09 ސެޕްޓެމްބަރ 2025 - 09:15

ހިންމަފުށީގައި ހުންނަ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރަށް ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ވަދެ، އޮޕަރޭޝަނެއް ފަށައިފި އެވެ.
މަސްތުވާތަކެތިން ސަލާމަތްވުމަށް ފަރުވާ ހޯދާ މީހުން ތިބޭ އެ ސެންޓަރަށް ފުލުހުން ވަނީ، އެ ތަނުގައި ގެންގުޅުން މަނާ ބައެއް ތަކެތި ގެންގުޅޭ ކަމުގެ މައުލޫމާތަކާ ގުޅިގެން ކަމަށް "މިހާރު" އަށް ވަނީ އެނގިފަ އެވެ.
އެ އޮޕަރޭޝަނާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.
ނޭޝަނަލް ޑްރަގު އެޖެންސީ (އެންޑީއޭ) ގެ ޗެއާމަން އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލުބްނާ ޒާހިރު ހުސައިން ވިދާޅުވީ ޝައްކެއް ނުކުރެވޭ ހާލަތުގައި ވެސް، އެންޑީއޭގެ ދަށުގައި ހުންނަ ރިހެބިލިޓޭޝަން ސެންޓަރުތަކާއި އެހެން ތަންތަނުގައި ވެސް ދޭތެރެއަކުން އޮޕަރޭޝަން ހިންގާ ކަމަށެވެ.
އެކަމަކު ލުބްނާ ވިދާޅުވި ގޮތުގައި މިއަދު އޮޕަރޭޝަން ކުރިއަށް ދަނީ ސެންޓަރަށް ފޯނު ވައްދައިގެން ގެންގުޅޭ ކަމުގެ މައުލޫމާތު ލިބިގެން ކަމަށެވެ. އަދި މި އޮޕަރޭޝަނުގައި މުޅި ތަން ބަލައި ފާސްކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.