09 ސެޕްޓެމްބަރ 2025 - 08:52

ރަޝިޔާގައި އުފައްދައި ޓެސްޓުކުރަމުން އައި ކެންސަރު ވެކްސިން، އެންޓެރޮމިކްސް، ކްލިނިކަލް ޓްރަޔަލްތަކުގައި 100 ޕަސެންޓް ކާމިޔާބު ކަމަށް އިއުލާނުކޮށްފި އެވެ.
"ރަޝިޔާގެ އެންޓެރޮމިކްސް ކެންސަރު ވެކްސިން މިހާރު ވަނީ ކްލިނިކަލް ބޭނުންތަކަށް ތައްޔާރުވެފައި،" ފެޑެރަލް މެޑިކަލް އެންޑް ބަޔޮލޮޖިކަލް އެޖެންސީ (އެފްއެމްބީއޭ) އިން ބުންޏެވެ.
ކޮވިޑްގެ ވެކްސިނާ އެއްގޮތަށް އުފެއްދި މި އެމްއާރްއެންއޭ ވެކްސިންނާ ބެހޭ ގޮތުން އެފްއެމްބީއޭގެ ވެރިޔާ ވެރޮނިކާ ސްކޮޓްޒޯވާ ވިދާޅުވީ ޕްރީކްލިނިކަލް މަރުހަލާގައި މިއީ ނަތީޖާ ވަރަށް ރަނގަޅު އަދި ރައްކާތެރި އެއްޗެއްކަން ކަށަވަރުވެފައިވާ ކަމަށެވެ.
މި ވެކްސިނުން ކެންސަރުގެ ޓިއުމަރުތައް ކުޑަކޮށްލައި އަދި ފެތުރުނަ ނުދީ ހިފަހައްޓާ ކަމަށް ވަނީ ބުނެފަ އެވެ. ކޮންމެ މީހަކަށް އެ މީހެއްގެ ހާލަތާ ގުޅޭ ގޮތަށް ބަދަލުކުރެވޭ މި ވެކްސިން ތަކުރާރުކޮށް ބޭނުންކުރުމަށް ވެސް ރައްކާތެރި ކަމަށް ބުންޏެވެ.
ވެކްސިން ދޭނީ ކޮންމެ މީހަކަށް ވެސް އެ މީހެއްގެ އާރްއެންއޭއާ ގުޅޭ ގޮތަށް ބަދަލުތައް ގެނެސްގެން ކަމަށް ސްކޮޓްޒޯވާ ވިދާޅުވެފައިވެ އެވެ.
ރަޝިޔާ ސަރުކާރުގެ ނޫހެއް ކަމަށްވާ ސްޕަޓްނިކް އަށް ދެއްވި އިންޓަވިއެއްގައި އޭނާ ވިދާޅުވި ގޮތުގައި މި ވެކްސިންގެ ފުރަތަމަ ބާވަތް ބޭނުންކުރާނީ ކޮލޮރެކްޓަލް ކެންސަރުގެ ބަލި މީހުންނަށެވެ. އަދި އަނެއް ބެޗް، ސިކުނޑީގެ ނުރައްކާތެރި އަދި އާންމު ކެންސަރެއް ކަމަށްވާ ގްލިއޯބްލާސްޓޯމާ އާއި ހަމުގެ ކެންސަރުތަކާ ދެކޮޅަށް ބޭނުންކުރާނެ ކަމަށް ވިދާޅުވި އެވެ.
އެމްއާރްއެންއޭގެ ވެކްސިންތައް މަސައްކަތް ކުރަނީ މެސެންޖާ އާރްއެންއޭގެ ބައިތަކެއް ހަށިގަނޑަށް ތައާރަފްކޮށް، ސެލްތަކުން ވަކި ޕްރޮޓީނެއް އުފައްދަން މެސެޖު ދީގެންނެވެ. އާރްއެންއޭ ނުވަތަ ރައިބޯނިއުކްލިކް އެސިޑަކީ ދިރޭ ސެލްތަކުގެ ގިނަ ބަޔޮލޮޖިކަލް މަސައްކަތްތަކަށް ކޮންމެހެން ބޭނުންތެރި ޕޮލިމެރިކް މޮލިކިއުލް އެކެވެ. ދިފާއީ ނިޒާމުން މި ޕްރޮޓީން އަކީ ބޭރުގެ ޕްރޮޓީނެއްކަން ދެނެގަނެ، އެއާ ދެކޮޅަށް މަސައްކަތް ކުރުމަށް އެންޓިބޮޑީސް އުފައްދަ އެވެ. ކެންސަރު ބަލީގެ ހާލަތްތަކުގައި، ދިފާއީ ނިޒާމަށް ކެންސަރުގެ ސެލްތައް ދެނެގަނެ، ހަމަލާދިނުމަށް އެހީތެރިވެދޭ ގޮތަށް މި ޕްރޮސެސް ތައްޔާރުކުރަނީ އެވެ.