05 ސެޕްޓެމްބަރ 2025 - 17:07

ސިނަމާލެ ބްރިޖް ހައިވޭގައި ސްޕީޑް ލިމިޓަށް ވުރެ ބާރަށް ދުއްވި ޕިކަޕެއް މިއަދު ފުރޮޅާލައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޕިކަޕު ފުރޮޅާލީ އެ އުޅަނދުގެ ފުރޮޅު ފަޅައިގެން ގޮސް ޑިވައިޑާގައި ޖެހިގެން ކަމަށެވެ.
އެ ހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މެންދުރު ފަހު 12:40 ހާއިރެވެ.
އެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވިއަސް ޕިކަޕަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އެކްސިޑެންޓުގައި އެ ޕިކަޕު، ކާރެއްގައި ޖެހުނަސް އެ ކާރަށް ބޮޑު ގެއްލުމެއް ނުލިބެ އެވެ.
ފުލުހުން ބުނީ ޕިކަޕު ދުއްވީ ސްޕީޑު ލިމިޓަށް ވުރެ ބާރަށް ކަމަށެވެ. އެހެންވެ، އެ އުޅަނދު ދުއްވި މީހާއަށް ވަނީ ފިޔަވަޅު އަޅައިފަ އެވެ.
އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.