04 ސެޕްޓެމްބަރ 2025 - 10:26

ހދ. ކުޅުދުއްފުށީގައި ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްލޭނެއް އެކުލަވާލަން ކޮންސަލްޓެންސީގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.
ގުދަރަތީ ރީތި ކުޅިއެއް އޮންނަ އަދި އެއާޕޯޓާ އެކު ދަތުރުފަތުރުގެ ފަސޭހަަކަން އޮތް ކުޅުދުއްފުށީގައި ޓޫރިޒަމް ކުރިއަރުވަން މިހާތަނަށް މާބޮޑު މަސައްކަތެއް ކޮށްފައެއް ނެތެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްލޭނެއް އެކުލަވާލަން ކޮންސަލްޓެންސީގެ ހިދުމަތް ހޯދުމަށް 30 ޖުލައިގައި ކުރި އިއުލާނު ބާތިލުކޮށް އަލުން ހުޅުވާލާ ކަމަށެވެ.
އެހެންވެ، އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމުގެ މައުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށަހެޅުމަށް އެދިފައިވެ އެވެ.
އެ ބީލަމާ ގުޅިގެން އެއްވެސް ސުވާލެއް އޮތް ނަމަ، މިމަހުގެ 16 ވަނަ ދުވަހުގެ 10:30 ގެ ކުރިން އެ ކައުންސިލަށް އީމެއިލް ކުރަންޖެހެ އެވެ. ބީލަމުގައި ރަޖިސްޓްރީވާން ހުޅުވުމުގެ ސުންގަޑިއަކީ މިމަހުގެ 17 ވަނަ ދުވަހު 10:30 ގެ ކުރިންނެވެ.
ކައުންސިލުން ބުނީ ބިޑު ހުށަހެޅުން ކައުންސިލް އިދާރާގެ ޖަލްސާ ކުރާ މާލަމުގައި މިމަހުގެ 18 ގައި ކަމަށެވެ.
އިއުލާނުގައިވާ ގޮތުން ބިޑު ހުށަހަޅަންދާ ކޮންމެ މީހަކަށް ވެސް ހުށަހެޅޭނީ އެންމެ ބިޑެކެވެ. އަދި ބިޑުގައި ބައިވެރިވެވޭނީ އިކޮނޮމިކް މިނިސްޓްރީގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.