09 ސެޕްޓެމްބަރ 2025 - 21:41

ލަންކާ އަތުން ރާއްޖެ ބަލިނުވެ އޮތް ރެކޯޑް ދަމަހައްޓައި ދެވުމުން ހިތްހަމަޖެހުން ލިބޭ ކަމަށް ގައުމީ ޓީމުގެ ކީޕަރު މުހައްމަދު ފައިސަލް ބުނެފި އެވެ.

ސައުތު އޭޝިއަން ސުޕަ ކްޕަގެ ނަމުގައި ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަނުން އިންތިޒާމު ކުރި ދެ ލެގްގެ ތެރެއިން ދެވަނަ މެޗުގައި ނިމުނީ 1-1 ން އެއްވަރުވެގެންނެވެ.
ފުރަތަމަ މެޗު ރާއްޖޭން ލަންކާގެ މައްޗަށް ޑޮމިނޭޓް ކުރި އެވެ. އެކަމަކު ދެވަނަ މެޗު ލަންކާއިން ވަނީ ރާއްޖޭގެ މައްޗަށް ޑޮމިނޭޓްކޮށްފަ އެވެ. ގިނަ ހަމަލާތައް އުފެއްދީ ވެސް ލަންކާގެ ޓީމެވެ.
ލަންކާގެ ހަމަލާތައް ދިފާއު ކުރުމުގައި ފައިސަލް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ދެވަނަ މެޗުގެ މޮޅު ކުޅުތެރިޔަކަށް ވެސް ހޮވުނީ އޭނާ އެވެ.
ލަންކާ އާއި ރާއްޖޭގެ ކުރިމަތިލުންތަކުގައި ލަންކާ އަށް ރާއްޖޭގެ މައްޗަށް މޮޅު ނުވެވޭތާ 23 އަހަރު ވެއްޖެ އެވެ. ލަންކާއިން އެންމެ ފަހުން ރާއްޖޭގެ މައްޗަށް މެޗަކުން މޮޅުވީ އޭޕްރީލް 2002 ގަ އެވެ. އޭގެ ފަހުން މިހާތަނަށް ކުޅުނު 12 މެޗުގެ ތެރެއިން ރާއްޖޭން ވަނީ ހަތް މެޗުން މޮޅުވެފަ އެވެ.
އެ ރެކޯޑް ރާއްޖެ އަށް ދަމަހައްޓައި ދިނުމުގައި މިއަދު މޮޅު ކުޅުމެއް ދެއްކި ފައިސަލް ބުނީ އެ ރެކޯޑް ދަމަހައްޓައި ދެވުމުން އުފާވާ ކަމަށެވެ.
"އަހަރެމެން އެންމެން މަސައްކަތް ކުރިން ބަލިނުވެ ގައުމަށް ދާން. ލަންކާ އަހަރެމެން އަތުން މޮޅެއް ނުވޭ. (މޮޅު ނުވާތާ 23 އަހަރު). އެ (ރެކޯޑް) ހިފެހެއްޓުމަށްޓަކައި މަސައްކަތް ކުރިން،" ފައިސަލް ބުންޏެވެ.
އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ފައިސަލް ގައުމީ ޓީމާ އެކު މެޗެއް ކުޅުނީ ދެ އަހަރަށް ފަހު އެވެ. އޭނާ ބުނި ގޮތުގައި ރާއްޖޭގެ ޑޮމެސްޓިކް ލީގު ނުކުޅޭތާ ދެ އަހަރު ވެފައިވަނިކޮށް، ލަންކާއާ ދެކޮޅަށް ކާމިޔާބު ހޯދުމަކީ ލިބުނު ހިތްހަމަޖެހުމެކެވެ. ލަންކާގެ ދެ މެޗަށް ތައްޔާރުވާން ޕްރެކްޓިސް ކުރީ ވެސް ހަފުތާއަކަށް ވުރެ ކުރު މުއްދަތެއްކަން އޭނާ ފާހަގަ ކުރި އެވެ.
"ކުޑަ މުއްދަތެއްގައި މި ކުރި ޕްރެކްޓިސްތަކުން ނަތީޖާ ގޯހެއް ނޫން. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތަނުގައި މިއަށް ވުރެ ރަނގަޅު ނަތީޖާތަކެއް އަހަރެމެންގެ ފަރާތުން ފެންނާނެ،" އޭނާ ބުންޏެވެ.