"ސައްޔާރާ" ސިނަމާތަކުގައި ދައްކާތާ 50 ދުވަސް ވެއްޖެ
"ސައްޔާރާ" ސިނަމާތަކުގައި ދައްކާތާ 50 ދުވަސް ވެއްޖެ

ބޮލީވުޑްގެ އެންމެ ކާމިޔާބު ލޯބީގެ ފިލްމު "ސައްޔާރާ" މެދުނުކެނޑި ސިނަމާތަކުގައި ދައްކަމުން އަންނަތާ 50 ދުވަސް ވެއްޖެ އެވެ.

"ސައްޔާރާ" ސިނަމާތަކުގައި ދައްކަމުން އަންނަތާ 50 ދުވަސް ހަމަވުމާ ގުޅިގެން އެކަމުގެ އުފަލުގައި ބެލުންތެރިންނަށް ޝުކުރު އަދާކޮށް، އެ ފިލްމުގެ ލީޑު އެކްޓަރުން ކަމަށްވާ އަހާން ޕާންޑޭ އާއި އަނީތު ޕައްޑާ ވަނީ އިންސްޓަގްރާމްގައި މިދިޔަ ހުކުރު ދުވަހު ހާއްސަ ޕޯސްޓެއް ކޮށްފަ އެވެ.

ބޮލީވުޑަށް އަލަށް ތައާރަފުވި އަހާން އާއި އަނީތުގެ ފޮޓޯތަކާ އެކު ކުރި ޕޯސްޓުގައި އެ ފިލްމުގެ ކާމިޔާބީ އެ ދެމީހުން ސިފަކުރީ "ޖާދުލެއް"ގެ ގޮތުގަ އެވެ.

މިދިޔަ ޖުލައި މަހު 18 ގައި ޕްރިމިއާކުރި "ސައްޔާރާ"އަށް ވަނީ ރެކޯޑް އާމްދަނީއެއް ލިބިފަ އެވެ. އެ ފިލްމަށް 602 ކްރޯޑް ރުޕީސްއަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފައިވާއިރު، މިއީ މިވަރުގެ ބޮޑު އާމްދަނީއެއް ލިބުނު ބޮލީވުޑްގެ ލޯބީގެ ފުރަތަމަ ފިލްމެވެ.

"ސައްޔާރާ"ގެ ޑައިރެކްޓަރު މޯހިތު ސޫރީގެ ކުރީގެ ފިލްމަކަށް ވެސް މިވަރުގެ ކާމިޔާބީއެއް ލިބިފައި ނުވެ އެވެ.

އަސަރުގަދަ ލޯބީގެ ވާހަކައަކަށް ވައިއާރުއެފުން ގެނެސްދިން "ސައްޔާރާ"އަކީ 60 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހެދި ފިލްމެކެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، ސިނަމާގައި ކާމިޔާބު ޝޯތަކެއް ދެއްކުމަށް ފަހު އަންނަ ހުކުރު ދުވަހު މި ފިލްމު ނެޓްފްލިކްސް އިން ސްޓްރީމް ކުރަން ފަށާނެ އެވެ.