09 ސެޕްޓެމްބަރ 2025 - 11:26

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ މެޑިކަލް އިންޓާންޝިޕަށް ކުރިމަތިލުމުގެ ފުރުސަތު އެ ހޮސްޕިޓަލުން ހުޅުވާލައިފި އެވެ.
އައްޑޫ ހޮސްޕިޓަލުން ކުރި އިއުލާނެއްގައި ބުނީ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމުގެ އެއް ވަނަ އިންޓޭކްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށާއި 15 ފަރާތަކަށް ޖާގަދޭން ނިންމާފައިވާ ކަމަށެވެ.
އެ އިންޓާންޝިޕަށް ޝަރުތު ހަމަވާނީ މެޑިކަލް ކޮލެޖު ނުވަތަ ޔުނިވާސިޓީން ދޫކޮށްފައިވާ އެމްބީބީއެސް ފުރިހަމަކުރި ކަމުގެ ސެޓްފިކެޓް އޮތް ފަރާތްތަކާއި މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުގެ ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރަޖިސްޓްރޭޝަން ސެޓްފިކެޓް އޮތް ފަރާތްތަކަށެވެ. އަދި ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި އެއްވެސް ޕޮލިސް ރިކޯޑެއް ނެތް މީހަކަށް ވާންޖެހެ އެވެ.
ހޮސްޕިޓަލުން ބުނި ގޮތުގައި އެޕްލިކޭޝަން ފޯމާ އެކު އެމްބީބީއެސް ފުރިހަމަކުރި ކަމުގެ ސެޓްފިކެޓާއި ޕޮލިސް ކްލިއަރެންސް ސެޓްފިކެޓްގެ ކޮޕީ ފަދަ ލިޔުންތައް ހުށަހަޅަން ޖެހެ އެވެ. އަދި އިންޓާންޝިޕް ޕްރޮގްރާމަށް ހޮވޭ ފަރާތްތަކުން ޕްރޮގްރާމު ފެށުމުގެ ކުރިން ހޮސްޕިޓަލުން އެންގުމުން ސެޓްފިކެޓްތަކުގެ އަސްލު ގެންދަން ޖެހޭނެ ކަމަށް އިއުލާނުގައިވެ އެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ އެޑްމިން އޮފީހާއި އީމެއިލް މެދުވެރިކޮށް އެކަމަށް އެދި ހުށަހެޅޭނެ އެވެ. އަދި އީމެއިލް މެދުވެރިކޮށް ފޮނުވާ ނަމަ، އެޕްލިކޭޝަން ފޯމާ އެކު ހުރިހާ ލިޔެކިޔުންތަކެއް އެއް ޕީޑީއެފް ފައިލުގައި ހިމަނަން އެދިފައިވެ އެވެ.
އެ ހޮސްޕިޓަލުން ބުނި ގޮތުގައި ޕްރޮގްރާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން 15 އަށް ވުރެ ގިނަ ފަރާތްތަކުން ޕްރޮގްރާމަށް ޝަރުތު ހަމަވާ ނަމަ، ބައިވެރިން ހޮވުމުގައި އިސްކަން ދޭނީ އެމްބީބީއެސް ފުރިހަމަ ކޮށްފައިވާ ތާރީހަށް ބަަލައި ކޯސް ފުރިހަމަކުރި ފަހުން ގިނަ ދުވަސްވެފައިވާ ފަރާތްތަކަށެވެ.
މޯލްޑިވްސް މެޑިކަލް ކައުންސިލްގެ ގަވާއިދު އޮންނަ ގޮތުން ޕްރެކްޓިސް ކުރުމަށް ޑޮކްޓަރުންނަށް ލައިސެންސް ދެވޭނީ 5-6 އަހަރުގެ ކިޔެވުމަށް ފަހު އެއް އަހަރުގެ އިންޓާންޝިޕެއް ފުރިހަމަ ކުރުމުންނެވެ.
އައިޖީއެމްއެޗްގައި އިންޓާންޝިޕް ޑިމާންޑު ބޮޑުވުމުން، އޭޑީކޭ ހޮސްޕިޓަލުގައި އިންޓާންޝިޕް ޕްރޮގްރާމް ފަށައިދިނުމަށް ހެލްތު މިނިސްޓްރީން އެދިގެން އެ ޕްރޮގްރާމު ދަނީ ހިންގަމުންނެވެ. އެކަމަކު އެތަނުން ޕްރޮގްރާމު ހިންގަނީ ޑޮކްޓަރުންގެ އަތުން މަހަކު 14،500ރ. ގެ ފީއެއް ނަގައިގެންނެވެ. އޭޑީކޭގައި 20 ޑޮކްޓަރުން ދަނީ އިންޓާންޝިޕް ހަދަމުންނެވެ.