ރޭޕްގެ ތުހުމަތުގައި އަޝިޝް ކަޕޫރް ހައްޔަރުކޮށްފި
ރޭޕްގެ ތުހުމަތުގައި އަޝިޝް ކަޕޫރް ހައްޔަރުކޮށްފި

ހިންދީ ޑްރާމާތަކުގައި މަސައްކަތްކޮށްފައިވާ މަޝްހޫރު އެކްޓަރު އަޝިޝް ކަޕޫރް ރޭޕްގެ ތުހުމަތުގައި ހައްޔަރުކޮށްފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އިންޑިއާގެ ދިއްލީގެ ފުލުހުންނަށް ހުށަހަޅާފައިވާ ރޭޕްގެ މައްސަލައަކާ ގުޅިގެން އަޝިޝް ހައްޔަރުކުރީ ޕޫނޭ އިން މިދިޔަ އަންގާރަ ދުވަހު އެވެ.

އަޝިޝްއަށް ރޭޕްގެ ތުހުމަތުކުރާ އަންހެން މީހާ ބުނާ ގޮތުގައި، އޭނާ އެކަން ކުރީ ދިއްލީގައި ބޭއްވި ހައުސް ޕާޓީއެއްގައި ފާހަނާއެއްގެ ތެރެއަށް ގަދަކަމުން އޭނާ ވައްދައިގެންނެވެ. އެ މައްސަލަ ޕޮލިހަށް ރިޕޯޓްކުރީ މިދިޔަ މަހު 11 ގައި ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.

ބައެއް ނޫސްތަކުގައި ބުނީ އަޝިޝްގެ އިތުރުން އެހެން ފިރިހެނަކު ވެސް އޭނާ ރޭޕްކުރުމުގައި ބައިވެރިވެފައިވާ ކަމަށް އަންހެން މީހާ ފުލުހުންނަށް ދިން ބަޔާނުގައި ބުނެފައިވާ ކަމަށެވެ. ނަމަވެސް، ފަހުން އޭނާގެ ބަޔާން ބަދަލުކޮށް، ހަމައެކަނި އަޝިޝްއަށް އެެ ތުހުމަތުކުރާ ކަމަށް ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.

ދިއްލީގެ ފުލުހުން ހިންދުސްތާން ޓައިމްސް އަށް ބުނީ އަޝިޝް ހޯދީ ފިލައިގެން އުޅެނިކޮށް ކަމަށެވެ. އޭނާ ގޯއާގައި ހުރިކަން ފުލުހުންނަށް އެނގުމާ އެކު އެތަނުން ފިލައިގެން ޕޫނޭއަށް ދިޔަ ކަމަށާއި ޕޫނޭ އިން އޭނާ ހައްޔަރުކުރީ ރައްޓެއްސެއްގެ ގޭގައި ހުއްޓާ ކަމަށް ފުލުހުން ބުންޏެވެ.

އަޝިޝް ވަނީ ވަރަށް މަޝްހޫރު ހިންދީ ޑްރާމާތަކުގައި މަސައްކަތްކޮށްފަ އެވެ. އޭގެ ތެރޭގައި "ސަރަސްވަތީޗަންދުރަ" އާއި "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އާއި "ދޭކާ އޭކް ޚުވާބް" އާއި "ލަވް މެރިއޭޖް ޔާ އެރޭންޖް މެރިއޭޖް" އަދި "ވޯ ސަޕްނާ ސާ" ކަހަލަ ޑްރާމާތައް ހިމެނެ އެވެ.