ގައުމީ ޓީމުގެ މެނޭޖަރަކަށް އަނެއްކާ ވެސް އެކްސްކޯ މެމްބަރެއް!
ގައުމީ ޓީމުގެ މެނޭޖަރަކަށް އަނެއްކާ ވެސް އެކްސްކޯ މެމްބަރެއް!

ގައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖަރުގެ މަގާމަށް އެފްއޭއެމްގެ އެކްސްކޯ މެމްބަރަކު އައްޔަންކުރުމަކީ، މަސްލަހަތު ފުށުއަރާ ކަމެއްގެ ގޮތުގައި، ފުޓްބޯޅައިގެ ބައެއް ހިންގުންތެރިން ފާހަގަކޮށްފައިވަނިކޮށް، މި ފަހަރު ވެސް އެ މަގާމަށް އެކްސްކޯ މެމްބަރަކު ހަމަޖައްސައިފި އެވެ.

ދާދި ފަހުން އެފްއޭއެމްގެ ރައީސްގެ މަގާމަށް އިންތިހާބުވި އަހުމަދު ތޯރިގް (ޓޮމް) ގެ އެކްސްކޯ އިން ގައުމީ ޓީމަށް ހަމަޖެއްސީ، އެ ކޮމިޓީގެ މެމްބަރު އަހުމަދު އައްބާސް (އައްބު) އެވެ. އެފްއޭއެމުން އެކަން ރަސްމީކޮށް އަދި އިއުލާންނުކުރި ނަމަވެސް، އެ އެސޯސިއޭޝަނުން ވަނީ އެކަން "މިހާރު" އަށް ކަށަވަރުކޮށްދީފަ އެވެ.

މީގެ ކުރިން އެކްސްކޯގެ މެމްބަރަކަށް ހުރެ، ގައުމީ ޓީމުގެ މެނޭޖަރުކަން ކުރީ ބައްސާމް އަދީލް ޖަލީލުގެ ދައުރުގައި އަބްދުﷲ ޝިބާއު އެވެ. އޭރު ޝިބާ އަކީ، އެފްއޭއެމްގެ ޑެޕިޔުޓީ ޖެނެރަލް ސެކްރެޓަރީގެ އިތުރުން ކްލަބް ލައިސަންސިންގެ ވެސް އިސްވެރިޔާ އެވެ.

ފުޓްބޯޅައިގެ އިދާރީ ހިންގުމުގެ ތަޖުރިބާކާރަކު "މިހާރަ"ށް އަށް ވިދާޅުވީ ގައުމީ ޓީމުގެ މެނޭޖަރު ހިމެނޭހެން، އެ އެސޯސިއޭޝަނުގެ އޮނިގަނޑުގައި ހިމެނޭ ކޮންމެ އޮފިޝަލަކީ ވެސް އެކްސްކޯ އަށް ޖަވާބުދާރީވާން ޖެހޭ މީހެއްކަމުން މިއީ މަސްލަހަތު ފުށުއަރާނެ ކަމެއް ކަމަށެވެ

"އޭރު ޝިބާ އައްޔަން ކުރީމަ ވެސް އަޅުގަނޑު ފާހަގަ ކުރިން މިވާހަކަ. ގައުމީ ޓީމުގެ މެނޭޖަރު ވެސް ޖަވާބުދާރީވާން ޖެހޭނެ އެކްސްކޯ. އެކަމަކު މެނޭޖަރަކަށް މި ހުންނަނީ އެކްސްކޯ މެމްބަރެއް،"

އޭނާ ވިދާޅުވީ އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އިން ބަލާ މިންގަނޑުގައި ވެސް ގައުމީ ޓީމުގެ މެނޭޖަރަކީ، ވަރަށް ސްޓްރެޓިކް މަގާމެއް ކަމަށާއި، އެހެންވެ އެފަދަ މަގާމެއް ފުރާ މީހަކީ އެކްސްކޯ އަށް ޒިންމާދާރުކުރެވޭ މީހަކަށް ވާން ޖެހޭނެ ކަމަށެވެ.

"އެކްސްކޯގައި ހުންނަވާ ބޭފުޅަކު އެ މަގާމަށް ވަޑައިގަތީމަ ނުވަތަ އެ މަގާމުގައި ހުންނަވާ ބޭފުޅަކަށް އެކްސްކޯ މެންބަރުކަން ދިނީމަ އެކްސްކޯއިން އެ ބޭފުޅަކު ޒިންމާދާރުކޮށް ޖަވާބުދާރީ ކުރުވާނެ ގޮތެއް އަޅުގަނޑަކަށް ނުވިސްނޭ،" އޭނާ ވިދާޅުވި އެވެ.

ތަޖުރިބާކާރު ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) ގެ ކޯޗުކަމުގެ ދަށުން ގައުމީ ޓީމުން ތައްޔާރުވަމުން އަންނަނީ މި މަހު ސްރީ ލަންކާއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ ދެ މެޗަށެވެ.

ސައުތު އޭޝިއަން ސުޕަ ކަޕްގެ ނަމުގައި ކުޅޭ އެ ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ. ދެ ވަނަ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހު އެވެ. ދެ މެޗު ވެސް ކުޅޭނީ ކޮލަމްބޯގެ ރޭސްކޯސް ސްޓޭޑިއަމުގަ އެވެ.