03 ސެޕްޓެމްބަރ 2025 - 15:29

އިތުރު ފަސް އަތޮޅެއްގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ހިދުމަތް ފެށުމުގެ ތައްޔާރީތައް ވާން ފަށައިފި އެވެ.
އާރްޓީއެލް ހިދުމަތް އަލަށް ފަށަން ނިންމާފައި ވަނީ މ. ފ. ދ. ތ. ގެ އިތުރުން ލ. އަތޮޅުގަ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ފެރީގެ ހިދުމަތް ފެށުމާ ގުޅޭ ގޮތުން ހަދަންޖެހޭ ސާވޭ މި މަހު ފެށުމަށް ނިންމާފައިވާ ކަމަށާއި ބޭސްލައިން ސާވޭ މި މަހާއި އަންނަ މަހު ކުރިއަށް ގެންދާނެ ކަމަށެވެ.
ސާވޭ ފެށުމަށް ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެސިސްޓެންސް (ޖައިކާ) އާ ވެސް މަޝްވަރާކޮށްފައިވާ ކަމަށާއި އެ ބައްދަލުވުމުގައި ޖައިކާގެ ފަރާތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ބޭސްލައި ސާވޭއާ ބެހޭ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މިހާރު ރާއްޖޭގެ 10 އަތޮޅުގައި އާރްޓީއެލް ހިދުމަތްދެ އެވެ.
އާރްޓީއެލްގެ ހިދުމަތް ދޭން ސަރުކާރުން ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ. އެ މަޝްރޫއު ގެންދަނީ ތިން ފިޔަވައްސަކަށް ބަހާލައިގެން ހަ ޒޯނެއް ކަނޑައަޅައިގެންނެވެ. އެ ޕްރޮޖެކްޓަށް 800 މިލިއަން ރުފިޔާ ހަރަދުކުރެ އެވެ. އަތޮޅުތެރޭގެ ދަތުރުފަތުރަށް ބޮޑު އިންގިލާބެއް ގެނައި ފެރީގެ މި ހިދުމަތް ފެށީ 2022 ވަނަ އަހަރު އެވެ.