގަޅު ކުރަން ކެތްތެރިކަން ބޭނުންވާކަމަށް

ގައުމީ ފުޓްބޯޅަ ޓީމުގެ ނަތީޖާތައް އިތުރަށް ރަނގަޅު ކުރަން ކެތްތެރިކަން އިހްތިޔާރު ކުރަން ޖެހޭ ކަމަށް ގައުމީ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) ބުނެފި އެވެ.

ސައުތު އޭޝިއަން ސުޕަ ކަޕްގެ ނަމުގައި ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަނުން އިންތިޒާމު ކުރި ދެ މެޗު، އެގްރިގޭޓް ނަތީޖައިން ލަންކާ ބަލިކޮށް ރާއްޖޭން ވަނީ އެ ތަށި ހޯދައިފަ އެވެ.

މިދިޔަ މަހު ފަހުކޮޅު ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވި މޯހަންގެ ކޯޗުކަމުގެދަށުން ގައުމީ ޓީމުން ކުރިމަތިލި ފުރަތަމަ ޗެލެންޖް ކާމިޔާބު ކުރުމަށް ފަހު އޭނާ ބުނީ ގައުމީ ޓީމާ އެކު ކުރި މަސައްކަތުގެ އުނދަގޫކަން ކިޔައި ދޭން ވެސް ނޭނގޭ ކަމަށެވެ.

އޭގެ ސަބަބަކީ ރާއްޖޭގެ ޑޮމެސްޓިކް ލީގު ނުކުޅޭތާ ދެޅު އަހަރު ވެގެން ދިއުން ކަމަށް މޯހަން ބުންޏެވެ.

"ފުޓްބޯޅަ ނުކުޅެ ދޮޅު އަހަރުވެގެން ދިޔައީމަ މިއަދުގެ މެޗަށް އައިއިރު އެ އަޅުގަނޑުމެންގެ ކުޅުންތެރިންގެ ފިޓްނަސް ބައި ވަރަށް ބޮޑަށް އުނދަގޫކޮށް ފެނިގެންދިޔަ،" މޯހަން ބުންޏެވެ.

ލަންކާއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗު ރާއްޖޭން ކާމިޔާބު ކުރީ 3-0 ންނެވެ. އެ މެޗު ރާއްޖޭން ޑޮމިނޭޓް ކުރި އެވެ. މޯހަން ބުނީ ފުރަތަމަ މެޗުގައި ކުޅުންތެރިން މަސައްކަތް ކުރީ ގައިގައި ހުރި ހުރިހާ ހަކަތައެއް ދީގެން އެ މެޗުން ނަތީޖާ ނެރެން ކަމަށެވެ.

"ފުރަތަމަ ދުވަހު މަސައްކަތް ކުރީ ގައިގައި ހުރި ހުރިހާ ހިތްވަރެއް ނެރެގެން ފުރަތަމަ ދުވަހު އެހާ ރަނގަޅު ނަތީޖާއެއް ނެރުނީ،" މޯލްޑިވްސޮކާ އަށް ދިން އިންޓަވިއުގައި މޯހަން ބުންޏެވެ.

"އެކަމަކު ދެވަނަ ދުވަހަށް އައިރު އަޅުގަނޑުމެން ރިކަވާއެއް ނުވޭ."

އޭނާ ބުނީ އެހާ ކައިރިކައިރީގައި ދެ މެޗު ކުޅެން ޖެހުނު އިރު ރިކަވާ ނުވި ސަބަބަކީ ލީގު ނުކުޅެ އެހާ ދިގު މުއްދަތެއް ފާއިތުވެގެން ދިއުމުން ކަމަށެވެ.

މި މަހު ލީގު ފަށަން އެފްއޭއެމުން ވަނީ ކަލަންޑަރު އެކުލަވާލައިފަ އެވެ. މޯހަން ބުނީ ލީގު ފެށުމުން މުސްތަގުބަލުގައި ގައުމީ ޓީމުގެ ފިޓްނަސް މައްސަލަ ރަނގަޅު ވަމުން އަންނާނެ ކަމަށެވެ.

އެކަމަކު ގައުމީ ޓީމުގެ ފެންވަރު ރަނގަޅު ކުރަން ވަގުތާއި ކެތްތެރިކަން ބޭނުންވާނެ ކަމަށް ތަޖުރިބާކާރު ކޯޗު ބުންޏެވެ.

"މިހުރިހާ ކަމަކަށް ދުވަސް ނަގާނެ. މި ޕްރޮސެސް އަށް ވަގުތު ނަގާނެ. މެޗުތަކުގެ ނަތީޖާ އެގޮތް މިގޮތަށް އަންނަ ދުވަސްތައް (ކުރިއަށް އޮތް ތަނުގައި) ވެސް އަންނާނެ،" މޯހަން ބުންޏެވެ.

"އެހެން ނަމަވެސް ހުރިހާ އެންމެން އެކައްޗެއް ކިޔައިގެން އެކައްޗެއްގެ ގޮތުގައި ކެތްތެރިކަމާ އެކު ތިބެއްޖެނަމަ އިރާދަކުރެއްވިއްޔާ ދިވެހިރާއްޖޭގެ ފުޓްބޯޅަ ކުރިއަށްދާތަން ފެންނާނެ."

އޭނާ ބުނީ ލަންކާއާ ދެކޮޅަށް ކުޅުނު ދެ މެޗުގައި ވެސް ކުޅުންތެރިން ކުރި މަސައްކަތް އެންމެންނަށް ފެންނާނެ ކަމަށެވެ. ފުރަތަމަ މެޗުގައި ވަރަށް ރަނގަޅަށް ކުޅެ ދެވަނަ މެޗުގައި ކުޅުންތެރިންނަށް ގޯސްތަކެއް ހެދުނީ ވެސް ވަރުބަލި ކަމުގެ ސަބަބުން ކަމަށް އޭނާ ބުންޏެވެ.

އެކަމަކު މޯހަން ބުނި ގޮތުގައި ދެ މެޗުގެ އެގްރިގޭޓް ނަތީޖާއިން ކުރި ހޯދައި އެ ތައްޓާ އެކު ގައުމީ ޓީމުގެ ހެޑް ކޯޗުގެ ގޮތުގައި އޭނާގެ ދައުރު ފެށުމަކީ ލިބުނު އުފަލެކެވެ.

"މިއީ އަދި ފެށުން. ފެށުމުގައި ހުރި ޕްރެޝަރު ކިޔައިދޭކަށް ވެސް އަޅުގަނޑަކަށް ނޭނގެ،" މީގެ ކުރިން ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަން ވެސް ކުރި މޯހަން ބުންޏެވެ.

އޭނާގެ ކޯޗުކަމުގެދަށުން ގައުމީ ޓީމުން ދެން ކުރިމަތިލާނީ އޭޝިއަން ކަޕް ކޮލިފައިންގައި ތަޖިކިސްތާނާ ދެކޮޅަށް އެ ގައުމުގައި ކުޅޭ މެޗަށެވެ.