08 ސެޕްޓެމްބަރ 2025 - 19:50

މަގުތަކާއި އާންމު ތަންތަން ދިއްލުމަށް ކައުންސިލްތަކަށް އާއްމު ރޭޓުން ބިލްކުރާ ގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
މީގެކުރިން މަގުބައްތި އާއި ޕާކުތައް އަދި އާންމު މައިދާންތަކުގައި ކަރަންޓަށް ބިލްކުރަމުން އައީ ގަވަމެންޓު ރޭޓުގަ އެވެ. އެ ރޭޓުތައް ފެށެނީ 100 ޔުނިޓަށް 4.50ރ. އިންނެވެ. ޔުނިޓް ބޮޑުވާ ވަރަކަށް ރުފިޔާގެ އަދަދު އިތުރުވެ އެވެ. މި ރޭޓުގައި 600 ޔުނިޓަށް 7.50ރ. ނަގަ އެވެ.
ޑޮމެސްޓިކް ރޭޓުތައް ފެށެނީ 100 ޔުނިޓަށް 1.25ރ. އިންނެވެ. މި ރޭޓުން 600 ޔުނިޓަށް ބޮޑުވެގެން އަރަނީ 3.83ރ. އެވެ.
ރައީސް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ލާމަރުކަޒީ ނިޒާމު އިތުރަށް ތަރައްގީ ކުރުމަށް ކުރެވޭ ކަންކަމުގެ ތެރެއިން، ޖެނުއަރީ 1، 2026 އިން ފެށިގެން، ރާއްޖޭގެ ހުރިހާ ސިޓިތަކާއި ރަށްރަށުގެ މަގުތަކާއި އާއްމު ތަންތަން ދިއްލަން ކައުންސިލްތަކަށް ފެނަކަ އާއި ސްޓެލްކޯއިން ބިލް ކުރާނީ ޑޮމެސްޓިކް ރޭޓުން ކަމަށެވެ.
ނަތީޖާއެއްގެ ގޮތުން މުނިސިޕަލް އެހެން ހިދުމަތްތަކަށް ހަރަދު ކުރަން ލިބޭ އަދަދު ބޮޑުވެގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ކައުންސިލްތަކަށް ޑޮމެސްޓިކް ރޭޓުން ބިލްކުރާ ގޮތަށް ރައީސް ހަމަޖައްސަވާފައިވާއިރު، އެމަނިކުފާނު ވަނީ މިސްކިތްތަކުގެ ކަރަންޓް ބިލް ވެސް ޑޮމެސްޓިކް ރޭޓުން ބިލް ކުރާ ގޮތަށް މިދިޔަ އަހަރު ހަމަޖައްސަވައިފަ އެވެ.