މައުމޫނާއި ނަޝީދު އެއްގަލަކަށް، އާދައިގެ ނިންމުމެއް ނޫން
މައުމޫނާއި ނަޝީދު އެއްގަލަކަށް، އާދައިގެ ނިންމުމެއް ނޫން

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެ ބޭފުޅުން ސިޔާސީ ގޮތުން އެއްގަލަކަށް އަރުއްވައި، އެއް އެއްބަސްވުމެއްގައި ސޮއިކުރައްވާނެ ކަމަށް، މީގެ ހައެއްކަ މަސް ކުރިއަށް ބެއްޔަސް، ގަބޫލުކުރާނީ މަދު ބައެކެވެ. އެކަމަކު މިދިޔަ ހުކުރުދުވަހު އެ ދެ ބޭފުޅުން އެކަން ކުރައްވައި، ރާއްޖޭގެ ސިޔާސީ ތާރީޚުގެ މުޅިން އާ ސަފުހާއެއް ހުޅުއްވާލެއްވި އެވެ. ކިތަންމެ ޚިޔާލު ތަފާތު ވިޔަސް، ވަގުތު ޖެހުނީމާ ކޮންމެ ކަމެއް ވެސް ވެދާނެކަން މައުމޫނާއި ނަޝީދު ދައްކުވައިދީފި އެވެ.

މައުމޫނާއި ނަޝީދު އެއްގަލަކަށް، އާދައިގެ ނިންމުމެއް ނޫން
މައުމޫނާއި ނަޝީދު އެއްގަލަކަށް، އާދައިގެ ނިންމުމެއް ނޫން

ރައްޔިތުންގެ މަޖިލިހުގެ އިތުރުން އެހެނިހެން ގޮތްގޮތުން ވެސް ސަރުކާރާ ދެކޮޅަށް އެކުގައި މަސައްކަތް ކުރެއްވުމަށް މައުމޫނާއި ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އަދި އަދާލަތު ޕާޓީގެ ރައީސް ޝޭހު އިމްރާން އަބްދުﷲ ސޮއިކުރެއްވި އެއްބަސްވުމުގައި މައުމޫނާއި ނަޝީދުގެ ސޮއި ހާއްސަ ވަނީ އެތައް ސަބަބަކާ ހެދި އެވެ. މިއީ މުޅިން އަލަށް ރާއްޖޭގެ ސިޔާސީ މަސްރަހުން ފެނުނު ކަމެކެވެ. ނަޝީދާއި ގާސިމާއި އިމްރާން ވަނީ މީގެ ކުރިން އެކި މަރުހަލާތަކުގައި ސިޔާސީ ގޮތުން އެކުގައި މަސައްކަތް ކުރައްވައިފަ އެވެ.

މައުމޫނާއި ނަޝީދު އެއްގަލަކަށް، އާދައިގެ ނިންމުމެއް ނޫން
މައުމޫނާއި ނަޝީދު އެއްގަލަކަށް، އާދައިގެ ނިންމުމެއް ނޫން

އެ ސޮޔާ އެކު، ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަންގެ އިސް ބޭފުޅުންގެ ފަރާތްޕުޅުން މައުމޫނަށް ބަހުގެ ހޫނު ހަމަލާތައް މިހާރު ވަނީ އިތުރުވެފަ އެވެ. މައުމޫނާއި ނަޝީދު އެއްގަލަކަށް އަރުއްވާފާނެ ކަމަށް ޕީޕީއެމްގެ އާންމު މެމްބަރަކު ވެސް ކުރިއަކުން ގަބޫލެއްނުކުރާނެ އެވެ. ސިޔާސީ ގޮތުން މައުމޫނާއި ނަޝީދާ ދެމެދު އޮތީ އެއަށް ވުރެ ބޮޑަށް "ސިޔާސީ ހަތުރުވެރި" ކަމެކެވެ. މައުމޫނަކީ ވަރަށް ބޮޑަށް ގޮތުގައި ހުންނަވާ ބޭފުޅެކެވެ. އަމިއްލަފުޅަށް އުފެއްދެވި ޕާޓީ ދެ ބައިވެ، އެއްބަފާ ކޮއްކޮ ރައީސް ޔާމީނާ ދެމެދު ބޮޑު ކޯޅުމަކަށް ގޮސް، މިއަށް ވުރެ އުނދަގޫ ދުވަސްތަކެއް ހޭދަކުރެއްވިއިރު ވެސް މި ނިންމުން ނުނިންމައި ހުންނެވި ސަބަބަކީ ވެސް އެއީ ކަމަށް ވެދާނެ އެވެ.

