07 ސެޕްޓެމްބަރ 2025 - 21:21

ތައިލެންޑްގައި ބޭއްވި އޭޝިއަން އޯޕަން ސްކޫލް އިންވިޓޭޝަނަލް ޝޯޓްކޯސް މުބާރާތުން ރާއްޖޭގެ ލޫތު މުހައްމަދު ހުސައިން އާއި އިބްރާހިމް މައާދު ސާޖިދު ތިންވަނަ ހޯދައިފި އެވެ.

އިއްޔެ އާއި މިއަދު ބެންކޮކްގައި ބޭއްވި މުބާރާތުގައި ނިއު ލެގޫން ސުވިމިން ކްލަބް ތަމްސީލު ކުރި ލޫތު އާއި މައާދު ތިންވަނަ ހޯދީ ކޮންމެ ފެތުންތެރިޔަކު ފަސް ރަން މެޑަލް ހޯދައިގެންނެވެ.

އުމުރުން 16 އަހަރުން ދަށުގެ ކެޓަގަރީގައި ވާދަކޮށް ލޫތު ވަނީ އިންޑިވިޖުއަލް ހަތަރު އިވެންޓުން ރަން މެޑަލް ހޯދައިފަ އެވެ. އަދި އޭނާގެ ފަސްވަނަ ރަން މެޑަލްއަކީ ނިއު ލެގޫން ތަމްސީލު ކުރި ރިލޭ ޓީމުގައި ހިމެނިގެން ހޯދި ރަން މެޑެއްޔެވެ.

އުމުރުން 18 އަހަރުން ދަށުގެ ކެޓަގަރީން މައާދު ތިންވަނަ ހޯދީ އެ އުމުރުފުރާގެ އިންޑިވިޖުއަލް ހަތަރު އިވެންޓުން ރަން މެޑަލް ހޯދައިގެންނެވެ. އޭނާ ވެސް ހޯދި ފަސްވަނަ ރަން މެޑަލްއަކީ ރިލޭ ޓީމުގައި ހިމެނިގެ ހޯދި މެޑަލް އެވެ.

ހޮނިހިރު ދުވަހު ފަށައި އާދިއްތަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މުބާރާތުގައި ނިއު ލެގޫންގެ ޖުމުލަ 41 ފެތުންތެރިން ވާދަ ކުރި އެވެ.

އެ ކްލަބްގެ ފެތުންތެރިން ވަނީ ޖުމުލަ 35 އިންޑިވިޖުއަލް މެޑަލް ހޯދައިފަ އެވެ. އެއީ 11 ރަން މެޑަލް، ހަތް ރިހި މެޑަލް އަދި 17 ބްރޯންޒް މެޑަލް އެވެ.

ރިލޭގެ އިވެންޓުން އެއް ރަން މެޑަލް އާއި ބްރޯންޒް މެޑެއްޔަކާ އެކު ނިއު ލެގޫންއިން ވަނީ ޖުމުލަ 37 މެޑަލް ހޯދައިފަ އެވެ.

ބެންކޮކްގެ އެސަމްޝަން ޔުނިވަސިޓީގެ އަކްއާޓިކް ސެންޓަރުގައި ބޭއްވި މުބާރާތުގައި ނިއު ލެގޫންގެ އިތުރުން ރާއްޖޭގެ އެހެން ދެ ކްލަބެއް ކަމަށްވާ، ކްލަބް ބޮޑު ރިޔާ އާއި އަކުއާ ފިނާގެ ފެތުންތެރިން ވެސް ވާދަ ކުރި އެވެ.

