އިންޑިއާއަށް އަދަބު ދޭން ޓްރަމްޕް ޖެއްސެވި ހިސާބު ގޯސް
އިންޑިއާއަށް އަދަބު ދޭން ޓްރަމްޕް ޖެއްސެވި ހިސާބު ގޯސް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ހަތް އަހަރު ފަހުން ޗައިނާއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުގެ ބޭނުން ހިއްޕެވީ ބާރުގަދަ އަވަށްޓެރިޔާ ޗައިނާ އާއި ވިޔަފާރީގެ މުހިއްމު ބައިވެރިއެއް ކަމަށްވާ ރަޝިޔާގެ ވެރިންނާ ގުޅުން ބަދަހިކުރެއްވުމަށެވެ. މޯދީ މިފަދަ ގޮތަކަށް މިސްރާބު ބަދަލުކޮށްލެއްވީ ކުރިން ވިޔަފާރީގެ ގޮތުންނާއި ސިޔާސީ ގޮތުން ވެސް ގާތް ގުޅުމެއް އޮތް އެމެރިކާއިން އިންޑިއާއާ މެދު އަމަލުކުރި ގޮތުގެ ސަބަބުން ބޮޑު ނުތަނަވަސްކަމެއް އުފެދިފައި އޮއްވަ އެވެ.

ޗައިނާގެ ޓިއާންޖިންގައި ބޭއްވި ރީޖަނަލް ސެކިއުރިޓީ އެންޑް އިކޮނޮމިކް ސަމިޓްގެ ހަވާސާގައި މިދިޔަ އާދީއްތަ ދުވަހު މޯދީ، ޗައިނާގެ ރައީސް ޝީޖިންޕިން ބައްދަލުކުރެއްވި އިރު ދެބޭފުޅުން ވައުދުވެވަޑައިގަތީ އިންޑިއާ އާއި ޗައިނާ އަކީ ވާދަވެރިންގެ ގޮތުގައި ތިބުމުގެ ބަދަލުގައި ބައިވެރިންނަށް ވުމަށެވެ.

ދެގައުމުން ވެސް ރަސްމީކޮށް ހާމަކޮށްފައިވާ ގޮތުގައި މޯދީ އާއި ޝީޖިންޕިން މަޝްވަރާކުރެއްވީ ދެގައުމުގެ ދެމެދުގައި އޮތް ޒަމާންވީ މައްސަލައެއް ކަމަށްވާ ސަރަހައްދީ ރޮނގުގެ އަރައިރުން ނިމުމަކަށް ގެނައުމަށެވެ. ވައިގެ ސީދާ ދަތުރުތައް ފެށުމާ އެކު ދެގައުމުގެ ދެމެދު ކުރާ ވިޔަފާރި މިހާރަށް ވުރެ އިތުރުކުރުމަށެވެ.

އޭގެ ފަހުން ހޯމަދުވަހު މޯދީ ބައްދަލުކުރެއްވީ ރަޝިޔާގެ ރައިސް ލަޑީމިއާ ޕުޓިންއާ އެވެ. މޯދީ ޕުޓިންއާ ބައްދަކުރެއްވީ އިންޑިއާއިން ރަޝިޔާއާ ބާއްވާ ގުޅުމަށް އެމެރިކާއިން ފާޑުކިޔަމުން ދަނިކޮށެވެ. ރަޝިޔާގެ ތެޔޮ އިންޑިއާ އިން ގަތުމަކީ އެގައުމުން ޔުކްރޭނާ ދެކޮޅަށް ކުރާ ހަނގުރާމައަށް ވާގިދިނުން ކަމަށް ސިފަކުރައްވައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މޯދީއަށް ފާޅުގައި ފާޑުވިދާޅުވެފަ އެވެ.

ރަޝިޔާއާ އެކު ހަކަތައިގެ ވިޔަފާރިކުރާތީ ދޭ އަދަބެއްގެ ގޮތުގައި ޓްރަމްޕް ވަނީ އިންޑިއާއިން އެމެރިކާއަށް އެކްސްޕޯޓްކުރާ މުދަލުން 50 ޕަސެންޓް ޑިއުޓީ ނަގަން ނިންމަވައިފަ އެވެ. އިންޑިއާއާ ދެކޮޅަށް އެމެރިކާއިން އެޅި އެ ފިޔަވަޅަކީ އެ ގައުމުން އޭޝިއާގެ ގައުމަކަށް ދިން އެންމެ ބޮޑު އަދަބެވެ.

އުރުދުން އާއި މޯލްޓާ އަދި ލީބިޔާގައި އިންޑިއާގެ ސަފީރުގެ ގޮތުގައި ކުރިން މަސައްކަތްކުރައްވާފައިވާ އަނިލް ޓްރިގުނަޔާތު "ޓައިމްސް ނައު" އަށް ވިދާޅުވެފައިވާ ގޮތުގައި ޓްރަމްޕްގެ އެ ފިޔަވަޅުގެ ސަބަބުން އެމެރިކާއަކީ މިހާރު އިންޑިއާއަށް ބަރޯސާވެވޭ ގައުމަކަށް ނުވެ އެވެ.

"އަމިއްލަ ގޮތެއް، އަމިއްލަ ބައިވެރިންތަކެއް ހޯދުމަކީ އިންޑިއާ ކަހަލަ ގައުމަކަށް ވަރަށް މުހިއްމު ކަމެއް" ޓައިމްސް ނައު އަށް ދެއްވި އިންޓަވިއުގައި އަނިލް ވިދާޅުވި އެވެ.

ޗައިނާ ދަތުރު ފެއްޓެވުމުގެ ކުރިން މޯދީ ވަނީ ޔުކްރެއިންގެ ރައީސް ވޮލްޑަމީރް ޒެލެންސްކީއާ ވާހަކަދައްކަވައިފަ އެވެ. ސުލްހައަށް އިންޑިއާއިން ގޮވައިލާ ގޮވައިލުން އޭނާ ތަކުރާރުކުރެއްވި އެވެ. މޯދީއާ ވާހަކަ ދެއްކެވުމަށް ފަހު ޒެލެންސްކީ ވިދާޅުވީ ރަޝިއާ އާއި އެހެން ގައުމުތަކުގެ ލީޑަރުންނަށް ޔުކްރެއިނުން ދޭން ބޭނުންވާ ސިގްނަލް މޯދީ ދެއްވާނެ ކަމަށެވެ.

ޗައިނާ އާއި ރަޝިޔާއާ އެކު އިންޑިއާގެ ގުޅުން އިތުރަށް ބަދަހިކުރައްވަން މޯދީ ކަމަރު ބެންނެވުމުމަކީ އެމެރިކާއިން އިންޑިއާއާ ދެކޮޅަށް އެޅި ފިޔަވަޅުން ނެރެން ބޭނުންވި ނަތީޖާއާ ދިމާ އިދިކޮޅު ނަތީޖާއެކެވެ. ބައިނަލްއަގުވާމީ ވިޔަފާރީގައި އެމެރިކާ އާއި ޗައިނާއާ ދެމެދު އޮންނަ ވާދަވެރިކަމުގައި ކުރިން ވަކިކޮޅަކަށް ނުޖެހި އޮތް އިންޑިއާ މިހާރު މަޑުމަޑުން އެ ވަންނަނީ "ރަޝިޔާ-ޗައިނާ ކްލަބް" އަށެވެ.