ތަރައްގީގެ ގައުމީ މާސްޓަ ޕްލޭން ހެދުމުގައި ބައިވެރިނުވާން އެމްޑީޕީން ނިންމައިފި
ތަރައްގީގެ ގައުމީ މާސްޓަ ޕްލޭން ހެދުމުގައި ބައިވެރިނުވާން އެމްޑީޕީން ނިންމައިފި

ރާއްޖޭގެ 20 އަހަރުގެ ތަރައްގީގެ މާސްޓަ ޕްލޭން އެކުލަވާލަން ސަރުކާރުން ކުރާ މަސައްކަތުގައި ބައިވެރިނުވާން އިދިކޮޅު އެމްޑީޕީން ނިންމައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމަށްވާ 20 އަހަރުގެ ތަރައްގީގެ ގައުމީ މާސްޓަ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ފަށަން ކެބިނެޓުން ނިންމީ މިދިޔަ އަހަރުގެ ފަހުކޮޅެވެ.

ގައުމީ ތަރައްގީގެ ޕްލޭނަށް އާއްމުންގެ ހިޔާލު ހޯދުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ކޮންސަލްޓެންސީ ފާމް ކަމަށްވާ ނެކްސިއާ މޯލްޑިވްސް އިން އިއްޔެ ވަނީ ރަށްރަށަށް ދަތުރުކުރަން ފަށައިފަ އެވެ. އަދި މީހުން ދިރިއުޅޭ 186 ރަށަކަށް މިއަހަރު ނިމުމުގެ ކުރިން 10 ޓީމަކުން ޒިޔާރަތްކޮށް، އާއްމުންނާއި ކަމާގުޅޭ ފަރާތްތައް އަދި ވިޔަފާރިވެރިންނާ ބައްދަލުކޮށް ހިޔާލު ހޯދާނެ އެވެ.

އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ދުރު ރާސްތާއަށް އަމާޒުކޮށް ގައުމީ ތަރައްގީގެ ޕްލޭނެއް އޮތުމަކީ މުހިންމު ކަމެއް ކަމަށާއި ނަމަވެސް ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވާލުމުގެ ނަމުގައި ސަރުކާރުން މިހާރު ކަންކަން ކުރަމުން ގެންދާ ގޮތާ މެދު އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ.

އެ ޕާޓީން ބުނީ ގައުމީ ތަރައްގީގެ ޕްލޭން ކުރިއަށް އޮތް 20 އަހަރަށް ކަނޑައަޅާފައިވަނީ ކިހިނެއް ކަމާއި އެ ނިންމުން ނިންމުމުގައި މަޝްވަރާކޮށްފައިވަނީ ކޮން ފަރާތްތަކާކަން އެނގެން ނެތް ކަމަށެވެ.

ގައުމީ ޕްލޭނެއް އެކުލަވައިލައްވާނެ ކަމަށް ރައީސް މުއިއްޒު ހާމަކުރެއްވުމަށް ފަހު، އެއްވެސް ޕްލޭނެއް ނެތި މިހާރު ވެސް އެއާޕޯޓް އެޅުމާއި އުމްރާނީ އެކިއެކި މަޝްރޫއުތައް އިއުލާން ކުރަމުންދާ ކަމަށް އެމްޑީޕީގެ ބަޔާނުގައިވެ އެވެ. އަދި ފަށާފައި ނުނިމި އެތައް މަޝްރޫއުއެއް ހުރިއިރު ބައެއް ތަންތަނުގައި އަލަށް މަސައްކަތް ފަށަމުންދާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

"މިހެންކަމުން ޕްލޭނެއް އެކުލަވާލުމުގެ ބޭނުމެއް މިހާރު އޮތް ކަމަށް މި ޕާޓީން ނުދެކެވެ. އަދި އެކަމުގައި ސަރުކާރުގެ ހެޔޮ ނިޔަތެއް އޮތް ކަމަކަށް ވެސް ނުދެކެމެވެ،" ބަޔާނުގައި ބުންޏެވެ.

ސަރުކާރުން ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތަށް އަމަލު ނުކުރުމާއި ގުޑް ގަވަނަންސްގެ އުސޫލުތަކާ ހިލާފަށް ކަންކަން ކުރަމުން ގެންދިއުމާއި އަދި ދައުލަތުގެ ނިޒާމުތަކަށް ހުރުމަތްތެރިކޮށް ނުހިތުން އާންމުވެފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ. އަދި ތިމާވެށި ހިމާޔަތްކުރުމުގެ ގަވާއިދުތައް ފަދަ ކުރީއްސުރެން އެކަށައަޅާފައި ހުރި ހަރުދަނާ އުސޫލުތައް ވެސް ބަދަލުކުރަމުންދާ ކަމަށް އެ ޕާޓީންން ބުންޏެވެ.

"ކަން މިހެން އޮތްއިރު އަލުން އެކުލަވާލާ ޕްލޭނަކަށް އަަމަލު ކުރާނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ނެތެވެ." އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

ސަރުކާރުން ބުނެފައިވަނީ މާސްޓާ ޕްލޭން އަންނަ އަހަރުގެ ޖެނުއަރީ މަހު ލޯންޗް ކުރާނެ ކަމަށެވެ. ނަމަވެސް އެ ޕްލޭންގެ ހުރިހާ މަސައްކަތެއް ނިމޭނީ އަންނަ އަހަރުގެ ޖޫން މަހު އެވެ. އަދި ޕްލޭނަށް ގާނޫނީ ބާރުވެރިކަން ދޭނެ ކަމަށް ރައީސް މުއިއްޒު ކުރިން ވިދާޅުވެފައިވެ އެވެ.