މި އަހަރު ސިނގިރޭޓު އެތެރެކުރި އަދަދު އާދަޔާ ހިލާފަށް ދަށަށް
މި އަހަރު ސިނގިރޭޓު އެތެރެކުރި އަދަދު އާދަޔާ ހިލާފަށް ދަށަށް

މި އަހަރުގެ ޖެނުއަރީން ޖުލައި މަހުގެ ނިޔަލަށް ރާއްޖެއަށް ސިނގިރޭޓް އެތެރެކުރި އަދަދު އެހެން އަހަރުތަކާ އަޅާބަލާއިރު އާދަޔާ ޚިލާފަށް ދަށްވެފައިވާ ކަން ކަސްޓަމްސްގެ ތަފާސްހިސާބުން ދައްކައިފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ކަސްޓަމްސް އިން މިދިޔަ މަހުގެ 25 ގައި "މިހާރު"އާ ހިއްސާކުރި ތަފާސްހިސާބު ދައްކާގޮތުން މި އަހަރުގެ ޖެނުއަރީން ފެށިގެން ޖުލައި މަހުގެ ނިޔަލަށް 42،314،387 ސިނގިރޭޓު އެތެރެކުރި އެވެ. އެއީ ސީއެފްއައިން ބަލާ ނަމަ 35،530،433ރ.ގެ ސިނގިރޭޓެވެ.

މިދިޔަ އަހަރަށް ބަލާއިރު، ޖެނުއަރީން ފެށިގެން ސެޕްޓެމްބަރު ނިޔަލަށް ސިނގިރޭޓު ހިމެނޭގޮތަށް ރާއްޖެ އަށް 234 މިލިއަން ރުފިޔާގެ ދުންފަތުގެ ބާވަތްތައް އެތެރެކުރި ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.

ކަސްޓަމްސްގެ ހިސާބުތަކުގައިވާ ގޮތުން، 2022 ވަނަ އަހަރު ރާއްޖެއަށް 356.7 މިލިއަން ސިނގިރޭޓު އެތެރެކޮށްފައިވެ އެވެ. ސީއެފްއައިގެ ގޮތުން ބަލާނަމަ އެއީ 251،805،549ރ އެވެ.

ޖެހިގެން އައި 2023 ވަނަ އަހަރު ރާއްޖެ އެތެރެކުރި ސިނގިރޭޓު ވަނީ އޭގެ ކުރީ އަހަރަށް ވުރެ ދަށްވެފަ އެވެ. އެ އަހަރު އެތެރެކުރީ 350،037،124 ސިނގިރެޓެވެ. އެއީ ސީއެފްއައިގެ ގޮތުގައި 265،878،420ރ. އެވެ.

ކަސްޓަމްސް އިން ބުނީ މިދިޔަ އަހަރު ނިމުނުއިރު 338،083،260 ސިނގިރޭޓު ނުވަތަ ސީއެފްއައިގެ ގޮތުގައި 271،590،861ރ. ގެ ސިނގިރޭޓު އެތެރެކޮށްފައިވާ ކަމަށެވެ.

ފާއިތުވި ތިން އަހަރު ރާއްޖެ އެތެރެކުރި ސިނގިރޭޓު އެއް އަހަރުން އަނެއް އަހަރަށް ދަށަށް ދިޔައިރު، މި އަހަރުގެ ފުރަތަމަ ހަތް މަސް ދުވަހުގެ ތެރޭގައި އެތެރެކުރި ސިނގިރޭޓު ވެސް މަދެވެ.

ސިނގިރޭޓުން ނަގާ ޑިއުޓީ މީގެ ކުރިން ބޮޑުކުރީ ނޮވެމްބަރު 2019 ގަ އެވެ. އެ ބަދަލަށް ޖެހިގެން އައި އަހަރު އަމަލުކުރަން ފެށުމާ އެކު ސިނގިރޭޓެއްގެ އަގު ވަނީ ތިން ރުފިޔާ އަށް ބޮޑުވެފަ އެވެ.

އޭގެ ފަހުން، ދުންފަތް ބޭނުންކުރާ ވަރު މަދުކުރުމަށް ސަރުކާރުން ވަނީ މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ސިނގިރޭޓުން ނަގާ ޑިއުޓީ 8ރ. އަށް ބޮޑުކޮށްފަ އެވެ. އެއާއެކު ދުންފަތް ކޮންޓްރޯލްކުރަން ރާއްޖޭގައި ހަރުކަށި ފިޔަވަޅުތަކެއް ވެސް ވަނީ އަޅައިފަ އެވެ.