ފަވާދު ޚާންގެ ބޮލީވުޑް ފިލްމު އިންޑިއާ ނޫން އެހެން ގައުމުތަކުގައި ރިލީޒްކުރަނީ
ފަވާދު ޚާންގެ ބޮލީވުޑް ފިލްމު އިންޑިއާ ނޫން އެހެން ގައުމުތަކުގައި ރިލީޒްކުރަނީ

ޕާކިސްތާނުގެ މަޝްހޫރު އެކްޓަރު ފަވާދު ޚާން ބޮލީވުޑަށް އެނބުރި އަންނަން ކުޅުނު ފިލްމު "އަބީރް ގުލާލް" އިންޑިއާ ނޫން އެހެން ގައުމުތަކުގައި ރިލީޒްކުރަން ނިންމައިފި އެވެ.

"އަބީރް ގުލާލް" ރިލީޒްކުރަނީ އަންނަ ހުކުރު ދުވަހު އެވެ. އެ ފިލްމު އިންޑިއާ ނޫން 75 ގައުމެއްގެ ސިނަމާތަކުގައި ދައްކާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

އެ ފިލްމުގެ ޕްރިމިއާ އިވެންޓް މިދިޔަ މަހު 29 ގައި ވަނީ ޔޫއޭއީގައި ބާއްވައިފަ އެވެ. އަދި ޕާކިސްތާނުގެ ސިނަމާތަކުގައި ހަމަ އެ ދުވަހު އެ ފިލްމު ދައްކަން ވަނީ ފަށައިފަ އެވެ.

އެ ފިލްމު އިންޑިއާގައި ނުދައްކަން ނިންމީ ކަޝްމީރުގެ އިންޑިއާ ފަޅީގައި އޮންނަ ޕަހަލްގާމްގައި މިދިޔަ އެޕްރީލް މަހު 26 މީހަކު މަރާލި ޓެރަރިސްޓް ހަމަލާއާ ގުޅިގެން ޕާކިސްތާނުގެ ފަންނާނުން އިންޑިއާގައި މަސައްކަތްކުރުން މަނާކުރުމާ ގުޅިގެންނެވެ.

އެ ހަމަލާއަށް ފަހު، މި ފިލްމު އިންޑިއާގައި ރިލީޒްކުރުމުގެ ހުއްދަ ނުދޭން އިންޑިއާގެ ސަރުކާރުން ވެސް ނިންމި އެވެ.

ފަވާދު އެނބުރި ބޮލީވުޑް ދިއުމަށް ހަމަޖެއްސި އެ ފިލްމުގައި އޭނާއާ އެކު ލީޑު ރޯލު ކުޅުނީ ބޮލީވުޑްގެ އެކްޓްރެސް ވާނީ ކަޕޫރެވެ. އެއީ ރޮމޭންޓިކް ކޮމެޑީ ފިލްމެކެވެ.

"އަބީރް ގުލާލް" ޑައިރެކްޓުކުރީ "ޗަލްތީ ރަހޭ ޒިންދަގީ" ކިޔާ ހިންދީ ފިލްމެއް މިދިޔަ އަހަރު ގެނެސްދިން އާރްތީ އެސް ބަގްދީ އެވެ.

ފަވާދު ވަނީ ކުރިން ބޮލީވުޑްގެ ތިން ފިލްމެއް ކުޅެފަ އެވެ. ޕާކިސްތާނުގެ އެކްޓަރުން އިންޑިއާގައި މަސައްކަތްކުރުން އިންޑިއާގެ ފިލްމު އެސޯސިއޭޝަނުން 2016 ވަނަ އަހަރު މަނާކުރުމުން އޭނާ ބޮލީވުޑްގައި މަސައްކަތްކުރުން ހުއްޓާލި އެވެ. އެކަމަކު، މުމްބާއީގެ ހައިކޯޓުން މިދިޔަ އަހަރު އެ ނިންމުން ބާތިލުކުރުމުން އޭނާ ބޮލީވުޑްގެ އާ ފިލްމެއް ކުޅުނީ އެވެ.