މައުމޫނާއި ނަޝީދު އެއްގަލަކަށް، އާދައިގެ ނިންމުމެއް ނޫން
މައުމޫނާއި ނަޝީދު އެއްގަލަކަށް، އާދައިގެ ނިންމުމެއް ނޫން

މައުމޫންގެ އަރިހުގައި މަސައްކަތް ކުރައްވާ ބޭފުޅަކު ވިދާޅުވި ގޮތުގައި ޕީޕީއެމްގެ އެތެރޭގެ ކޯޅުން އެންމެ ހޫނުވި ދަނޑިވަޅުގައި ވެސް، އެކުގައި މަސައްކަތްޕުޅު ކުރެއްވުމަށް ނަޝީދުގެ ފަރާތްޕުޅުން އެކި ސިފަސިފައިގައި އެދިވަޑައިގަންނަވަމުން ދިޔަ އެވެ. އަދި މައުމޫންގެ ފެކްޝަންގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބައެއް ބޭފުޅުންގެ ފަރާތުން ވެސް އެ ހުށަހެޅުން އައި ކަމަށް ވެ އެވެ. ނަމަވެސް އޭރު މައުމޫން މަޑުން ހުންނެވީ ކަމަށް "މިހާރު"އާ ވާހަކަ ދެއްކެވި ފަރާތުން ވިދާޅުވި އެވެ.

މައުމޫނާއި ނަޝީދު އެއްގަލަކަށް، އާދައިގެ ނިންމުމެއް ނޫން
މައުމޫނާއި ނަޝީދު އެއްގަލަކަށް، އާދައިގެ ނިންމުމެއް ނޫން

"މައުމޫން ގޮތެއް ނުނިންމަވާތީ، އަރިހުގައި ތިއްބެވި ބައެއް ބޭފުޅުން ވަރަށް ބޮޑަށް މާޔޫސް ވެސް ވި. އެކަމަކު ބެލެވޭ ގޮތުގައި އެ ހާލަތު އަންނަންދެން މައުމޫން މަޑުކުރައްވަމުން ގެންދެވީ. މިއަދު ސިޔާސީ ގޮތުން ގައުމު ހަމަ މަގަށް އެޅުވެން އޮތީ ނަޝީދާ އެކު ވެސް މަސައްކަތް ކުރައްވައިގެން ކަމަށް މައުމޫނަށް ގަބޫލުފުޅު ކުރެވިގެން މި ޑިސިޝަން ނެންގެވި ކަމަށް ބޮޑަށް ބެލެވެނީ،" އޭނާ ވިދާޅުވި އެވެ.

