ޖެމީ ވާޑީ އިޓާލިއަން ލީގަށް
ޖެމީ ވާޑީ އިޓާލިއަން ލީގަށް

އިނގިރޭސި ޕްރިމިއާ ލީގުގެ ލެސްޓާ ސިޓީގެ ފޯވާޑް އަދި ކެޕްޓަން ޖެމީ ވާޑީ، އިޓާލިއަން ލީގުގެ ކްރެމޮނޭޒޭއަށް ބަދަލުވެއްޖެ އެވެ.

މި ސީޒަނުގައި ލީގަށް ޕްރޮމޯޓްވި ކްރެމޮނޭޒޭއަށް ބަދަލުވީ، ވާޑީ ބަދަލުވީ އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުންނެވެ.

ލެސްޓާގެ ލެޖެންޑް ވަނީ އެ ޓީމަށް ކުޅެދިން 500 މެޗުން 200 ގޯލު ޖަހައިދީފަ އެވެ. އަދި 2016 ވަނަ އަހަރު ލެސްޓާއާ އެކު ޕްރިމިއާ ލީގުގެ ތާރީހީ ކާމިޔާބީ ހޯދި އިރު އޭނާ ވަނީ ޖެހިޖެހިގެން އެންމެ ގިނަ މެޗުގައި ގޯލު ޖަހައިގެން ލީގުގެ ރެކޯޑެއް ވެސް ހަދައިފަ އެވެ.

މީގެ އިތުރުން 2020 ވަނަ އަހަރު އޭނާ ވަނީ ލީގުގައި ރަން ބޫޓު ހޯދި އެންމެ ދޮށީ ކުޅުންތެރިޔާގެ ރެކޯޑް ހަދައިފަ އެވެ. ހަމަ އެއާއެކު އޭނާ ވަނީ 2021 ވަނަ އަހަރު އެ ޓީމާ އެކު އެފްއޭ ކަޕް ވެސް ވަނީ ކާމިޔާބު ކޮށްފަ އެވެ.

އިނގިރޭސި ނޮން ލީގު ފުޓްބޯޅައިން ފަށައިގެން ޕްރިމިއާ ލީގާއި އެފްއޭ ކަޕް ޗެމްޕިއަންކަން ހޯދި ވާޑީ ވަނީ އިނގިރޭސި ގައުމީ ޓީމަށް ކުޅެދިން 26 މެޗުން ހަތް ގޯލު ޖަހައިދީފަ އެވެ. ލެސްޓާ އިން އޭނާ ގަތީ 2012 ވަނަ އަހަރު ފްލީޓްވުޑް ޓައުން އިން އެއް މިލިއަން ޕައުންޑަށެވެ.

ކްރެމޮނޭޒޭ ވަނީ ސީޒަންގެ ފުރަތަމަ މެޗުގައި، ޕެލާމޯ އަތުން ޕެނަލްޓީގައި ބަލިވެގެން ކޮޕާ އިޓާލިއާއިން ކަޓައިފަ އެވެ. ނަމަވެސް ލީގުގައި ކުޅުނު ފުރަތަމަ ދެ މެޗުގައި އޭސީ މިލާނާއި ސަސުއޯލޯ އަތުން މޮޅުވި އެވެ.