07 ސެޕްޓެމްބަރ 2025 - 20:54

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި އެ ކުންފުނި ހިންގުމުގެ ފުރުސަތު ދެއްވި ކަމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު އަދާކުރައްވަމުން ހުސައިން ފަހުމީ 27 އަހަރަށް ފަހު ސްޓެލްކޯއާ ވަކިވެއްޖެ އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު ބުނީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ފަހުމީ ވަކިކޮށް، އެ މަގާމަށް މިފްކޯގެ ކުރީގެ ސީއީއޯ އަހުމަދު ޝަމާހް ރަޝީދު އައްޔަންކޮށްފައިވާ ކަމަށެވެ.
މި ކުއްލި ނިންމުމާ އެކު ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 27 އަހަރު މަސައްކަތްކުރި ސްޓެލްކޯ ލީޑް ކުރަން ރައީސް ދެއްވި ފުރުސަތަށް ޝުކުރުވެރިވާ ކަމަށެވެ. އޭނާ ވަނީ އެ ކުންފުނީގެ އިސްވެރިންނަށާއި މުވައްޒަފުންނަށް ވެސް ޝުކުރު އަދާކުރައްވައިފަ އެވެ.
އަބަދުވެސް އެދެނީ ސްޓެލްކޯ އިތުރަށް ކުރިއަރައި، ގިނަ ކާމިޔާބީތައް ހާސިލް ކުރަން ކަމަށް ވެސް ފަހުމީ ވިދާޅުވި އެވެ.
ސްޓެލްކޯގައި 25 އަހަރު ހިދުމަތް ކުރެއްވިފަހުން ފަހުމީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރެއްވީ މި ސަރުކާރު ވެރިކަމާ ހަވާލުވެ، ނޮވެމްބަރު 2023 ގަ އެވެ.
ފަހުމީ ސްޓެލްކޯގެ އެމްޑީ ކަމުން ވަކިކޮށް އެހެން މަގާމަށް އައްޔަން ކުރާ ކަމެއް އަދި އެނގިފައެއް ނެތެވެ. ނަމަވެސް، އޭނާ އެ މަގާމުން ވަކިކުރަން އުޅޭ ކަމުގެ އަޑުތައް އަރާފައިވާތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.