މައުމޫންގެ މި ނިންމެވުން ހަޖަމް ކުރައްވަން ހަގީގަތުގައި ވެސް ޕީޕީއެމްގެ ގިނަ މީހުންނަށް އުނދަގޫވާނެ އެވެ. އޭގެ ހެކިތައް ފާޅުގައި މިދިޔަ ހުކުރުދުވަހުން ފެށިގެން ދަނީ ފެންނަމުންނެވެ. މައުމޫންގެ ވެރިކަމުގައި ޑިމޮކްރެޓިކް ފުރަތަމަ އިންތިޚާބުގައި ފެއިލްވީ، ނަޝީދާ ވާދަކުރައްވަ އެވެ. އަދި ޑިމޮކްރެސީ އަށް މަގު ކޮށި ދުވަސްވަރު، މައުމޫންގެ ސަރުކާރަށް އެންމެ ބޮޑު ގޮންޖެހުމަކާ ވެސް ކުރިމަތިވީ ހަމަ ނަޝީދުގެ ފަރާތްޕުޅުންނެވެ. އެ ހިސާބުން އެކަން ނިމުނީއެއް ނޫނެވެ. އެންމެ ފަހުގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ކެންޑިޑޭޓް ޔާމީނަށް ކެމްޕެއިން ކޮށްދެއްވިއިރު، ސިޔާސީ ގޮތުން އެންމެ ބޮޑު ގޮންޖެހުމެއް އައީ ވެސް ނަޝީދުގެ ފަރާތްޕުޅުންނެވެ. މިފަދަ އެތައް ސަބަބަކާ ހެދި މައުމޫނާއި ނަޝީދު ނުވަތަ އެމްޑީޕީއާ އެކު ސިޔާސީ ގޮތުން މައުމޫން މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ގަބޫލުކުރަން ގިނަ މީހުންނަށް ދަތިވާނެ އެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި އެއް އިރެއްގައި މައުމޫންގެ އެންމެ އަރިސް އެއް ބޭފުޅާ، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ޕީޕީއެމް/އެމްޑީއޭގެ ޕާލަމެންޓްރީ ގުރޫޕުގެ ނިއުސް ކޮންފަރެންސްގައި އިއްޔެ ވިދާޅުވީ މައުމޫން ހުންނެވީ "ފަނާކުރުވަނިވި ފިކުރާ" އެކުގައި ކަމަށެވެ. މިއީ ޕީޕީއެމްގެ އިސް ބޭފުޅުން އަބަދުވެސް އެމްޑީޕީ އަށް ނުވަތަ ނަޝީދަށް ނިސްބަތް ކުރައްވަމުން ގެންދަވާ ބަހެކެވެ. އެމްޑީޕީން ގެންގުޅެނީ ފަނާކުރުވަނިވި ފިކުރެވެ. ޕީޕީއެމް ގެންގުޅެނީ ތަރައްގީގެ ފިކުރެވެ.

މައުމޫންގެ ނިންމެވުމާ އެކު މިއަދު އެމަނިކުފާނު ވަނީ ޕީޕީއެމްގެ ފިކުރު ނުގެންގުޅުއްވާ ބޭފުޅެއްގެ ގޮތުގައި ލޭބަލް ކޮށްފަ އެވެ. ރައީސް ޔާމީންގެ ފެކްޝަންގެ ބޭފުޅުންނަށް މައުމޫނަކީ އެމްޑީޕީގެ ފިކުރުގެ ބޭފުޅެކެވެ.

"ޕީޕީއެމްގެ ފިކުރުގެ އެއްވެސް ބޭފުޅަކު އެމްޑީޕީއާ އެކު އެއް މޭޒު ދޮށުގައި ނީށީންނާނެ. ކެނެރީގޭ ނަޝީދާ އެކު އެގްރީމަންޓެއްގައި ސޮއެއް ނުކުރާނެ. އަޅުގަނޑު މިއަދު ވެސް މިހުރީ ޕީޕީއެމްގެ ޓިކެޓުގައި ހޮވިގެން، ޕީޕީއެމްގެ ފިކުރުގައި ރައީސް ޔާމީނާ އެކުގައި. ރައީސް ޔާމީނަކީ ޕީޕީއެމްގެ ބޭފުޅެއް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

މައުމޫންގެ ސަރުކާރުގެ ދުވަސްވަރު މިނިސްޓަރުކަމާއި އަދި އެ ނޫނަސް އިސް މަގާމުތައް ފުރުއްވި، އަދި މިހާރު ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ވެސް ވަނީ މައުމޫންގެ ނިންމެވުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

އާޒިމާ އޭނާގެ ފޭސްބުކްގައި ވިދާޅުވީ ރައްޔިތުންގެ ވޯޓުން އިންތިހާބުކޮށްފައި އޮތް ސަރުކާރެއް ވައްޓާލުމަށް ނަޝީދާ އެކު މައުމޫން ސޮއިކުރެއްވުމަކީ ގަބޫލުކުރެއްވޭނެ ކަމެއް ނޫނެވެ. އަދި އެ އެއްބަސްވުމުގައި މައުމޫން ސޮއިކުރެއްވުމަކީ އެމަނިކުފާނުގެ ލޯބި ލިބިފައިވާ އަދި ދިފާއުގައި މަސައްކަތް ކުރާ އެތައް ބަޔަކަށް ބޭވަފާތެރިވުން ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ.

