01 ސެޕްޓެމްބަރ 2025 - 21:10

ފެނަކަ ކޯޕަރޭޝަންގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ގެ މަގާމަށް މުހައްމަދު ޖިހާދު އައްޔަންކޮށްފި އެވެ.
އެ ކުންފުނީގެ ސީއެފްއޯގެ މަގާމަށް ޖިހާދު އައްޔަންކުރީ އެ މަގާމުގައި ހުންނެވި އަބްދުﷲ ވަހީދު މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ފެނަކައިން ކުރި ޕޯސްޓެއްގައި ވަނީ ސީއެފްއޯގެ މަގާމަށް ޖިހާދު އައްޔަން ކުރިކަން އިއުލާންކޮށް، އޭނާ އަށް މަރުހަބާ ކިޔައިފަ އެވެ.
ސީއެފްއޯ ކަމުން ވަހީދު އިސްތިއުފާ ދެއްވީ ސީއެފްއޯގެ މަގާމުން ޗީފް ލެވެލްގެ އެހެން މަގާމަކަށް އޭނާ ބަދަލުކުރުމުގެ މަޝްވަރާތަކެއް ކުރާތީ އެކަމަށް އެއްބާރުލުން ދެއްވުމަށް ކަމަށް މިއަދު ވިދާޅުވި އެވެ.
ފެނަކައިގެ ސީއެފްއޯގެ މަގާމަށް ވަހީދު އައްޔަންކުރީ ސެޕްޓެމްބަރު 11، 2014 ގަ އެވެ.
އެކަމަކު އޮކްޓޫބަރު 26، 2023 ގައި އޭނާ އެ މަގާމުން ވަކި ކުރުމާ ހަމައަށް، ގާތްގަނޑަކަށް އަހަރު ދުވަސް ވަންދެން ވަހީދު ހުރީ އެ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކޮށްފަ އެވެ. ނަމަވެސް އޭނާގެ ފަރާތުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލައެއް ހުށަހެޅުމުން، އެ ތަނުން ނިންމީ އެ ވަޒީފާ އިން ވަކިކޮށްފައި ވަނީ އެކަށީގެންވާ ސަބަބެއް ނެތި ކަމަށެވެ.
އެހެންވެ އަނބުރާ ވަޒީފާ ދިނުމަށް ޓްރައިބިއުނަލުން އެންގި އެންގުމާ އެއްގޮތަށް އޭނާ އަށް އަނބުރާ ވަޒީފާ ދިނެވެ.