01 ސެޕްޓެމްބަރ 2025 - 20:11

ނޫސްވެރިންނަށް މަރުގެ އިންޒާރާއި ނުރައްކާތެރިކަން ކުރިމަތިވަމުންދާ ކަމަށް ބުނެފައިވާތީ އެ މައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

މީޑިއާގެ މިނިވަންކަން ހަނިކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލް ހަންނާނު އަބޫބަކުރު ހުށަހަޅުއްވާފައިވާ ބިލު ދިރާސާ ކުރުމުގެ ތެރެއިން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ވަނީ ނޫސްވެރިން ހާޒިރުކޮށް، މިއަދު ހިޔާލު ހޯދައިފަ އެވެ.

ކޮމިޓީގައި ވާހަކަ ދެއްކި ބައެއް ނޫސްވެރިން ވަނީ އެ މީހުންނަށް މަރުގެ އިންޒާރު ލިބެމުންދާ ކަމަށާއި ނޫސްވެރިންގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުކޮށް އެކި ކަހަލަ އިންޒާރުތައް ދެމުންދާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެހެންވެ، ކޮމިޓީގައި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް ނަސީމް ވިދާޅުވީ މަރުގެ އިންޒާރާއި ނުރައްކާތައް ކުރިމަތިވަމުންދާ ކަމަށް ނޫސްވެރިން ބުނުމުން އެއީ އަމިއްލަ އަށް އިސްނަގައިގެން ކޮމިޓީން ފުލުހަށް ހުށަހަޅަން ޖެހޭ މައްސަލައެއް ކަމަށެވެ.

އެފަދަ ނުރައްކާތައް ކުރިމަތިވަނީ ކޮން ނޫސްވެރިންނަކަށްތޯ ސާފުކުރުމަށް ފަހު، އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށް ފުލުހުންނަށް ހުށަހަޅަން މީކާއިލް ހުށަހެޅުއްވުމުން ކެލާ ދާއިރާގެ ޕީއެންސީގެ މެމްބަރު މެމްބަރު އަބްދުﷲ ޝަރީފް ތާއީދު ކުރެއްވި އެވެ.
ޝަރީފް އެދިވަޑައިގަތީ އެފަދަ ކަމެއް ކުރިމަތިވެފައިވާ ނޫސްވެރިން އެކަން ލިޔުމުން ކޮމިޓީ އަށް ހުށަހަޅާށެވެ.
މީޑިއާތަކުގެ ބަހެއް ނެތި ހުށަހަޅާފައިވާ އެ ބިލަށް ކޮމިޓީ މަރުހަލާގައި ހިޔާލު ހޯދަމުން އަޔަސް ނޫސްވެރިން ދަނީ އެ ބިލު ފާސްނުކޮށް ބޭރުކުރުމަށް ގޮވާލަމުންނެވެ. މަޖިލިސް ޗުއްޓީގައި އޮއްވައި ދައުރުން ބޭރުން ބޭއްވި ޖަލްސާއެއްގައި މި ބިލު ބަލައިގަތުމުން ނޫސްވެރިން ވަނީ މަޖިލިހުގެ އިދާރާ ކައިރި އަށާއި ރައީސް އޮފީސް އަދި މުލީއާގޭ ކައިރީގައި ވެސް މުޒާހަރާ ކޮށްފަ އެވެ.
މީޑިއާ ބިލު އަނބުރާ ގެންދަން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި ބޭރުގެ އެކި ޖަމިއްޔާތައް ހިމެނޭ ގޮތަށް 21 ޖަމިއްޔާއަކުން ގޮވާލާފައިވެ އެވެ. ގައުމުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮންނަ ވަރު ބަލައި ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތުކުރާ ޖަމިއްޔާ "ރިޕޯޓާސް ވިތައުޓް ބޯޑާސް" ވެސް ވަނީ ބިލަކީ މިނިވަން މީޑިއާއަށް އޮތް ނުރައްކަލެއް ކަމަށް ބުނެ ބިލު އަނބުރާ ގެންދަން ގޮވާލައިފަ އެވެ.