"ރައީސް މައުމޫނާ އެމްޑީޕީއާ އެކު އެއްބަސްވުމެއްގައި ސޮއިކުރައްވާ ތަން މިއަދު ފެނުމަކީ ހިތާމަ ހުރި ކަމެއް. އަދި އެއީ އެއްގޮތަކަށް ވެސް ގަބޫލު ކުރެވޭނެ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ނަޝީދު ނުވަތަ އެމްޑީޕީއާ އެކު އެއް ވިސްނުމެއްގައި މައުމޫން ނުކުމެވަޑައިގަތުމާ ގުޅޭ ގޮތުން މައުމޫން ސީދާ ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ. އެކަމަކު ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމާ އެކު އާންމު ކުރެއްވި ކުރު މެސެޖެއްގައި މައުމޫން ވިދާޅުވެފައި ވަނީ "އަޅުގަނޑުމެން އެކުގައި މި މަސައްކަތް ކުރަނީ ބާރުތައް ވަކިވެފައިވާ، އިންސާނީ ހައްގުތަކަށް އިހުތިރާމް ކުރާ، ދެ ފުށް ފެންނަ، ޖަވާބުދާރީ ކުރުވޭ، ހަގީގީ ޑިމޮކްރެޓިކް ވެއްޓެއް ބިނާކުރުމަށް" ކަމަށެވެ.

އެއީ އެއްގޮތަކުން ބަލާއިރު ކުޑަ ވާހަކައެއް ނޫނެވެ. ވަރަށް ބޮޑު ވާހަކައެކެވެ.

މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން "މިހާރު" އަށް ވިދާޅުވީ މައުމޫނާއި ނަޝީދާ ދެމެދު ޒާތީ ކަމެއް އޮތް ނަމަ އެއީ މާޒީ ކަމަށެވެ. އަދި ޒާތީ ކަންކަން އެއް ފަރާތް ކުރުމަށް ފަހު، ގައުމުގެ މުސްތަގުބަލަށްޓަކައި ނަޝީދާ އެކު ވިޔަސް އަދި ތަފާތު ވިސްނުމުގެ ބޭފުޅުންނާ އެކު މަސައްކަތްޕުޅު ކުރައްވަން މައުމޫން ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް ވެސް ޔުމްނާ ވިދާޅުވި އެވެ.

"އެނގިވަޑައިގަންނަވާނެ ޕާޓީގެ ތެރެއިން ވެސް އިސްލާހީ މަސައްކަތް އެމަނިކުފާނު ކުރައްވަން އުޅުއްވި. އެކަމަކު އެ މަސައްކަތް ރައީސް މައުމޫން ފެއްޓެވީމާ ކަން ހިނގި ގޮތް އާންމުންނަށް ފެނިވަޑައިގަންނަވާނެ. ޕާޓީގެ އޮފީހުގައި ހުރި ތަކެތި ގެންގޮސް އެތައް ދަތިތަކެއް ކުރިމަތި ކުރުވި،" އޭނާ ވިދާޅުވި އެވެ.

ޔުމްނާ ވިދާޅުވި ގޮތުގައި ގައުމުގެ ހާލަތު މިހާރު އޮތް ހިސާބަށް ބަލާއިރު، ހިޔާލު ތަފާތުވުން ހުއްޓަސް ގައުމުގެ ހައްގުގައި ސިޔާސީ އެހެން ބޭފުޅުންނާ އެކު ގުޅިގެން މަސައްކަތް ކުރެއްވުން ވަރަށް މުހިންމު ކަން މައުމޫން ގަބޫލުފުޅު ކުރައްވަ އެވެ. އަދި އެއީ ރައްޔިތުން ވެސް ގަބޫލުކުރަން ވާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ގައުމުގެ ހާލަތު ބަދަލުވީމާ ނިންމަވާ ނިންމެވުން ވެސް ބަދަލުވާނެ. އެ އުސޫލުން ރައީސް މައުމޫންގެ ނިންމެވުން ވެސް މި އައީ. ބޮޑެތި އެކި ކަންކަމުގައި ސަރުކާރާ އެކު މަޝްވަރާ ކުރައްވަން ރައީސް މައުމޫން އަހަރެއްހާ ދުވަހު އުޅުއްވި. ގާނޫނުއަސާސީ އަށް ބޮޑެތި ބަދަލުތަކެއް ގެނެސް ގާނޫނުތައް ފާސްކުރަމުން ދިޔައިރު، ރައީސް މައުމޫނާ މަޝްވަރާއެއް ނުކުރައްވާ. މަޝްވަރާ އަށް އެދިވަޑައިގަތުމުން ޖަވާބެއް ނުދެއްވި. ސިޓީ އާއި އެސްއެމްއެސް މެދުވެރިކޮށް ރައީސް މައުމޫން މަޝްވަރާ އަށް އެދިވަޑައިގެންނެވި. އެ ކަންކަން ހާސިލެއް ނުވި،" ޔުމްނާ ވިދާޅުވި އެވެ.

