25 މާޗް 2017 - 23:55

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ މަޖިލީހުގެ ރައީސެއްގެ ސިފަތައް އެމަނިކުފާނުގެ ކިބައިގައި ނެތުމުން ކަމަށް މައްޗަންގޮޅީ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މާރިޔާ އަހުމަދު ދީދީ މިރޭ ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫންގެ ފެކްޝަނާއި އެމްޑީޕީ އާއި ޖޭޕީ އަދި އަދާލަތު ކޯލިޝަނުން ޖޭޕީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި މާރިޔާ ވިދާޅުވީ މަސީހު ވަކި ކުރަން ހުށަހެޅީ އެމަނިކުފާނާ "ޖެހިގަނެގެން" ނޫން ކަމަށެވެ. އަދި މަޖިލީހުގެ ރައީސްގެ ގޮނޑީގައި މަސީހު އިންނަވާތީ ކަންބޮޑުވެވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަމަވެސް މަޖިލީހުގެ ރައީސްގެ ގޮނޑީގައި އިންނަވާ ބޭފުޅަކީ މަޖިލީހުގެ ގަވާއިދުތަކާއި ގާނޫނުއަސާސީއާ އެއްގޮތަށް ކަންކަން ކުރެވޭ ބޭފުޅަކަށް ވާން ޖެހޭނެ ކަމަށާއި ހިނގަމުން އަންނަ 18 ވަނަ މަޖިިލީހުގައި އެކަން ފެނިގެން ނުދާ ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަކީ ބޮޑު ހުވައެއް ކޮށްގެން ރައްޔިތުންގެ ހައްގުގައި، ސަރުކާރު ޖަވާބުދާރީ ކުރުވަން ތިބި ބައެއް. އެކަން ހަނދާންކޮށް ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތް ކުރަން ޖެހޭ،" މާރިޔާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ ތެރެއިން ފެންނަނީ ރައްޔިތުންނާ ގުޅޭ ކަންކަމުގައި މެމްބަރުންނަށް ފުރިހަމައަށް ބަހުސް ކޮށްލަން ފުރުސަތު ނުލިބޭ ތަނެވެ. ކޮމެޓީތަކުގެ މަސައްކަތްތައް ހިނގަމުންދާއިރު، އިދިކޮޅު ފަރާތްތަކަށް އިސްލާހުތައް ކޮމެޓީތަކަށް ހުށަހަޅަން ފުރުސަތު ނުދޭ ކަމަށް މާރިޔާ ވިދާޅުވި އެވެ.
"ފެންނަނީ އަޣުލަބިއްޔަތު ބޭނުންވާ ގޮތަށް ވޯޓަށް އަހާފައި، އިތުރު އިސްލާހެއްގެ [އިދިކޮޅު ފަރާތްތަކުގެ އިސްލާހުތައް] އަޑު އަހާލަން ނުކުރޭތަން،" މާރިޔާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ހުވާކޮށްގެން ތިބީ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރަން. ރައްޔިތުން ބުނާ ބަސްތައް އަޑު އަހައި، އެ ބަހާ އެއްގޮތަށް އަމަލު ކުރަން،"
މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ރައްޔިތުންގެ މަޖިލީހުގެ އަންނަ ހޯމަދުވަހުގެ ޖަލްސާ އަށް ވަނީ އެޖެންޑާކޮށްފަ އެވެ. މަސީހުގެ އިތުބާރު ނެތް ކަމަށް ފާސް ކުރާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން އަންނައިރު، ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން ވިދާޅުވަނީ އެ ވޯޓު ނާކާމިޔާބު ކޮށްލާނީ ފަސޭހަކަމާއެކު ކަމަށެވެ.