01 ސެޕްޓެމްބަރ 2025 - 22:00

ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ)ގެ ދައުރު ފުޅާކޮށް، ގައުމުތަކުގެ ތަރައްގީ އާއި ކުރިއެރުމަށް އެ ޖަމިއްޔާގެ ދައުރު ފުޅާކުރެވޭނެ ތަސައްވުރެއް، ރާއްޖޭގެ ފަރާތުން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހުށަހަޅުއްވައިފި އެވެ.

ޗައިނާގެ ޓިއަންޖިންގައި މިއަދު ބޭއްވި "އެސްސީއޯ ޕްލަސް" ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ރާއްޖެއަކީ ވިލުންތެރި، އަޒުމުވަރުގަދަ ގައުމެއްގެ ގޮތުގައި ސިފަކުރައްވައި، ރާއްޖޭގެ މޫސުމީ ލަނޑުދަނޑިތަކާއި، މޯލްޑިވްސް 2.0 ޑިޖިޓަލައިޒޭޝަން މަސައްކަތުގެ މައްޗަށް އަލިއަޅުވައިލައްވައިފަ އެވެ.

ނަމަވެސް، އެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ރާއްޖެ ފަދަ ގައުމުތަކަށް ބައިނަލްއަގުވާމީ ފެންވަރުގައި އެހީތެރިކަން ބޭނުންވާކަން ފާހަގަކުރައްވައި، އެ މަނިކުފާނު ވަނީ އެ ކަން ހާސިލުކުރުމަށްޓަކައި އެސްއޯއީގެ ދައުރު އިތުރަށް ފުޅާކޮށްގެން، މުހިންމު ދައުރެއް އަދާކުރެވިދާނެ ކަމަށް ވިދާޅުވެފަ އެވެ.

މިގޮތުން، ރައީސް ވަނީ އެސްއޯއީ އާމެދު ރާއްޖޭން ތަސައްވުރުކުރާ ތިން ހުށަހެޅުމެއް ހުށަހަޅުއްވައިފަ އެވެ.
ފުރަތަމަ ކަމަކީ، އެ މަނިކުފާނު ވިދާޅުވި ގޮތުގައި، މޫސުމީ ބަދަލުތަކާއި ދެމެހެއްޓެނެވި ތަރައްގީ އަށް މަސައްކަތް ކުރުމަކީ، އެސްއޯއީގެ މައިގަނޑު އަސާސްކަމަށް ހަދަންޖެހެ އެވެ.
ރައީސް މުއިއްޒު ވިދާޅުވީ، އެހެން ކުދި ޖަޒީރާ ގައުމުތަކެކޭ އެއްފަދައިން ރާއްޖޭން މޫސުމީ ބަދަލުތަކުގެ ނުރައްކާތައް ކުޑަކުރަން އަޅަން ނިންމާފައިވާ ފިޔަވަޅުތަކާއި ލަނޑުދަނޑިތައް ހާސިލުކުރަން ޓެކްނޮލޮޖީ އާއި ވަސީލަތްތައް ބޭނުންވާ ކަމަށެވެ.
"މިއީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އެސްސީއޯ އަށް އިސް ދައުރެއް އަދާކުރެވޭނެ ދާއިރާތަކެއް. ހަމައެކަނި މާލީ އެހީތެރިކަމެއް ނޫން، ދެ ފަރާތަށް ވެސް ފައިދާކުރަނިވި އެއްބާރުލުމާއި ދެމެހެއްޓެނިވި ގޮތެއްގައި ބިނާކުރަނިވި އަދި މާނަހުރި ގުޅުންތަކެއް ގާއިމުކުރުން،" ރައީސް ވިދާޅުވި އެވެ.
ދެވަނަކަމަށް އެ މަނިކުފާނު ހުށަހެޅުއްވީ ގައުމުތަކުގެ މެދުގައި ވިޔަފާރި އާއި އިންވެސްޓްމަންޓާއި ޑިޖިޓަލް ކަނެކްޓިވިޓީއަށް މަގުފަހިކުރުމުގެ އިންޖީނަކަށް އެސްއޯއީ ވުމަށެވެ.
ފަހު ކަމަކަށް ރައީސް ވިދާޅުވި ގޮތުގައި، އެއް ގައުމުން އަނެއް ގައުމަށް އިހުތިރާމް ކުރުމާއި ހަމަހަމަކަމާއެކު ކުރިއެރުންތަކުގެ މައްޗަށް ބިނާވެފައިވާ ބައިނަލްއަގުވާމީ ގުޅުންތަކުގެ އާ ޒަމާނެއް އެސްސީއޯއަށް ގެނެވިދާނެކަމަށް ރާއްޖޭން ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި، ކޮންމެ ގައުމަކަށް ވެސް، ސައިޒަށް ނުވަތަ ސަރަހައްދަށް ބެލުމެއް ނެތި، ދުނިޔޭގެ ނިންމުންތައް ބައްޓަން ކުރުމުގައި އަޑު އިއްވުމުގެ ފުރުސަތު އޮންނަންޖެހޭ،" ރައީސް ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި، ބައިނަލްއަގުވާމީ އެއްބާރުލުމާއި ތަރައްގީ އާއި އަދި ހިންގުމަށް އެދެވޭ ބަދަލުތައް ގެނައުމުގެ އަމާޒުގައި ޗައިނާގެ ރައީސް ޝީ ޖިންޕިން ހުށަހެޅުއްވި ގްލޯބަލް ގަވަނަންސް އިނީޝިއެޓިވަށް ރާއްޖޭން ތާއީދުކުރާކަން ރައީސް މުއިއްޒު ހާމަކުރެއްވި އެވެ.