އައްޑޫއިން ގެންދިޔަ ފަޔާ ލޮރީއާއެކު ފުވައްމުލަކު އެއާޕޯޓަށް ދަތުރުތައް ފަށައިފި
އައްޑޫއިން ގެންދިޔަ ފަޔާ ލޮރީއާއެކު ފުވައްމުލަކު އެއާޕޯޓަށް ދަތުރުތައް ފަށައިފި

ފުވައްމުލަކު އެއާޕޯޓުގައި ބޭނުންކުރާ ފަޔާ ޓްރަކް ހަލާކުވެ، ވަގުތީ ގޮތުން އެ އެއާޕޯޓަށް ދަތުރުތައް ހުއްޓާލިތާ އެއް ދުވަސް ފަހުން ފަޔާ ޓްރަކެއް ފުވައްމުލަކަށް ރޭ ގެންގޮސް، މިއަދު ދަތުރުތައް ފަށައިފި އެވެ.

އާބާދީގައި 14،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ފުވައްމުލަކު އެއާޕޯޓްގެ ފަޔާ ޓްރަކަށް އިއްޔެ ދިމާވި މައްސަލައާ ގުޅިގެން، ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގައިޑްލައިންތަކާ އެއްގޮތަށް އެ އެއާޕޯޓްގެ ދަތުރުތައް ހުއްޓާލީ މިދިޔަ ހޯމަ ދުވަހު އެވެ.

އެ ރަށަކީ ކަނޑުމަގުން ވެސް ދަތުރު ކުރުމުގައި އުނދަގޫ ރަށަކަށް ވުމުން ވޭތުވެދިޔަ ދެ ދުވަހު އެ ރަށުން ބޭރަށް ނުދެވި އެތައް ބަޔަކު ރަށުގައި ތާށިވި އެވެ.

ފުވައްމުލަކު މޭޔަރު އިސްމާއިލް ރަފީގު "މިހާރު"އަށް ވިދާޅުވީ ރޭ އައްޑޫއިން ގެނައި ފަޔާ ލޮރީއާއެކު އެއާޕޯޓްގެ އޮޕަރޭޝަން މިއަދު އަލުން ފަށާފައިވާ ކަމަށެވެ.

ހަމައެކަނި މޯލްޑިވިއަން އެއާލައިން ދަތުރުކުރާ ފުވައްމުލަކު އެއާޕޯޓުން މިއަދު ހަވީރު ފުރަތަމަ ފްލައިޓް ފުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރީޖަނަލް އެއާޕޯޓުތައް ބަލަހައްޓާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް އިއްޔެ ވިދާޅުވެފައިވަނީ ރީޖަނަލް އެއާޕޯޓްސް ކުންފުނި އުވާލުމަށްފަހު އެމްއޭސީއެލްއާ ހަވާލު ކުރުމުން ރީޖަނަލް އެއާޕޯޓްތަކުގެ ގްރައުންޑް ހޭންޑްލިން އާއި ފަޔަ ފައިޓިން ސާމާނުގެ ހާލަތު އެމްއޭސީއެލްއިން ބަލަން ފަށާފައިވާ ކަމަށެވެ.

"އެއްވެސް އެއްޗެއް މެއިންޓެއިން ކޮށްފައެއް ނެތް. އަޅުގަނޑުމެން ގެންދިޔައީ އިމަޖެންސީކޮށް އެއްޗެހި ގަތުމުގެ ޕްރޮސެސްއެއް ފައްޓައިގެން. އެކަމަކު ފަޔަ ފައިޓިން އެއްޗެހި ގަންނައިރު ވަރަށް ބައިވަރު ކަންކަން އެބަ ބޭނުންވޭ ކަސްޓަމައިޒް ކުރަން،" ޝަރީފް ވިދާޅުވި އެވެ.

އެއާޕޯޓުތަކާ ހަވާލުވި ގޮތަށް އެ ތަކެތި ގަތުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.