01 ސެޕްޓެމްބަރ 2025 - 22:17

އިދިކޮޅު އެމްޑީޕީން އަންނަ މަހުގެ ތިން ވަނަ ދުވަހު މާލޭގައި ބޮޑު މުޒާހަރާއެއް ބޭއްވުމަށާއި "ސަރުކާރު ހަމަ މަގަށް އެޅުވެން ދެން" އެ މުޒާހަރާތައް ކުރިއަށް ގެންދަން އެ ޕާޓީގެ ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުން މިރޭ ކުއްލި ޖަލްސާއެއް ބާއްވާފައި ވަނީ މަނަދޫ ދާއިރާގެ ރައީސް މުހައްމަދު ތޯރިގު ހުށަހެޅުއްވި ގަރާރަކާ ގުޅިގެންނެވެ.

ގަރާރުގައި ބުނީ، މި ސަރުކާރުން އިގްތިސާދީ ގޮތުން އެޅި "ދޯހަޅި" ފިޔަވަޅުތަކާ އެކު ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް، ދިރިއުޅުމަށް ތަކުލީފުތައް ކުރިމަތިވަމުންދާ ކަމަށެވެ.
ގަރާރު ހުށަހަޅުއްވަމުން ތޯރިގު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ތަޅު އަޅުވައި ސުޕްރީމް ކޯޓުން ފަނޑިޔާރުން ވަކިކުރުމާއި އަދުލު އިންސާފަށް މި ސަރުކާރުން އަރައިގަންނަމުންދާ ކަމަށެވެ. އަދި މިނިވަން މުއައްސަސާތައް ސަރުކާރުގެ ބާރުގެ ދަށަށް ގެންދިއުމާއި ލާމަރުކަޒީ ނިޒާމު "ފުނޑާލައި" ކައުންސިލުތަކުގެ ބާރު ކަނޑުވާލަން މަސައްކަތްކުރަމުންދާ ކަމަށް ތޯރިގު ވިދާޅުވި އެވެ.
ތޯރިގު ވަނީ ދިވެހިން ބޭސް ފަރުވާއަށް ސަލާން ޖަހަންޖެހޭ ހާލަތަށް ގައުމުގެ ކަންކަން ގޮސްފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި މައުލޫމާތު ލިބުމުގެ ހައްގުން މަހްރޫމްކޮށް، މީޑިއާ ކޮންޓްރޯލް ކުރުމަށް ވެސް ސަރުކާރުން ނިކުމެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގައުމުގެ ހާލަތު ބޮއްސުންލައިގެންދާ ކޮންމެ ފަހަރަކު އެމްޑީޕީއަކީ ގައުމު ހަމަ މަގަށް އެޅުވުމަށް ނިކުންނަ ޕާޓީއެއް ކަމަށެވެ. އެހެންވެ، އަންނަ މަހުގެ 3 ގައި މުޒާހަރާ ކުރުމަށާއި އެ މުޒާހަރާތައް ސިލްސިލާ ގޮތެއްގައި މާލޭގެ މަގުތަކުގައި ކުރިއަށް ގެންދަން އޭނާ ހުށަހެޅުއްވި އެވެ.
އެ ގަރާރަށް ތާއީދު ކުރެއްވީ ހޯރަފުށީ ދާއިރާގެ ރައީސް އަހުމަދު ސަލީމެވެ.
އެ ގަރާރަށް ތާއީދު ކުރައްވާ ގައުމީ މަޖިލީހުގެ ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އެ ގަރާރުގައި ރާއްޖޭގެ ހާލަތު ވަރަށް ބޮޑަށް ބަޔާންކޮށްފައިވާ ކަމަށެވެ. ޓޫރިޒަމް ދާއިރާ އާއި ކޮންސްޓްރަކްޝަން ދާއިރާ އާއި ނޫސްވެރިކަން ފަދަ ހުރިހާ ދާއިރާތަކެއްގެ ހާލަތު އެނގިގެންދާ ކަމަށް އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވި ގޮތުގައި މިފަދަ ކޮންމެ ހާލަތެއްގައި ވެސް އެމްޑީޕީއަކީ ރައްޔިތުންގެ ހައްގުގައި ބަސް ބުނެ، ހިމާޔަތުގައި ނިކުންނަ ޕާޓީ އެވެ.
އިބޫ ވިދާޅުވީ މި ސަރުކާރަށް އެއް އަހަރާއި 10 މަސްވިއިރު ރާއްޖެގައި ކަންބޮޑުނުވާ އެކަކު ވެސް ނެތް ކަމަށެވެ. ދިވެހިންގެ ކުރިމަތީގައި މިއަދު އޮތް އެންމެ ބޮޑު ބިރުވެރިކަމަކީ ނޫސްވެރިކަން "ނައްތާލަން ސަރުކާރުން" ހުށަހަޅައިގެން އުޅޭ ބިލު ކަމަށާއި އެއީ މުޅި ނޫސްވެރިކަން ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނެސް، ނޫސްވެރިކަން މަރާލުން ކަމަށް ވިދާޅުވެ އިބޫ ވަނީ ބިލުގެ ކަންބޮޑުވުންތައް ފާޅުކުރައްވައިފަ އެވެ.
އެހެންވެ، އެ ބިލު އަނބުރާ ގެންދަން އިބޫ ގޮވާލެއްވި އެވެ.