07 ސެޕްޓެމްބަރ 2025 - 11:38

ލަންކާއާ ދެކޮޅަށް އެ ގައުމުގައި ރާއްޖޭން އިއްޔެ ކުޅުނު މެޗުގައި ދިވެހި ސަޕޯޓަރުން ގައުމީ ޓީމަށް ދިން ތަރުހީބާއި ފޯރި އަށް ލަންކާގެ ކޯޗު އަބްދުﷲ އަލް މުތައިރީ ތައުރީފު ބަންޑުންކޮށްލައިފި އެވެ.
ސައުތު އޭޝިއަން ސުޕަ ކަޕްގެ ނަމުގައި ރާއްޖެއާ ދެކޮޅަށް ކުޅޭ ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗަށް، ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން ހާޒިރުވި އެވެ.
ލަންކާގެ އަމިއްލަ ދަނޑުގައި ރާއްޖެއާ ދެކޮޅަށް ކުޅުނު ނަމަވެސް، މުތައިރީ ބުނި ގޮތުގައި ދިވެހި ސަޕޯޓަރުންގެ އަދަދު ވެސް އަދި ނެގި ފޯރި އާއި ދިން ތަރުހީބު ވެސް މާ ބޮޑު ކަމަށެވެ.
"އަހަރެމެންގެ އަމިއްލަ ދަނޑުގައި ރާއްޖޭގެ ސަޕޯޓަރުން އަހަރެމެންގެ ސަޕޯޓަރުންނަށް ވުރެ ގިނަ،" މެޗުން ފާހަގަ ކުރެވުނު ނެގެޓިވް ކަމަކީ ކޮބައިތޯ ސުވާލު ކުރުމުން މުތައިރީ ބުންޏެވެ.
"އަހަރެމެންގެ އަމިއްލަ ދަނޑުގައި ކޫޅޭ އިރު ޖެހޭނެ އަހަރެމެންގެ އަމިއްލަ ދަނޑުކަން އިހްސާސް ކުރެވެން."
އެކަމަކު އަމިއްލަ ދަނޑުގައި އެ އިހްސާސެއް އޭނާ އާއި ލަންކާގެ ކުޅުންތެރިންނަށް ނުކުރެވުނު ކަމަށް މީގެ ކުރިން ނޭޕާލް ގޮވައިގެން ވެސް ރާއްޖެއާ ދެކޮޅަށް ނުކުތް ކޯޗު ބުންޏެވެ. އޭނާ ބުނީ މުޅި ދަނޑުގައި ގުގުމާލީ ދިވެހި ސަޕޯޓަރުންގެ އަޑު ކަމަށެވެ.
"އަބަދުހެން އަހަރެންނަށް އަޑު އިވެނީ ރާއްޖޭގެ ސަޕޯޓަރުން ފޯރި ނަގައި ތަރުހީބު ދޭ އަޑު. އަހަރެމެން [ލަންކާ] ގެ ސަޕޯޓަރުން ހަމަ މިތަނަށް އައިސް ބަލަހައްޓައިގެން ތިބެނީ."
ކުވައިތަށް ނިސްބަތްވާ މުތައިރީ ބުނީ ރާއްޖެއާ ދެކޮޅަށް ކުޅޭ ދެވަނަ މެޗުގައި އެކަން ބަދަލު ކުރަން ޖެހޭ ކަމަށެވެ.
ސައުތު އޭޝިއަން ސުޕަ ކަޕްގެ ނަމުގައި ކުޅޭ ދެ މެޗުގެ ތެރެއިން ދެވަނަ މެޗު އޮންނާނީ އަންގާރަ ދުވަހު އެވެ. އެ މެޗު ވެސް ކުޅޭނީ ރޭސްަކޯސް ސްޓޭޑިއަމްގަ އެވެ.
މުތައިރީ ބުނީ ލަންކާއިން މަސައްކަތް ކޮށްފިނަމަ ތިން ލަނޑުގެ ނަތީޖާ ވެސް ދެވަނަ މެޗުގައި އަނބުރާލެވޭނެ ކަމަށް އޭނާ ގަބޫލު ކުރާ ކަމަށެވެ. އިއްޔެގެ މެޗު ރާއްޖޭން ކާމިޔާބު ކުރީ 3-0 ންނެވެ.