އިންގްލެންޑުގެ މޮޅު ކޯޗުގެ އެވޯޑް ރަނިއޭރީ އަށް
އިންގްލެންޑުގެ މޮޅު ކޯޗުގެ އެވޯޑް ރަނިއޭރީ އަށް

ލަންޑަން (މޭ 17) - އިނގިރޭސި ޕްރިމިއާ ލީގުގެ ކޯޗުންގެ އެސޯސިއޭޝަނުން ހޮވި އަހަރުގެ އެންމެ މޮޅު ކޯޗުގެ މަގާމް ލެސްޓާ ސިޓީ އަށް ޕްރިމިއާ ލީގު ކާމިޔާބުކޮށްދިން ކްލައުޑިއޭ ރަނިއޭރީ އަށް ލިބިއްޖެ އެވެ.

ލެސްޓާގެ ކޯޗުކަން ކުރި ފުރަތަމަ ސީޒަނުގައި އުމުރުން 64 އަހަރުގެ ރަނިއޭރީ އެ ޓީމަށް ލީގު ހޯދައިދިނީ އެންމެން ހައިރާންކޮށްލުމަށް ފަހު އެވެ.

ރަނިއޭރީ އަށް ވަނީ ލީގުގެ މޮޅު ކޯޗުގެ މަގާމް ވެސް ހޯދައިފަ އެވެ. އަދި މީގެ ކުރިން އޭނާ ވަނީ އިޓަލީގެ އެންމެ މޮޅު ކޯޗުގެ މަގާމް ވެސް ހާސިލްކޮށްފަ އެވެ.

ރަނިއޭރީ އަކީ އިންގްލެންޑުގެ އެންމެ މޮޅު ކޯޗުގެ މަގާމް ހޯދި އިނގިރޭސި ނޫން ދެ ވަނަ ކޯޗެވެ. އެ ޝަރަފް ކުރިން ހޯދީ 2002 އަދި 2004 ވަނަ އަހަރު އާސެނަލްގެ ކޯޗު އާސެން ވެންގާ އެވެ.

ދަށް ނަތީޖާތަކެއް ނެރުމުން ގްރީސްގެ ކޯޗުކަމުން މިދިޔަ އަަހަރު ވަކިކުރި ރަނިއޭރީ ވަނީ މީގެ ކުރިން އިޓަލީގެ ޔުވެންޓަސް އާއި އިންޓަ އާއި ރޯމާގެ އިތުރުން އިންގްލެންޑުގެ ޗެލްސީ އަށް ވެސް ކޯޗުކޮށްދީފަ އެވެ. އެކަމަކު އެއްވެސް ޓީމަކާ އެކު މީގެ ކުރިން ލީގު ކާމިޔާބުކުރެވިފައެއް ނުވެ އެވެ.