26 މާޗް 2017 - 11:08

ލީބިޔާގައި މިހާރު ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި ރަޝިޔާގެ ބައިވެރިވުން އޮތް ގޮތާ މެދު އެމެރިކާ ހިތްހަމަނުޖެހި ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
އެފްރިކާގައި ތިބޭ އެމެރިކާ ސިފައިންގެ ވެރިޔާ ޖެނެރަލް ތޯމަސް ވަލްދައުސާ ވިދާޅުވި ގޮތުގައި ލީބިޔާގެ ކުރީގެ އަސްކަރީ ޖެނެރަލް ޚަލީފާ ޚަފްތަރުގެ ޖަމާއަތާއި ރަޝިޔާއާ ދެމެދު އިންކާރު ނުކުރެވޭ ވަރުގެ ޚާއްސަ ގުޅުމެއް އެބަ އޮތެވެ.
މި މަހު ކުރީކޮޅު ރޮއިޓާސް އިން ބުނި ގޮތުގައި ލީބިޔާގެ ސަރަހައްދީ ރޮނގާ ކައިރީގައި އޮންނަ މިސްރުގެ އަސްކަރީ ވައިގެ މަރުކަޒަކަށް ރަޝިޔާގެ ސްޕެޝަލް ފޯސަސްގެ ސިފައިންތަކެއް ވަނީ ޖަމާކޮށްފަ އެވެ. އަދި ރަޝިޔާގެ ޑްރޯން މަތިންދާބޯޓުތަކެއް ވެސް ވަނީ ގެންގޮސްފަ އެވެ. ނަމަވެސް ރަޝިޔާ އިން އެ ތުހުމަތުތަކަށް އިންކާރު ކުރެ އެވެ.
އެމެރިކާގެ ޖެނެރަލް ތޯމަސް ވިދާޅުވީ ލީބިޔާގައި ރަޝިޔާގެ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި އެމީހުން މަސައްކަތް ކުރަމުން ދަނީ ލީބިޔާގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް އެ މީހުންގެ ނުފޫޒު ފެތުރުމަށެވެ. އެމެރިކާ އިން ތުހުމަތުކުރާ ގޮތުގައި ރަޝިޔާ ސިފައިން ލީބިޔާގައި ހަރަކާތްތެރިވަމުން ދަނީ ޖެނެރަލް ޚަލީފާ ޚަފްތަރުގެ ލަޝްކަރާ އެކުގަ އެވެ.
ރަޝިޔާގެ އަސްކަރީ ހަރަކާތްތަކާ ގުޅިގެން އެމެރިކާ ކަންބޮޑުވާ އިރު، ވޭތުވެ ދިޔަ ދެ އަހަރު އެމެރިކާގެ ސްޕެޝަލް ފޯސަސްގެ ސިފައިންނާއި ހުޅަނގުގެ އެހެން ބައެއް ގައުމުތަކުގެ ސިފައިން ވެސް ދަނީ ހަރަކާތްތެރިވެފައިވެ އެވެ. އަދި ލީބިޔާގައި ހަރަކާތްތެރިވަމުން ދާ އައިއެސްގެ ޖަމާއަތުގެ ހަނގުރާމަވެރިންނާ ދެކޮޅަށް އެމެރިކާގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ވަނީ ވަރުގަދަ ހަމަލާތަކެއް ވެސް ދީފަ އެވެ.