މިފަހަރު ލަންކާ އަށް ފުރުސަތު ނުދީ ރާއްޖޭން ތިން ލަނޑުގެ މޮޅެއް
މިފަހަރު ލަންކާ އަށް ފުރުސަތު ނުދީ ރާއްޖޭން ތިން ލަނޑުގެ މޮޅެއް

ދެކުނު އޭޝިއާގެ ސުޕަ ކަޕްގެ ނަމުގައި ލަންކާއިން އިންތިޒާމު ކުރި ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ރާއްޖޭން 3-0 ން ލަންކާގެ މައްޗަށް ކާމިޔާބު ހޯދައިފި އެވެ.

ލަންކާގެ ރޭސްކޯސް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ރާއްޖޭން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ ފުރަތަމަ ހާފުގަ އެވެ.

މީގެ ކުރިން ހަމަ ރޭސްކޯސް ދަނޑުގައި ރާއްޖޭން ވަނީ ޑިސެމްބަރު 2021 ގައި ލަންކާއާ ދެކޮޅަށް ކުޅެފަ އެވެ. އެ މެޗުގައި ރާއްޖޭން ހަތަރު ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ފަހަތުން އަރައި ލަންކާއިން ނަތީޖާ ހަމަހަމަ ކުރި އެވެ.

އެކަމަކު މިފަހަރު ކުޅުނު މެޗުގައި ރާއްޖޭގެ ކުޅުންތެރިން އެ ފުރުސަތެއް ލަންކާގެ ޓީމަކަށް ނުދިނެވެ.

ރާއްޖޭގެ ފުރަތަމަ ލަނޑު ނާއިޒު ހަސަން (ދާދު) ޖެހީ އިބްރާހިމް އައިސަމް (ޓޯނީ) ނަގައި ފިން ކޯނަރު ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މެޗުގެ 35 ވަނަ މިނެޓްގައި ރާއްޖޭން ލީޑް ފުޅާ ކުރީ އިބްރާހިމް މަހްދީ ހުސައިންނެވެ. ނާއިޒު ހުސްކޮށް އަރައި ލަންކާގެ ކީޕަރު ސޫޖަން ޕެރޭރާ ކަޓުވާލުމަށް ފަހު އެ ބޯޅަ ޕާސްކޮށް ދިނީ ހުހަށް ހުރި އިއްބެ އަށެވެ. އޭނާ ވަނީ ފަސޭހަ ކަމާ އެކު ހުހަށް އޮތް ގޯލްގެ ތެރެއަށް ފޮނުވާލައިފަ އެވެ.
އެ ބޯޅައިގެ ނާއިޒު އޮފްސައިޑްވި ކަމަށް ލަންކާގެ ކުޅުންތެރިން އެޕީލް ވެސް ކުރި އެވެ.

އެ ގޯލް ޖެހުމުގައި ރާއްޖޭގެ ބިލްޑްއަޕްގައި ހަމްޒާ މުހައްމަދު (ހަމްޕް) އާއި އަހްމަދު ރިޒުވާން ދައުރު ވެސް ފާހާގަ ކުރެވެ އެވެ.

ދެވަނަ ހާފުގައި ލަންކާ އަށް ޕެނަލްޓީ ވެސް ލިބުނެ އެވެ. އެކަމަކު އެ ޕެނަލްޓީ ގޯލާ އަމާޒުވެސް ނުވެ ދިޔައީ ބޭރަށެވެ.

ރާއްޖޭގެ ތިންވަނަ ލަނޑު ޖެހީ މުހައްމަދު އިލާން އިމްރާން ތަނަވަސްކޮށް ދިން ޕާހަކުން އަލީ ފާސިރު (ސެންޓޭ) އެވެ. ބަދަލު ކުޅުންތެރިއްޔެގެ ގޮތުގައި ކުޅެން ނުކުތް އިލާން ސީނިއާ ޓީމުގެ ޖޯޒީގައި ކުޅެން ނުކުތީ މުޅިން އަލަށެވެ.

މި މެޗާ އެކު އޭނާ ވެފައި ވަނީ ގައުމީ ޓީމަށް ކުޅުނު އުމުރުން އެންމެ ހަގު ކުޅުންތެރިޔާއަށެވެ. ސީނިއާ ގައުމީ ޓީމަށް އޭނާ ކުޅެން ނުކުތް އިރު އުމުރަކީ 16 އަހަރާއި ހަތް މަހާއި 20 ދުވަހެވެ.

ރާއްޖެ އާއި ލަންކާ ކުޅޭ ދެވަނަ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހު އެވެ.