04 ސެޕްޓެމްބަރ 2025 - 13:10

ތިން މިލިއަން ޑޮލަރަށް ވުރެ ބޮޑު ލޯނެއް ނުދައްކައިގެން ވިއްކާލަން އިސްލާމިކް ބޭންކުން އިއުލާނުކުރީ އެމްއެމްޕީއާރްސީން ދޫކުރި ރަށްތަކުގެ ތެރޭގައި ހިމެނޭ ތ. ކަޅުދިޔަފުށީގައި ރިސޯޓް ތަރައްގީކުރަން ރަހުނުކުރި، ތ. ގުރައިދޫ ދާއިރާގެ ކުރީގެ މެންބަރު ހުސައިން މަނިކު ދޮންމަނިކުގެ ގޯތިކަން އެނގިއްޖެ އެވެ.

ވިއްކާލަން އިއުލާނުކޮށްފައިވާ 1،469 އަކަފޫޓުގެ ގ. ފަނަސް އަކީ އަމީނީމަގުގައި، މަޝްހޫރު އޮޑެގައްލޭ ކެފޭ ވެސް ހިންގާ، ބޮޑު އިމާރާތް ހުންނަ ބިމެވެ.
ބިމާއި އިމާރާތާ އެކު އެ ތަން ވިއްކާން އިސްލާމިކް ބޭންކުން ނީލަން ފަށާ އަގުގެ ގޮތުގައި ކަނޑައަޅާފައިވަނީ 30,230,000ރ. އެވެ.
އެ ގޯތި ރަހުނުކުރުމަށް ފަހު އިސްލާމިކް ބޭންކުން 3,406,369.50 ޑޮލަރު (52.5 މިލިއަން ރުފިޔާ) ގެ މުރާބަހާގެ ޖެނަރަލް އެސެޓް ފައިނޭންސިން ފެސިލިޓީއެއް ނަގާފައިވަނީ ހުރަވީ އިންޓަނޭޝަނަލް ކިޔާ ކުންފުންޏަކުންނެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ ހުސައިން މަނިކު ދޮންމަނިކެވެ. އަދި ޑިރެކްޓަރެއްގެ ގޮތުގައި ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރުކަމާއި ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރުކަމާއި މެލޭޝިއާގައި ހުންނަ ދިވެހި ސަފީރުކަން ވެސް ކުރައްވާފައިވާ މުހައްމަދު ފަޔާޒް (އެފްއޭ) އެވެ.
ހިއްސާދާރުންގެ ތެރޭގައި ސިފައިންނާއި ފުލުހުންގެ ފްލެޓް އެޅުމުގެ މަސައްކަތް ހަވާލުކުރި އައިލެންޑް އެކްސްޕާޓްގެ މެނޭޖިން ޑައިރެކްޓަރު އަނޮން ސޮންގްޕަންޔާ އާއި އެޑޯން އިންވެސްޓްމަންޓް ކިޔާ ކުންފުންޏެއް ހިމެނޭއިރު އެ ކުންފުނީގެ ހިއްސާދާރުންގެ ތެރޭގައި ރާއްޖޭން ބޭރުގެ ދެ މީހަކާ އެކު ދެން ހިމެނޭ އެފްއޭ އެވެ.
އެ ފައިސާ ދައްކަން 2022 ވަނަ އަހަރު ސިވިލް ކޯޓުން ހުކުމް ކޮށްފައިވާއިރު، އެ މުއްދަތުގައި ވެސް ފައިސާ ދައްކާފައެއް ނުވެ އެވެ. އަދި އޭގެ ފަހުން ސިވިލް ކޯޓުގެ ހުކުމް އިސްތިއުނާފުކުރުމުން ހައި ކޯޓުން ވެސް ވަނީ އެ ހުކުމަށް ތާއިދުކޮށްފަ އެވެ.
އެހެންވެ، ލޯނު ނުދެއްކުމުގެ ސަބަބުން ތަންފީޒީ މައްސަލަ ހުށަހެޅުމުން ސިވިލް ކޯޓުން ވަނީ ރަހުނު ކުރި ގޯތި ވިއްކާލުމުގެ ހުއްދަ ބޭންކަށް ދީފަ އެވެ. ގ. ފަނަސް ވިއްކާލަން އެމްއައިބީން އިއުލާނުކުރީ އެ ގޯއްޗާއި ގޯތީގައި ހުރި ނުއުފުލޭ މުދަލާ އެކު އެވެ.
ރިސޯޓް ތަރައްގީކުރަން ހުސެއިން މަނިކުގެ ކުންފުންޏަށް އެމްއެމްޕީއާރްސީން އޯގަސްޓް 24، 2015 ގައި ދޫކުރި ކަޅުދިޔަފުށީގެ މަސައްކަތް ފެށީ ސްޕެއިންގެ ބައިނަލްއަގުވާމީ ހޮޓެލް ޗެއިން "މެލިއާ ހޮޓެލްސް"އާ އެކު އެވެ. ނަމަވެސް، ރިސޯޓްގެ މަސައްކަތް ކުރިއަށް ނުގޮސް، އެކަން ފަހުން ހުއްޓުނީ އެވެ.
އެ ރިސޯޓް ތަރައްގީ ކުރަން ފެށީ 97 ޕްރައިވެޓް ވިލާ އާއި 100 ކޮޓަރިއާ އެކު 2017 އަށް ނިންމާ ގޮތަށެވެ. ރިސޯޓްގެ މަސައްކަތަށް ހުރަވީ ކުންފުނިން 10.6 މިލިއަން ޑޮލަރުގެ ލޯނެއް ބޭންކް އޮފް މޯލްޑިވްސް އިން ވެސް ނެގި އެވެ.
ބޭންކް އޮފް މޯލްޑިވްސް އިން އެ ލޯނު ނަގާފައިވަނީ ކަޅުދިޔަފުށި ރަހުނުކުރުމަށް ފަހު އެވެ. އެ ލޯނު ނުދައްކައިގެން ސިވިލް ކޯޓަށް ހުށަހެޅުމުން ފައިސާ ދައްކަން އެންގި މުއްދަތުގައި ފައިސާ ދައްކާފައެއް ނުވެ އެވެ. އެހެންވެ، އެ ރަށް ވިއްކާލަން ވެސް ކޯޓުގެ ހުއްދައާ އެކު ބޭންކުން އެތައް ފަހަރަކު އިއުލާނުކޮށްފައިވެ އެވެ.