މަރަދޫފޭދުއަށް އެރި ނަގޫރޯޅީގައި ގެއްލުންވި ހަ ގެއަކަށް އެހީވަނީ
މަރަދޫފޭދުއަށް އެރި ނަގޫރޯޅީގައި ގެއްލުންވި ހަ ގެއަކަށް އެހީވަނީ

އައްޑޫ، މަރަދޫފޭދުއަށް މިއަދު ހެނދުނު އެރި ނަގޫރޯޅީގައި ގެއްލުންވި ހަ ގެއަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

އެންޑީއެމްއޭ އިން ބުނީ ހަ ގެއަކަށް ލިބުނު ގެއްލުންތައް ބަލައި އައްޑޫ ސިޓީ ކައުންސިލާ އެކު އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ އޮތޯރިޓީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ގެއްލުން ލިބުނު ގެތަކުގެ ފުރާޅު މަރާމާތު ކުރުމުގެ މަސައްކަތް އަވަށު އޮފީހާއި އެމްއެންޑީއެފް ގުޅިގެން ކުރަމުން އަންނަ ކަމަށެވެ. އެ ގެތަކުގެ މީހުން ވަގުތީ ބޯހިޔާވަހިކަމާއި ކެއުންބުއިމުގެ ކަންކަން ބޭނުންނުވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އައްޑޫ ސިޓީ ކައުންސިލުގައި މަރަދޫ ފޭދޫ ތަމްސީލުކުރައްވާ ކައުންސިލަރު ހާލިދާ މުހައްމަދު "މިހާރު" އަށް ވިދާޅުވި ގޮތުގައި ނަގޫރޯޅި އެރީ ހެނދުނު 9 ޖެހިއިރެެވެ.

އެ ނަގޫރޯޅީގައި މީހުން ދިރިއުޅޭ ބައެއް ގެތަކުގެ ފުރާޅު އެއްލާލައި ބައެއް ގޭގޭގެ ވަށާ ފާރު ވެއްޓުން ފަދަ ގެއްލުންތައް ލިބުނު ކަމަށް ހާލިދާ ވިދާޅުވި އެވެ. އެ ހާދިސާގައި މީހަކަށް އަނިޔާއެއް ނުވެ އެވެ.