06 ސެޕްޓެމްބަރ 2025 - 20:22

ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި މިދިޔަ ޖުލައި މަހު ހައްޔަރުކުރި އަންހެން ފުލުހަކު ވަޒީފާ އިން ވަކިކުރަން ނިންމައިފި އެވެ.
ފުލުހުންގެ މީޑިއާ ގުރޫޕުގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ފުލުހުން މިރޭ ބުނީ އދ. ކުނބުރުދޫ، ދިލްބަހާރުގެ، އައިޝަތު ޝިޔާޒާ، 32، ގެ މައްސަލަ ބެލުމަށް ފަހު އޭނާ ފުލުހުންގެ ވަޒީފާ އިން ވަކިކުރަން ޑިސިޕްލިނަރީ ބޯޑުން މިހާރު ނިންމާފައިވާ ކަމަށެވެ.
އެ އޮޕަރޭޝަންގައި ޝިޔާޒާއާ އެކު، އިތުރު މީހަކު ވެސް ހައްޔަރުކުރި އެވެ.
ޝިޔާޒާ ދިޔައީ އެ މީހާއާ އެކު، މަސްތުވާތަކެތި ބަލައި ކަމަށާއި ހައްޔަރުކޮށް ޓެސްޓުކުރި އިރު އެ ދެ މީހުން ވެސް މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިންއަށް ޕޮޒިޓިވް ކަމަށް ފުލުހުން ކޯޓުގައި ބުނެފައި ވެ އެވެ. އެ ދެ މީހުން ހައްޔަރުކުރީ މަސްތުވާތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި އޭގެ ވިޔަފާރި ކުރުމުގެ ތުހުމަތުގަ އެވެ.
ޝިޔާޒާގެ ދަބަހުން، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ރަބަރު ތިން ޕެކެޓާއި މަނާ ބޭސް ގުޅައެއް ފެނުނު ކަމަށް ފުލުހުން ކުރިން ކޯޓުގައި ބުނެފައިވެ އެވެ. އެ މަސްތުވާތަކެތީގެ ބަރުދަން ދެ ގްރާމަށް ވުރެ ގިނަ އެވެ.