04 ސެޕްޓެމްބަރ 2025 - 12:01

މާލީ ބަޔާން ހުށަނާޅުއްވާ މެމްބަރުންގެ ތެރޭގައި ފޭދޫ އުތުރު ދާއިރާގެ މެމްބަރު އިސްމާއިލް ނިޒާރު ހިމެނޭ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކުރުމުން ހިތްހަމަޖެހިވަޑައިނުގެން މީޑިއާ ބިލް އަވަހަށް ފާސްކުރަން ޖެހޭ ކަމަށް ކުރެއްވި ޕޯސްޓާ އެކު އޭނާ އަށް ފާޑުކިއުން އަމާޒުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 68 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ މެންބަރުންގެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން އެ މެންބަރެއްގެ މެންބަރު ކަމުގެ ހުވާކުރާ ތާރީހުން ފެށިގެން އެއް އަހަރު ވުމުން ހުށަހަޅަން ޖެހެ އެވެ. އެހެންވެ، މިދިޔަ މަހުގެ 31ގެ ކުރިން މިހާރުގެ 93 މެންބަރުން ބަޔާން ހުށަހަޅަން ޖެހެ އެވެ.

މުއްދަތު ހަމަވިއިރު ބަޔާން ހުށަހެޅުއްވި މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓުގައި ވަނީ އާއްމުކޮށްފަ އެވެ. އެ މުއްދަތުގައި ފަސް މެމްބަރުން ބަޔާން ހުށަނާޅުއްވާ ކަން ވެބްސައިޓުން ފެންނަން އޮތް އިރު، އޭގެ ތެރޭގައި ނިޒާރު ހިމެނިވަޑައިގަންނަވަ އެވެ.
މީޑިއާތަކުން މާލީ ބަޔާނުގެ ހަބަރު ރިޕޯޓްކުރުމުން ނިޒާރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖިލީހުގެ މެމްބަރުންގެ މާލީ ބަޔާން އާއްމުކުރި މިއީ ފުރަތަމަ ފަހަރު ނޫން ކަމަށެވެ. މީގެ ކުރިން ނުދޭހާ ބޮޑު ސަމާލުކަމެއް މިފަހަރުގެ ބަޔާންތަކަށް ދިނީ ކީއްވެތޯ ސުވާލު އުފެދޭ ކަަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ މައްސަލައެއްގެ ގޮތުގައި ނެންގެވީ، މާލީ ބަޔާން އާއްމުނުކުރާ މެމްބަރުންނާ މެދު މަޖިލީހުން ފިޔަވަޅު ނާޅަނީސް މީޑިއާތަކުގައި ބަޔާނުގެ ވާހަކަ ލިއުމެވެ.
"ގަވާއިދާ އެއްގޮތަށް އަމަލުނުކުރާ މެމްބަރުންނާ މެދު މަޖިލީހުގެ އޮންނަ އުސޫލްގެ ތެރެއިން ފިޔަވަޅު އަޅުއްވާނެ. މަޖިލީހުން މިފަދަ އެއްވެސް ފިޔަވަޅެއް ނުވަތަ ބަޔާނެއް ވެސް ނެރެފައި ނުވަނީސް ބައެއް މީޑީއާތަކުން ލިސްޓް ހަދައިގެން ރައްޔިތުންނަށް ކަންކަން އޮޅޭ ގޮތަށް ޕަބްލިޝްކުރުން އަޅުގަނޑު ކުށްވެރިކުރަން،" ނިޒާރު ލިއުއްވާފައި ވެ އެވެ.
އޭނާ ގޮވާލެއްވީ އަވަހަށް މީޑިއާ ބިލް ފާސްކުރުމަށެވެ. ދައުރުން ބޭރު ޖަލްސާއެއް ބާއްވައިގެން ވިޔަސް އެ ބިލް ފާސްކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މާލީ ބަޔާން އާއްމު ނުކުރައްވައި ނިޒާރު އެގޮތަށް ވިދާޅުވުމުން އޭނާ އަށް ވަނީ ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވެފަ އެވެ. އޭގެ ތެރޭގައި ނޫސްވެރިންނާއި އޭނާގެ ދާއިރާ މީހުން ވެސް ހިމެނެ އެވެ. މި ފާޑުކިއުންތަކާ ހެދި އޭނާ ވަނީ ފޭސްބުކްގައި އާއްމު ކުރެއްވި ޕޯސްޓް، ރައްޓެހިންނަށް އެކަނި ފެންނަ ގޮތަށް ހަދައިފަ އެވެ.
އޭނާގެ ފޭސްބުކް ޕޯސްޓަށް ކޮމެންޓް ކުރި ގިނަ ބަޔަކު ވަނީ މާލީ ބަޔާން އާއްމުނުކުރެއްވި ސަބަބާ މެދު ސުވާލުކޮށްފަ އެވެ.
އިންތިހާބުކޮށްފައިވާ މެމްބަރުންގެ މާލީ ބަޔާން މީގެކުރިން ވެސް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ކަމަށާއި މާލީ ބަޔާނާ ގުޅޭ ގޮތުން ނިޒާރަށް ގާނޫނުގައި އޮތް އެއްޗެއް އެނގިވަޑައިނުގަންނަވަނީ ކަމަށް ވެސް ބައެއް މީހުން ލިއެފައިވެ އެވެ.
މަޖިލީހުން އިއްޔެ އާންމުކުރި މާލީ ބަޔާންތަކުގައި ބައެއް މެމްބަރުންނަށް ހަދިޔާ ގޮތުގައި މިލިއަނުން ރުފިޔާ ލިބިފައިވާއިރު އަނެއް ބައި މެމްބަރުންގެ ބޭންކް އެކައުންޓުގައި ހުރީ 500 ރުފިޔާ އަށް ވުރެ ވެސް މަދު އަދަދެއްގެ ފައިސާ އެވެ.