ޑިސެމްބަރުގެ ސްކޫލް ބަންދާ ދިމާކޮށް މެލޭޝިއާ އާއި ތައިލެންޑަށް މޯލްޑިވިއަންގެ ހާއްސަ ފްލައިޓްތަކެއް ބާއްވަނީ
ޑިސެމްބަރުގެ ސްކޫލް ބަންދާ ދިމާކޮށް މެލޭޝިއާ އާއި ތައިލެންޑަށް މޯލްޑިވިއަންގެ ހާއްސަ ފްލައިޓްތަކެއް ބާއްވަނީ

ގައުމީ އެއާލައިން، މޯލްޑިވިއަންއިން އަންނަ ޑިސެމްބަރު މަހުގެ ސްކޫލް ބަންދާ ދިމާކޮށް މެލޭޝިއާގެ ކުއަލަލަމްޕޫރާއި ތައިލެންޑުގެ ބެންކޮކަށް ހާއްސަ ފްލައިޓްތަކެއް ބާއްވަން ނިންމައި، ބުކިންއަށް ހުޅުވާލައިފި އެވެ.

ކުއަލަލަމްޕޫރާއި ބެންކޮކަކީ ދިިވެހިން ޗުއްޓީ ހޭދަކުރަން ދާ އެންމެ މަގުބޫލު މަންޒިލުތަކުގެ ތެރޭގައި ހިމެނޭ ދެ މަންޒިލެވެ. އެ ދެ މަންޒިލަށް މޯލްޑިވިއަންއިން ދަތުރުތައް ފަށަން ނިންމީ ޗުއްޓީ ބަންދުގައި އެ މަންޒިލުތަކަށް ދަތުރުކުރުމަށް އޮންނަ ޑިމާންޑު ބޮޑުވަމުން ދާތީ ކަމަށް އެ އެއާލައިނުން ބުންޏެވެ. މޯލްޑިވިއަންއިން ބުނީ އެ ދެ މަންޒިލަށް އޮތް ޑިމާންޑަށް ބަލައި، ޑިސެމްބަރު ބަންދުގައި ޖުމްލަ ހަތަރު ދަތުރު މި ދެ މަންޒިލަށް ކުރަން ހަމަޖެހިފައިވާ ކަމަށެވެ.

މޯލްޑިވިއަންއިން ކުއަލަލަމްޕޫރަށް ކުރާ ދަތުރުތަކުގެ ރިޓާން ފެއާ ފަށާ އަގަކީ 355 ޑޮލަރެވެ. އަދި ބެންކޮކް ދަތުރުތަކުގެ އަގުތައް ފެށެނީ 399 ޑޮލަރުންނެވެ. ކުއަލަލަމްޕޫރަށް ފްލައިޓްތައް އޮންނާނީ ޑިސެމްބަރު 21 ވަނަ ދުވަހުން ފެށިގެން ޖެނުއަރީ 11 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ އާދިއްތަ ދުވަހަކު އެވެ. އަދި ބެންކޮކަށް ފްލައިޓްތައް އޮންނާނީ 23 ޑިސެމްބަރުން ފެށިގެން ޖެނުއަރީ 11 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ އަންގާރަ ދުވަހަކު އެވެ. އެ ހުރިހާ ފެއާ އަކަށް ވެސް 25ކިލޯގެ ބެގެޖް އެލަވެންސް ލިބޭނެ އެވެ.

މޯލްޑިވިއަންގެ ވެބްސައިޓާއި މޮބައިލް އެޕް އަދި މޯލްޑިވިއަންގެ ކޯލް ސެންޓަރަށް ގުޅައިގެން ޓިކެޓް ބުކް ކުރެވޭނެ ކަމަށް އެ އެއާލައިނުން ބުންޏެވެ.