03 ސެޕްޓެމްބަރ 2025 - 16:11

މަސްވެރިކަމަށް މުޅި ރާއްޖެއަށް ވެސް މަޝްހޫރު ހއ. އިހަވަންދޫގައި ރަސްމީ ފާލަމަކާއި މޮނިއުމެންޓެއް ހެދުމަކީ އެ ރަށުގައި މިހާރު ތިއްބެވި ކައުންސިލަރުންގެ ވައުދެކެވެ. ދައުރު ހަމަވުމުގެ ކުރިން އެ ވައުދު ފުއްދުމަށް މަސައްކަތް ފަށައި މިހާރު ވަނީ ފާލަމާއި މޮނިއުމަންޓުގެ ތްރީޑީ ކުރެހުމެއް ހަދައި އާންމުންގެ ހިޔާލަށް ހުޅުވާލައިފަ އެވެ.

މި އެނިމޭޝަނުން ފެންނަ ގޮތުގައި ރަށުގެ ފަޅަށް ވަދެގެން އަންނައިރު ފެންނަނީ މަސް ދޯންޏެކެވެ. އިހުގެ ދޯންޏެއްގެ ބަދަލުގައި ހަދާފައިވަނީ ދޯނި ބަނދެ ވެސް އުޅޭ އިހަވަންދޫގައި އާންމުކޮށް ބަނދެ އުޅޭ ޒަމާނީ މަސްދޯންޏެކެވެ.

ދޯނީގެ ސިފަޔަށް ހަދާފައިވާ ފާލަމުގެ ތިރީގައި، ފުރާ މީހުންނަށް މަޑުކޮށްލެވޭ ގޮތަށް ތަނެއް ހަދާފައިވާއިރު ސިޑިއަކުން މައްޗަށް އަރާއިރު މަތީގައި އޮންނަނީ އޯޕަން އެއާ ކޮފީ ޝޮޕެކެވެ.
ކައުންސިލް ރައީސް އަހުމަދު ސޮބާހު ވިދާޅުވި ގޮތުގައި އެތަން އެޅުމަށް ކައުންސިލްގެ ބަޖެޓުން ދެ މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. ސޮބާހު ވިދާޅުވީ އަންނަ އަހަރުގެ މެއި މަހުގެ ނިޔަލަށް އެތަން ނިންމުމަކީ އަމާޒު ކަމަށެވެ.
މޮނިއުމެންޓްގެ ކޮންސެޕްޓް ކުރެހުމަށް ރައްޔިތުންގެ ހިޔާލަށް އިއްޔެ ހުޅުވާލަފައިވާއިރު އަންނަ އާދިއްތަ ދުވަހުގެ މެންދުރު ފަހުގެ 2:00 ގެ ކުރިން ގޫގުލް ފޯމް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.