03 ސެޕްޓެމްބަރ 2025 - 14:09

މީޑިއާގެ މިނިވަންކަން ހަނިކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލް ބޭރުކޮށްލަން އެެދި 150 އަށް ވުރެ ގިނަ ނޫސްވެރިންގެ ސޮޔާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒާއި މަޖިލީހަށް މިއަދު ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ހުށަހަޅުއްވާފައިވާ އެ ބިލުގައި ހުރި މައްސަލަތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އަދި އެ ބިލް މަޖިލީހުން ބޭރުކޮށްލަން އެދި ހުށަހެޅި އެ ޕެޓިޝަނުގައި 40 މީޑިއާއަކަށް ނިސްބަތްވާ 151 ނޫސްވެރިން ސޮއިކޮށްފައިވެ އެވެ.
އެ ޕެޓިޝަނުގައިވަނީ އެ ބިލުގައި ބަޔާންކޮށްފައިވާ ގޮތަށް މީޑިއާގެ ރެގިއުލޭޓްރީ ނިޒާމު އިންތިޒާމުވުމަކީ ރާއްޖޭގެ ނޫސްވެރިކަން އެތައް އަހަރެއް ފަހަތަށް ސޮއްސާލައި، ބައިނަލްއަގްވާމީ ނޫސްވެރިކަމުގެ އިންޑެކްސްގައި ރާއްޖެ އެތައް ދަރަޖައެއް ފަހަތަށް ދާނެ ކަމެއް ކަމަށެވެ.
ބިލު ފަރުމާކޮށްފައިވަނީ ނޫސްވެރިންނާއި އާންމު ރައްޔިތުންނާއި މަދަނީ ޖަމިއްޔާތަކާއި އެއްވެސް މިންވަރަކަށް މަޝްވަރާ ކުރުމެއް ނެތި ކަމަށް ވެސް ޕެޓިޝަނުގައި ބުންޏެވެ. އަދި ބިލު ފަރުމާކުރީ ބޭރުގެ ބޭރުގެ ބައެއް ގައުމުތަކުގެ ބްރޯޑްކާސްޓިން ގާނޫނުތަކެއް ނަމޫނާއަކަށް ބަލައިގެން ކަމަށްވާތީ، ނޫސްވެރިކަމުގެ ދާއިރާގެ އަސާސީ ހައްގުތައް ވަރަށް ބޮޑަށް ހަނިވެގެންދާ ކަމަށް އެ ޕެޓިޝަންގައިވެ އެވެ.
ޕެޓިޝަނުގައި ފާހަގަކުރާ ގޮތުގައި ބިލު ޑްރާފްޓްކުރުމުގައި ނަމޫނާއަކަށް ނެގި ގައުމުތަކުގައި ވެސް ނޫސްވެރިކަމުގެ ދާއިރާ ބެލެހެއްޓުމަށް ސެލްފް ރެގިއުލޭޓަރީ ބޮޑީތައް އޮވެ އެވެ.
ޕެޓިޝަނުގައި ބުނީ އެ ބިލު އޮތްގޮތުން ނޫސްވެރިންނަށް މިނިވަންކަމާ އެކު އެމީހުންގެ ޒިންމާ އަދާނުކުރެވޭނެ ކަމަށެވެ. އަދި ބިލު ފަރުމާކޮށްފައި އޮތީ ނޫސްވެރިންގެ ޒިންމާ އިންތިހާއަށް ހަނިކޮށް، ވަކި ބަޔަކަށް ނޫސްވެރިންގެ މަސައްކަތްތަކަށް ބާރު ފޯރުވެވޭ ގޮތަށް ކަމަށާއި އެކަމުގެ ސަބަބުން އެއްވެސް ފަރާތަކަށް ނުޖެހި މައުލޫމާތުތައް އާންމުންނާ ހަމައަށް ގެނެސް ދިނުމަށް ނޫސްވެރިންނަަށް ދަތިވެ، ނޫސްވެރިކަން ކުރުމަށް އުނދަގޫ މާހައުލެއް އުފެދޭނެ ކަމަށް އެ ޕެޓިޝަންގައި ބުންޏެވެ.