"މިހާރު މި ގައުމުގައި މި ދައްކަނީ ކޮރަޕްޝަނާއި ގައުމުގެ ކަންކަން ގޯސް މިސްރާބަކަށް ދާ ވާހަކަ. އެކަންކަން ހަމަ މަގަށް އެޅުވުން ރައީސް މައުމޫންގެ ބޭނުންފުޅަކީ."

މައުމޫނާއި ނަޝީދާއި ގާސިމް އަދި އިމްރާން ސޮއިކުރެއްވި އެއްބަސްވުމުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އިދިކޮޅު ފަރާތްތަކުން ފަހަކަށް އައިސް ފާހަގަކުރަމުން އަންނަ ކަންތައްތަކެވެ. ބިންތަކުގެ މިލްކުވެރިކަން ހިމާޔަތް ކުރުމާއި ގެއްލިފައިވާ ސިޔާސީ އަދި މަދަނީ ހައްގުތައް ހިމާޔަތް ކުރުމާއި ސިޔާސީ ޕާޓީތަކުން އިހުތިޔާރުކުރާ ކެންޑިޑޭޓުންނަށް އިންތިޚާބުތަކުގައި ވާދަކުރެވޭ ގޮތް ހެދުމާއި ސިޔާސީ ބޭނުމަށް ހައްޔަރުކޮށްފައިވާ މީސްމީހުން މިނިވަން ކުރުމާއި އަދި ސަރުކާރުގެ ތެރޭގައި ހިންގާ ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމެވެ. މި ކަންކަމަށް ބަލާއިރު، އެއްވެސް އިންތިޚާބެއްގައި ގުޅިގެން މަސައްކަތް ކުރާ ވާހަކައެއް އަދި ނެތެވެ. އެހެންވެ މިއީ މިވަގުތަށް އޮތް އެއްބަސްވުމެއް ކަމަށް ބެލުމުގެ ފުރުސަތު ބޮޑެވެ.

މައުމޫނަކީ ރާއްޖޭގައި އުފެދުނު އެންމެ ވަރުގަދަ އެއް ސިޔާސީ ޝަހުސިއްޔަތެވެ. އެހެންވެ އެމަނިކުފާނު މިފަދަ ބޮޑު ކަމެއް ނިންމަވާނީ ވަރަށް ބޮޑަށް ވިސްނަވާފައި ކަމަށް ބަލަން ޖެހެ އެވެ. ނަޝީދާ އެކު ވެސް ސިޔާސީ މަސައްކަތްޕުޅު ކުރައްވަން މައުމޫން ނިންމެވިއިރު، އެ އިއްތިހާދުގެ ފުރަތަމަ އިމްތިހާން ރައްޔިތުންގެ މަޖިލިހުގައި މާދަމާ އޮންނާނެ އެވެ. މަޖިލިހުގެ ރައީސް މަސީހް މަގާމުން ވަކިކުރުމަށް ނަގާ ވޯޓު އިދިކޮޅު ފަރާތްތަކަށް ކާމިޔާބުވެއްޖެ ނަމަ، އެއީ މައުމޫންގެ އިސްނެންގެވުމަށް ލިބޭނެ ވަރަށް ބޮޑު ކާމިޔާބަކަށް ވާނެ އެވެ.