06 ސެޕްޓެމްބަރ 2025 - 13:57

އައްޑޫން ރޭ މެންދަމު ކަރަންޓު ކެނޑުނީ މީހަކު ކަރަންޓު ކޭބަލެއް ބުރިކުރަން އުޅުމުން ކަމަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.
ހިތަދޫ މެމްބަރު އިބްރާހިމް ޝިނާޒު، "މިހާރު" އަށް ވިދާޅުވީ އައްޑޫގެ ބޮޑު ބަޔަކުން ރޭ ކަރަންޓު ކެނޑެން ދިމާވީ މީހަކު ފޭދޫގެ ކަރަންޓު ކޭބަލެއް ބުރިކުރަން އުޅުމުން ކަމަށް ފެނަކައިން ކައުންސިލަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ކޭބަލެއް ބުރިކުރަން އުޅުނީ އެ ވަގަށް ނަގައިގެން ގެންދިއުމުގެ ބޭނުމުގައި ކަމަށް ބެލެވޭ ކަމަށެވެ.
ކޭބަލް ބުރިކުރަން އުޅެނު މީހާ ކަރަންޓުގައި ޖެހިގެން ފަރުވާދެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝިނާޒު ވިދާޅުވީ ކަރަންޓުގައި ޖެހުނު މީހާގެ ބޯ ފަޅައިގެން ދިއުމުގެ އިތުރުން ފިހިފައިވާ ކަމަށެވެ. އިތުރު މައުލޫމާތެއް ނޭނގޭ ކަމަށް ވިދާޅުވި އެވެ.
ފޭދޫ ސިއްހީ މަރުކަޒުން "މިހާރު" އާ ވާހަކަ ދެއްކެވި އޮފިޝަލެއް ކަމަށްވާ މުހައްމަދު އާތިފް ވިދާޅުވި ގޮތުގައި ކަރަންޓުގައި ޖެހުނު މީހާއަށް ފަރުވާ ދިނުމަށް އެންމެ ފުރަތަމަ ގެންދިޔައީ އެ ސިއްހީ މަރުކަަޒަށެވެ. އެކަމަކު އެތަނުގައި އެވަގުތު ކަރަންޓު ނެތުމުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ފޮނުވާފައިވާ ކަމަށް ވިދާޅުވި އެވެ.
އެކަމަކު އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ބަހެއް މިކަމާ ބެހޭ ގޮތުން ނުލިބުނެވެ.
ޖަނަރޭޓަރުތަކަށް މައްސަލަ ދިމާވާތީ ކަރަންޓު ކެނޑޭ މައްސަލަ މި ދޭތެރެއަކުން ވަރަށް ބޮޑުވި އައްޑޫގައި ރޭ ދިމާވި ހާދިސާއަށް ފަހު މައްސަލަ ހައްލުކޮށް ބައެއް ސަރަހައްދުތަކަށް ކަރަންޓު ދެވުނީ ހަތަރު ވަރަކަށް ގަޑިއިރު ފަހުން ކަމަށް ކައުންސިލަރު ޝިނާޒު ވިދާޅުވި އެވެ. އެކަމަކު އޭނާ ވިދާޅުވީ ބައެއް ހިސާބުތަކަށް ގަޑިއެއްހާއިރު ތެރޭ ކަރަންޓު ދިން ކަމަށެވެ.
މާލޭގައި ކަރަންޓު ކޭބަލް ބުރިކޮށްގެން ވަގަށް ނެގުމުގެ މައްސަލަތައް ދޭތެރެދޭތެރެއިން ރިޕޯޓްކުރެ އެވެ. އަދި މާލެ އާއި ހުޅުމާލޭގައި ހުންނަ ޓްރާންސްފޯމަރުތަކުން ވައްކަންކުރުމުގެ މައްސަލަ ވެސް ބޮޑެވެ. އެއް ހާދިސާއެއްގައި ވަނީ ޓްރާންސްފޯމަރަކުން ވައްކަންކުރަން އުޅުނު މީހަކު ކަރަންޓުގައި ޖެހިގެން މަރު ވެސް ވެފަ އެވެ.