09 ސެޕްޓެމްބަރ 2025 - 10:37

ބ. ދޮންފަނުގެ ބިން ނުހިއްކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.
ދޮންފަނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އެ ރަށުގެ ފަޅުން 13 ހެކްޓަރުގެ ބިން ހިއްކަން ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ، މިދިޔަ މަހު ރައީސް މުއިއްޒު އެ ރަށަށް ކުރެއްވި ދަތުރުފުޅުގަ އެވެ.
އެކަމަކު، ދޮންފަނުގެ ބިން ހިއްކައިފި ނަމަ، އެ ރަށާ ޖެހިގެން އޮންނަ ހަނިފަރުގެ ސަރަހައްދަށް ވަރަށް ބޮޑަށް ގެއްލުންވާނެ ކަމަށް ބެލެވޭތީ އެ ޕްރޮޖެކްޓް ހިންގުން ހުއްޓާލުމަށް ގޮވާލައި ޕެޓިޝަނެއްގައި އަންނަނީ ސޮއިކުރަމުންނެވެ.
ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަށްރަށުގައި ކުރާނެ ކަންކަމާ ބެހޭ ގޮތުން ވައުދު ވަނީ އެ ރަށެއްގެ ރައްޔިތުންގެ ފަރާތުން އެކަމަކަށް އެދުމުން ކަމަށެވެ. ރައްޔިތުން ބޭނުން ނުވާ ކަމެއް މި ސަރުކާރުން ނުކުރާނެ ކަމަށް ވިދާޅުވި އެވެ.
"މިއީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރާ، ރައްޔިތުން އެދޭ އަމާޒަަށް މަސައްކަތް ކުރާ ސަރުކާރެއް،" ރައީސް ވިދާޅުވި އެވެ.
"މިގޮތުން ބ. ދޮންފަނުގެ ރައްޔިތުންގެ އެދުމުގެ މަތިން އެ ރަށުގައި ބިން ހިއްކުމުގެ މަޝްރޫއެއް ހިންގަން ވައުދުވިން. އަދި އެ ވައުދު ފުއްދުމަށް އެގްރީމެންޓްގައި ސޮއިކުރިން. ނަމަވެސް، ރައްޔިތުން އެކަން މިހާރު ބޭނުން ނުވާ ކަމަށް އަޅުގަނޑަށް ރައްޔިތުންގެ ފަރާތުން މައުލޫމާތު ލިބިފައި ވަނީ. އެހެންކަމުން، އެ ރަށުގެ ބިން ހިއްކުން ސަރުކާރުން ކުރިޔަށް ނުގެންދާނެ ވާހަކަ ދަންނަވަން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ދޮންފަނުގެ ކައުންސިލަށް ރަސްމީކޮށް މިނިސްޓްރީން މިއަދު އެކަން އަންގާނެ އެވެ.
ދޮންފަނުން އެންމެ ފަހުން ގޯތި ދޫކުރީ 2011 ގަ އެވެ. ރައްޔިތުން އެދުމުގެ މަތިން ސަރުކާރުން ނިންމީ، އެ ރަށުގައި 13 ހެކްޓަރުގެ ބިން ހިއްކުމަށެވެ. މިއީ ގާތްގަނޑަކަށް ރަށުގެ ސައިޒަށް ވުރެ ދެގުނަ ބޮޑު އަދަދެކެވެ.
ބ. ދޮންފަނުގެ ބިން ހިއްކައިފި ނަމަ، އެ ރަށާއި ޖެހިގެން އޮންނަ ހަނިފަރުގެ ސަރަހައްދަށް ވަރަށް ބޮޑަށް ގެއްލުންވާނެ ކަމަށް ބެލެވޭތީ ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ.
ހަނިފަރު އޮންނަނީ ދޮންފަނުގެ އިރުން ގާތްގަނޑަކަށް ކިލޯމީޓަރެއްހާ ކައިރީގަ އެވެ.
ގިނަ އަދަދެއްގެ ފެހުރިއްސާއި މަޑި ފެންނަ "ހަނިފަރު ބޭ" އަކީ ޔުނެސްކޯ ބަޔޮސްފިޔާ ރިޒާވެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބ. އަތޮޅުގައި އޮންނަ ސަރުކާރުން ހިމާޔަތްކޮށްފައިވާ ސަރަހައްދެކެވެ. ކަނޑުގެ އެކި ދިރުންތަކުން މުއްސަނދި އެ ސަރަހައްދަކީ ރާއްޖެ އަންނަ ޓޫރިސްޓުންގެ މެދުގައި ވެސް ވަރަށް މަގުބޫލު ތަނެކެވެ.
ސަރުކާރުން 2009 ވަނަ އަހަރު ހިމާޔަތްކޮށްފައިވާ އެ ސަރަހައްދުގައި އޮއި ދައުރުވަނީ އެހެން ސަރަހައްދުތަކާ ވަރަށް ތަފާތު އަދި ހާއްސަ ގޮތަކަށެވެ.
ހުޅަނގު މޫސުމުގައި އެ ސަރަހައްދުގައި އޮއި ދައުރުވާ ގޮތުގެ ސަބަބުން ގިނަ އަދަދެއްގެ ފެހުރިއްސާއި އެންމަޑި ކާނާ ހޯދުމަށް އެތަނަށް ޖަމާވެ އެވެ. ބ. އަތޮޅުގެ ރަމްޒެއްގެ ގޮތުގައި ބަލާ އެއްމަޑި ވިހައި އާލާވުމަށް ވެސް އެ ސަރަހައްދަށް އެއްވެ އެވެ. އެއީ ނެތިދިއުމުގެ ބިރުހީވެފައިވާ ދިރުންތަކަށް ވާތީ، އެއީ މުޅި ދުނިޔެއަށް ވެސް ގުދުރަތީ ގޮތުން ވަރަށް މުހިންމު ސަރަހައްދެކެވެ.