ޣައްޒާގެ ކޮންޓްރޯލް 10 އަހަރަށް އެމެރިކާއަށް ދިނުމުގެ ޕްލޭނެއް
ޣައްޒާގެ ކޮންޓްރޯލް 10 އަހަރަށް އެމެރިކާއަށް ދިނުމުގެ ޕްލޭނެއް

މަދުވެގެން 10 އަހަރުގެ މުއްދަތަށް، ފަލަސްތީނުގެ ޣައްޒާ އެމެރިކާގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި ބޭއްވުމުގެ ޕްލޭނަކާ މެދު އެމެރިކާ ސަރުކާރުން ވިސްނަމުން އަންނަ ކަމަށް ވޮޝިންޓަން ޕޯސްޓުން މިއަދު ބުނެފި އެވެ.

އިޒްރޭލުން އޮކްޓޫބަރު 7، 2023 އިން ފެށިގެން ޣައްޒާއަށް ހަމަލާދެމުން ދާއިރު މިހާރު މުޅި ޣައްޒާ އޮތީ ބިމާ ހަމަވެފަ އެވެ. އަދި އެތަނުގެ ދެ މިލިއަނެއްހާ މީހުންގެ އާބާދީ ވަނީ ވިއްސިވިހާލި ވެފަ އެވެ.

މުޅި ޣައްޒާ އިޒްރޭލުގެ ބާރުގެ ދަށަށް ގެންދިއުމަށް އިޒްރޭލު ސިފައިން ހަމަލާތައް ވަރުގަދަކޮށްފައި ވަނިކޮށް ވޮޝިންޓަން ޕޯސްޓުން ބުނީ އެމެރިކާއިން ވިސްނަމުން، ރައީސް ޑޮނަލްޑް ޓްރަމްޕު ކުރިން ވެސް ވިސްނުން ގެންގުޅުއްވި ގޮތަށް ޣައްޒާ އަކީ ޓޫރިޒަމާއި ހައިޓެކްގެ ހަބެއްގެ ގޮތުގައި ތަރައްގީކުރަން ކަމަށެވެ.

މިކަމާ ގުޅޭ 38 ސަފުހާގެ ލިޔުމަކާ ހަވާލާދީ އެ ނޫހުން ބުނި ގޮތުގައި މިކަން ކުރުމުގެ ގޮތުން ޣައްޒާގެ އާބާދީ ވަގުތީ ގޮތުން ނަމަވެސް އެހެން ތަނަކަށް ބަދަލުކުރަން ހުށަހަޅާފައިވެ އެވެ. މިކަން ކުރާނީ މީހުން އަމިއްލައަށް ބޭނުންވެގެން އެތަނުން ދިއުމަށް ނުވަތަ އެހެން ގައުމުތަކުގެ ބެލުމުގެ ދަށަށް ގެންގޮސްގެން ނުވަތަ ޣައްޒާ ތެރޭގައި ހާއްސަ ޒޯންތަކެއް ކަނޑައަޅައި އެ ތަންތަނަށް މީހުން ގެންގޮސްގެން ކަމަށް ވެސް ބުނެފައިވެ އެވެ.

ޓްރަމްޕު މި ވާހަކަ އެންމެ ފުރަތަމަ، މިދިޔަ ފެބުރުއަރީ މަހު ހުށަހެޅުއްވީ ފަލަސްތީނުގެ ރައްޔިތުން އެހެން ތަނަކަށް ބަދަލުކޮށް އެމެރިކާގެ ބާރުގެ ދަށަށް ޣައްޒާ ގެންގޮސް "މެދުއިރުމަތީގެ ރިވީރާ" އަށް ބަދަލުކުރުމުގެ ގޮތުގަ އެވެ. އެއާ އެކު އެކި ގައުމުތަކުން އަދި ހާއްސަކޮށް ފަލަސްތީނުގެ އަވަށްޓެރި ގައުމުތަކުން ވަނީ އެކަމާ ވަރަށް ބޮޑަށް ދެކޮޅުހަދައިފަ އެވެ.

ވޮޝިންޓަން ޕޯސްޓުން މިއަދު ބުނެފައިވާ ގޮތުގައި ބިމެއް އޮތް މީހެއް ނަމަ އެ ބިން ތަރައްގީ ކުރުމުގެ ފުރުސަތުގެ ބަދަލުގައި ޣައްޒާ ރީކޮންސްޓްރަކްޝަން، އިކޮނޮމިކް އެކްސެލެރޭޝަން އެންޑް ޓްރާންސްފޯމޭޝަން ޓްރަސްޓް، ނުވަތަ ގްރޭޓް ޓްރަސްޓްގެ ނަމުން ނަން ދީފައިވާ ޑިޖިޓަލް ޓޯކަން ލިބޭނެ އެވެ.

މި ޓޯކަން ބޭނުންކޮށްގެން އެހެން ތަނެއްގައި އާ ދިރިއުޅުމެއް ފަށަން ނުވަތަ އެންމެ އެ ސަރަހައްދުގައި ތަރައްގީކުރަން ހަމަޖެހިފައިވާ "އޭއައި ޕަވާޑް، ސްމާޓް ސިޓީ" ގެ 6-8 ސިޓީން އެޕާޓްމަންޓެއް އިހުތިޔާރުކުރެވިދާނެ އެވެ.

މިކަމާ ގުޅޭ ގޮތުން ސްޓޭޓް ޑިޕާޓްމަންޓާ އޭއެފްޕީން ސުވާލުކުރުން ޖަވާބެއް ނުދިނެވެ.

ހަމާސް އިން ވަނީ "ޣައްޒާ އަކީ ވިއްކާ ތަނެއް ނޫން" ކަމަށް ބުނެ މި ހުށަހެޅުމާ ދެކޮޅުހަދައިފަ އެވެ. އަދި ޣައްޒާ އަކީ ފަލަސްތީނާ ވަކި ނުކުރެވޭނެ ތަނެއް ކަމަށް ވެސް ބުންޏެވެ. -- އޭއެފްޕީ