07 ސެޕްޓެމްބަރ 2025 - 16:06

ސިވިލް ސާވިސް މުވައްޒަފުންގެ ވަޒީފާގެ މުއްދަތު ގުނުމުގައި ދައުލަތުގެ އެހެން އިދާރާތަކާއި ދައުލަތުގެ ކުންފުނިތަކުގައި ހިދުމަތްކުރި މުއްދަތު ހިމަނަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ނިންމި ނިންމުން ބާތިލްކޮށް، އެކަމާ ބެހޭގޮތުން އިތުރަށް މަޝްވަރާކުރަން ނިންމައިފި އެވެ.
ސީއެސްސީން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ސާކިއުލާގައި، ވަޒީފާއިން މުސްކުޅި ކުރާއިރު، ހިދުމަތުގެ މުއްދަތު ގުނުމުގައި ސަރުކާރުގައި ހިދުމަތްކޮށްފައިވާ މުއްދަތުގެ ތެރެއިން ސަރުކާރުގެ މައި ހިއްސާ އޮންނަ ކުންފުނިތަކާއި ސިވިލް ސާވިސްގައި ނުހިމެނޭ ދައުލަތުގެ އެހެން އިދާރާތަކުގައި ހިދުމަތްކޮށްފައިވާ މުއްދަތު ހިމަނަން ވެސް ނިންމި އެވެ.
ސީއެސްސީން މިއަދު އެ ސާކިއުލާ ބާތިލްކޮށް، ނެރުނު އިއުލާނުގައިވަނީ އެ ސާކިއުލާ ބާތިލްކުރީ ކަމާގުޅޭ ރަސްމީ އިދާރާތަކާ އިތުރަށް މަޝްވަރާ ކުރުމަށް ކަމަށެވެ.
ސީއެސްސީގެ ނިންމުން ބާތިލް ކުރިއިރު، އެ ކޮމިޝަނުން މިދިޔަ ހަފުތާގައިވަނީ ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން ދައުލަތުގެ ކުންފުނިތަކާއި އެހެން އިދާރާތަކުގައި މަސައްކަތްކުރި މުވައްޒަފުން އެކަމުގެ ލިޔުންތައް އެ ކޮމިޝަނާ ހިއްސާކުރަން ވެސް އަންގައިފަ އެވެ.