08 ސެޕްޓެމްބަރ 2025 - 09:30

އައްޑޫ، މަރަދޫފޭދޫއަށް މިއަދު ހެނދުނު ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

އައްޑޫ ސިޓީ ކައުންސިލުގައި މަރަދޫ ފޭދޫ ތަމްސީލުކުރައްވާ ކައުންސިލަރު ހާލިދާ މުހައްމަދު "މިހާރު" އަށް ވިދާޅުވީ ނަގޫރޯޅި އެރީ މީގެ ބައިގަޑިއެއްހާއިރު ކުރިން ކަމަށާއި ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ރަށަށް ލިބުނު ގެއްލުންތަކުގެ މައުލޫމާތު މިހާރު ވަނީ އެއްކުރަން ފަށައިފަ އެވެ. ތަފްސީލް އެނގޭނީ އޭގެ ފަހުން ކަމަށް ވިދާޅުވި އެވެ.
މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލައި ހާލިދާ ވިދާޅުވީ އެ ނަގޫރޯޅީގައި ރަށުގެ ހިނަވާގޭގެ ފުރާޅާއި މީހުން ދިރިއުޅޭ ތިން ގެއެއްގެ ފުރާޅު އެއްލާލާފައިވާ ކަމަށެވެ. އަދި ބައެއް ގޭގޭގެ ވަށާ ފާރު ވެސް ވެއްޓިފައިވާ ކަމަށް މައުލޫމާތު ލިބޭ ކަމަށް ވިދާޅުވި އެވެ.
އެ ހާދިސާގައި މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް ނުލިބެ އެވެ.
ހާލިދާ ވިދާޅުވީ މިހާތަނަށް ލިބުނު ގެއްލުންތައް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއަށް ވެސް ރިޕޯޓުކޮށްފައިވާ ކަމަށެވެ.