09 ސެޕްޓެމްބަރ 2025 - 13:18

މީޑިއާގެ މިނިވަންކަން ހަނިކުރެވޭ މާއްދާތަކާއެކު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލް ދިރާސާކުރަން މިއަދު ބޭއްވި މަޖިލީހުގެ ކޮމިޓީ ސިއްރުކުރުމުން ނޫސްވެރިން މަޖިލިސް ކުރިމަތީގައި މުޒާހަރާކުރަން ފަށައިފި އެވެ.
ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރު ހުށަހަޅުއްވާފައިވާ އެ ބިލާ މެދު ނޫސްވެރިންނާއި މީޑިއާ ކައުންސިލާއި ޖާނަލިސްޓްސް އެސޯސިއޭޝަނާއި ބޭރުގެ ގިނަ ޖަމިއްޔާތަކަކުން ކަންބޮޑުވުން ފާޅުކޮށްފައިވާ ވަނިކޮށް، ދައުރުން ބޭރު ޖަލްސާއެއްގައި އެ ބިލް މިދިޔަ މަހު މަޖިލީހުން ވަނީ ބަލައިގެންފަ އެވެ.
ބިލު ބަލައިގަނެ ކޮމިޓީ މަރުހަލާ ކުރިއަށް ގެންދާނީ މަޝްވަރާ އާއި ހިޔާލު ހޯދައިގެން ކަމަށް ކުރިން ބުނެފައިވީ ނަމަވެސް، އެކަމަށްޓަކައި މިއަދު ބޭއްވި މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ ވަނީ ސިއްރުކޮށްފަ އެވެ.
ކޮމިޓީ ސިއްރުކޮށް، އެތަނުން ނޫސްވެރިން ނެރުމާއެކު ކަންބޮޑުވުން ފާޅުކޮށް، ނޫސްވެރިންގެ މުޒާހަރާއެއް މަޖިލިސް ކައިރީގައި ވަނީ ފަށައިފަ އެވެ. ނޫސްވެރިން ގޮވާލަމުން ދަނީ ސިއްރުން ކޮމިޓީ ބައްދަލުވުންތައް ނުބާއްވައި، ބިލު ބޭރުކުރުމަށެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުން ސިއްރުކުރަން ހުށަހެޅީ އާންމުންގެ ފަރާތުން ބިލަށް ލިބިފައިވާ ހިޔާލުތައް ހުށަހަޅާއިރު ޒާތީ މައުލޫމާތު އާންމުވެދާނެ ކަމަށް ބުނެ އެވެ. އަދި ބިލުގެ ކޮންމެ މާއްދާއަކަށް ވެސް 10-12 ކޮމެންޓް އާންމުންގެ ފަރާތުން ލިބިފައިވާ ކަމަށް ކޮމިޓީގެ މުގައްރިރު ހުސެއިން ރިޒާ ވިދާޅުވި އެވެ.
މީގެކުރިން ކޮމިޓީން ވަނީ ބިލާ ގުޅޭ ގޮތުން ހިޔާލު ހޯދަން ބަންޑާރަ ނައިބުގެ އޮފީހާއި ޔޫތު މިނިސްޓްރީ އަދި މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަނާއެކު ތާވަލުކުރި ބައްދަލުވުންތައް ކެންސަލްކޮށްފަ އެވެ.
ބިލާ ދިރާސާކުރުމުގެ ތެރެއިން ބްރޯޑްކާސްޓިން ކޮމިޝަން އަދި މީޑިއާ ކައުންސިލް ކޮމިޓީއަށް ހާޒިރުކުރުމުން އެ ދެ މުއައްސަސާއިން ވެސް ވަނީ ބިލާ ދެކޮޅު ހަދައިފަ އެވެ. އޭގެފަހުން މީޑިއާތައް ހާޒިރުކުރި ކޮމިޓީގައި ވާހަކަ ދެއްކި 20 ވަރަކަށް މީޑިއާއިން ވެސް ވަނީ ބިލާ ދެކޮޅުކަން ހާމަކޮށް ބިލު ބޭރުކުރަން އެދިފަ އެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުން ސިއްރު ކުރިއިރު، އެ ބައްދަލުވުމުގައި ބިލު ފާސްކުރާނެ ކަމަށް ބެލެވެ އެވެ. ކޮމިޓީން މީގެކުރިން ވަނީ މި މަހުގެ 15 ވަނަ ދުވަހުގެ ކުރިން އެ ބިލުގެ މަސައްކަތް ނިންމަން ފާސްކޮށްފަ އެވެ.
އެ ބިލް ދިރާސާކުރުމުގެ މަސައްކަތް ކޮމެޓީން ކުރަމުންދާއިރު، އަންނަ ހޯމަ ދުވަހަށް މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް ވެސް ވަނީ ބާއްވަން އެޖެންޑާކޮށްފަ އެވެ.