ޕެޓިޝަންގައިވާ ގޮތުން، އެ ބިލުގެ ދަށުން އަލަށް އުފައްދާ ކޮމިޝަނުން މައްސަލަ ބަލަމުންދާއިރު ވަގުތީގޮތުން ލައިސަންސް ހިފެެހެއްޓުމުގެ ބާރު ދީފައި އޮތުމުގެ ސަބަބުން މީޑިއާތަކަށް ޓާގެޓްކޮށް ވަކި މުއްދަތެއް ނެތް ގޮތަށް މީޑިއާ އިދާރާތައް ބަންދުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި ސަރުކާރު ޖަވާބުދާރީ ކުރުވުމާއި ޒިންމާދާރު ކުރުމުގެ ފުރުސަތު ވެސް އެ ބިލުން ނޫސްވެރިންނަށް ހަނިވާނެ ކަމަށް ޕެޓިޝަންގައިވެ އެވެ.
ރާއްޖޭގައި މިހާރު އޮތް މީޑިއާ ސެލްފް ރެގިއުލޭޓަރީ ނިޒާމުގެ ބަދަލުގައި ސަރުކާރުގެ ނުފޫޒާއި ބާރު ހިންގާނެ ރެގިއުލޭޓަރީ ނިޒާމަކަށް ބަދަލު ކުރުމަކީ މީޑިއާގެ މިނިވަންކަން ގެއްލި، މިނިވަން ނޫސްވެރިކަން ހީނާރުވެގެންދާނެ ކަމެއް ކަމަށް ވެސް ނޫސްވެރިންގެ ޕެޓިޝަނުގައިވެ އެވެ.
އެއީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގުގެ އިތުރުން އެ ހައްގުތަކާއި ގުޅިފައިވާ އެތައް މަދަނީ އަދި ސިޔާސީ ހައްގަކަށް އުނިކަން ލިބިގެންދާނެ ކަމެއް ކަމަށް އެ ޕެޓިޝަންގައިވެ އެވެ.
ޕެޓިޝަނުގައިވަނީ މަދަނީ އަދި ސިޔާސީ ހައްގުތަކުގެ ތެރެއިން ހައްގެއް ނުވަތަ މިނިވަންކަމުގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ މިނިވަން އަދި ޑިމޮކްރަޓިކް މުޖުތަމައުތަކުގައި އެފަދަ ހައްގެއް ހިފެހެއްޓި ދާނެ ކަމަށް ގަބޫލުކުރެވޭ މިންވަރަކަށް ކަމަށް ގާނޫނު އަސާސީގައި އޮންނަ ކަމަށެވެ. އެހެންވެ، އެ ބިލް މަޖިލީހުން ބޭރުކޮށްލަން އެެ ޕެޓިޝަނުގައި ގޮވާލާފައިވެ އެވެ.
އެ ބިލުގެ ދިރާސާ ކުރުމުގެ މަސައްކަތް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ކުރަމުން ދާއިރު، އެ ބިލަށް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނުގެ އިތުރުން ނޫސްވެރިންގެ ހިޔާލު ހޯދަން އެ ކޮމެޓީއާށް ހާޒިރުކުރުމުން ވެސް އެ ހުރިހާ ފަރާތްތަކުން ވެސް ބުނެފައިވަނީ ބިލުގައި ނޫސްވެރިންގެ ހިމާޔަތުގައި އެއްވެސް ކަމެއް ނެތް ކަމަށާއި އެ ބިލު އޮތީ ރާއްޖޭގެ މިނިވަން މީޑިއާ ކޮންޓްރޯލް ކުރެވޭ ގޮތަށް ކަމަށެވެ. އެހެންވެ، އެ ބިލު އަނބުރާ ގެންދަން ނުވަތަ ބޭރުކޮށްލަން އެދިފައިވެ އެވެ.
އެ ބިލާ ގުޅިގެން ބޭރުގެ ބައެއް ޖަމާއަތްތަކުން ވެސް ކަންބޮޑުވުން ފާޅުކޮށްފައި ވާއިރު، ނޫސްވެރިން ވަނީ އެ ބިލާ ގުޅިގެން މީގެކުރިން މަޖިލީހާއި ރައީސް އޮފީސް ކުރިމަތީގައި އިހްތިޖާޖް ވެސް ކޮށްފަ އެވެ.