04 ސެޕްޓެމްބަރ 2025 - 10:03

އަންނަ އާދީއްތަ ދުވަހުގެ ރެޔަކީ މިއިން ޒަމާނަކު ވެސް ނުފެންނާނެ ތަފާތު ގޮތަކަށް އުޑުމަތި ފެންނާނެ ރެޔަކަަށް ވާނެ އެވެ. އެއީ މުޅި އޭޝިއާ އާއި ޔޫރަޕާއި އެފްރިކާ ސަރަހައްދަށް ވެސް ފުރިހަމަ ހަނދުކޭތައަކާ އެކު "ބްލަޑް މޫން" އެއް ފެންނާނެ ރެއެކެވެ.
އިރާއި ދުނިޔެ އާއި ހަނދު އޮލަނބުވެ ދުނިޔޭގެ ހިޔަނިން ހަނދު ފޮރުވިގެންދާ ކޭތަ ހިފާއިރު އާދީއްތަ ދުވަހުގެ ރޭ ލޭކުލައިން ހަނދު ފެވިގެންދާ ގޮތަށް ވެސް ބައެއް ހިސާބުތަކަށް ފެންނާނެތީ މިއީ އެތައް ހާސް އަހަރެއްގެ ތެރޭގައި ވެސް އަލުން ނުފެންނާނެ ހާލަތެކެވެ.
ހަނދު ކޭތަ ހިފާއިރު ހަނދު ރަތް ކުލައިން ފެންނަނީ ހަނދަށް ލިބޭ އިރުގެ އަލި، ދުނިޔޭގެ ޖައްވުގެ ތެރެއިން ރިފްލެކްޓުވެ ފެތުރިގެން ގޮސް ހަނދަށް ފޯރާތީ އެވެ. އެއީ ރެޑް ވޭވްލެންތުތަކަށް ވުރެ ބްލޫ ވޭވްލެންތުތައް ކުރުވުމުން، ދުނިޔޭގެ ޖައްވުގެ ތެރެއިން ދަތުރުކުރާ އިރު، އެ އަލިކަން ފަސޭހައިން ފެތުރިގެން ދާތީ އެވެ.
އެ ރޭ ރާއްޖެއަށް ހަނދުކޭތަ ހިފަން ފަށާނީ 8:28 ގަ އެވެ. އަދި ކޭތަ ފުރިހަމަވެ ހަނދު އެއްކޮށް ގެއްލޭނީ އެ ރޭ 10:30 ގަ އެވެ. މި ފުރިހަމަ ކޭތަ ނިމޭނީ 1 ގަޑި އިރާއި 22 މިނެޓް ފަހުން 11:52 ގަ އެވެ.
ކޭތަ އެއްކޮށް ނިމޭނީ މެންދަމުން އަލިވެ 1:55 ގަ އެވެ.
އެކަމަކު މި ކޭތަ ޔޫރަޕާއި އެފްރިކާ ސަރަހައްދަށް ފެންނާނީ ފަޅި ކޭތައެއްގެ ގޮތުގައި ހަނދު އަރާ ވަގުތު އެވެ. އެމެރިކާ ސަރަހައްދަށް މި ކޭތަ އެއްވެސް ވަރަކަށް ނުފެންނާނެ އެވެ.
ރާއްޖެއަށް ބަލާއިރު ހުރިހާ ހިސާބަކަށް ވެސް ފުރިހަމަ ހަނދުކޭތަ އެ ރޭ ފެންނާނެ އެވެ. އެކަމަކު މާލެ ސަރަހައްދުގައި ވިލާ 81 ޕަސެންޓަށް ހުންނާނެ ކަމަށާއި ކުޑަކޮށް ވާރޭ ވެހުން ވެސް އެކަށީގެންވާ ކަމަށް ލަފާކުރެވެ އެވެ.
ރާއްޖޭގެ އުތުރު ސަރަހައްދުގައި 83 ޕަސެންޓަށް ވިލާ ހުންނާނެ ކަމަށް ބެލެވޭއިރު ދެކުނުގައި 70 ޕަސެންޓަށް ވިލާ ހުންނާނެ ކަމަށް ވެސް ލަފާކުރެވެ އެވެ.
ރާއްޖެއަށް ދެން ހަނދުކޭތައެއް ހިފާނީ އަންނަ އަހަރުގެ މާޗް 3 ގަ އެވެ. އެއީ ބައެއް ހިސާބުތަކަށް ފުރިހަމަ ކޭތައެއްގެ ގޮތުގައި ފެންނާނެ ކޭތައެއް ނަމަވެސް ރާއްޖެއަށް އެ ރޭ ހަނދު އެރުމުގެ ކުރިން ކޭތަ ހިފަން ފަށާނެ އެވެ. އިރު އޮއްސި 6:19 ގައި ކޭތަ ހިފަން ފެށުމަށް ފަހު ހޭދަވާނީ އެންމެ 1 ގަޑިއިރާއި 4 މިނެޓެވެ. އެހެންވެ ހަނދު އަރާއިރު ވެސް ހުންނާނީ ކޭތަ ހިފައިފަ އެވެ.
ރާއްޖެއަށް ދެން އެންމެ އަވަހަށް އިރުކޭތައެއް ފެންނާނީ އޯގަސްޓް 2، 2027 ގަ އެވެ. އެއީ މި ގަރުނުގެ އެންމެ ދިގު ފުރިހަމަ އިރުކޭތަ ހިފާ ދުވަހަށް ވިޔަސް ރާއްޖެެއަށް ފެންނާނީ ފަޅި ކޭތަ އެކެވެ. އެ ދުވަހު މެންދުރު ފަހު 3:26 ގައި ކޭތަ ހިފަން ފަށާ ގޮތަށް ނިމޭނީ ހަވީރު 5:35 ގަ އެވެ.
ރާއްޖެއަށް ދެން އެންމެ އަވަހަށް ފުރިހަމަ އިރުކޭތައެއް ފެންނާނީ 55 އަހަރާއި 364 ދުވަސް ފަހުންނެވެ. އެއީ ސެޕްޓެމްބަރު 3، 2081 ގަ އެވެ.