ކޮލަމާ ބޯޓުގެ ކެޕްޓަން ނިޔާވެއްޖެ
ކޮލަމާ ބޯޓުގެ ކެޕްޓަން ނިޔާވެއްޖެ

މައުލޫމާތު އެނގޭ މީހަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި ސައީދުބެ ޚަބަރު ހުސްވީ ބޯޓުގެ އޮޓޯ ޕަމްޕުގެ މައްސަލައެއް ދިމާވެގެން އިންޖީނު ރޫމަށް ފައިބައިގެން އުޅުމުގެ ތެރޭގައި. އަދި ސައީދުބެގެ ހަށިގަނޑުގެ ބޭރުފުށުން އަނިޔާތަކެއް ފެންނަން ހުރި ކަމަށް ބޯޓުގެ ބައެއް ކުރޫންނާ ހަވާލާދީ، "މިހާރު" އާ ވާހަކަ ދެއްކި މީހާ ބުނި. ކޮލަމާ ބޯޓުގައި ގިނައިން ތިބީ ބިދޭސީން ކަމަށްވޭ.

އުމުރުން 60 އަހަރުން މައްޗަށް ގޮސްފައިވާ ސައީދުބެ ނިޔާވީ ކިހިނެއް ވެގެން ކަން އަދި ސާފެއް ނުވޭ. އެކަމަކު، އެކެފަރަ ސަރަހައްދުން ކޮލަމާ ބޯޓު ފެނުނުއިރު ވެސް ސައީދުބެ ޚަބަރު އޮތީ ހުސްވެފައި ކަމަށް ބޯޓުން ވާހަކަ ދެއްކި ބައެއް މީހުން ބުނި. އެހެންވެ، ފުލުހުންގެ ލޯންޗެއްގައި ވަގުތުން ގެންދިޔައީ ވިލިނގިލީ ހޮސްޕިޓަލަށް.

ކޮލަމާފުށި ބޯޓުގެ ކެޕްޓަން ކޮލަމާފުށި، ދޮންވެލި އާދަމް ސައީދު (ސައީދުބެ) ނިޔާވެފައިވާ ކަމަށް ވިލިނގިލި ހޮސްޕިޓަލުން އޭނާ ބެއްލެވި ޑޮކްޓަރު ދެންމެ ބުނެފި.

ކޮލަމާފުށިން ވާހަކަ ދެއްކި މީހަކު ބުނީ، ކެޕްޓަންގެ ޚަބަރު ހުސްވެފައިވާ ކަމަށް. އިތުރު މައުލޫމާތެއް ނޭނގޭ ކަމަށް އޭނާ ބުނި.

ފުލުހުން ބުނިގޮތުގައި، ބޯޓުގެ ކެޕްޓަން ގއ. ވިލިނގިލީ ހޮސްޕިޓަލަށް ގެންދިއުމަށް ފުލުހުންގެ ލޯންޗެއް މިހާރު ދަތުރުކުރަމުން އަންނަ ކަމަށް. ކެޕްޓަންގެ ހާލެއް އަދި ސާފެއް ނުވޭ.

ފުލުހުން ދެންމެ ބުނީ، އެކެފަރަ ސަރަހައްދުން ކޮލަމާ ބޯޓު ފެނިފައިވާ ކަމަށް. ފުލުހުން އެ ސަރަަހއްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް ބުނި.

ލ. އަތޮޅުން ރޭ ފުރި ބޯޓެއް ގެއްލިގެން އެމްއެންޑީއެފުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެ އެވެ.

ގެއްލިގެން ހޯދަނީ ގއ. ކޮލަމާފުށީގައި ދުއްވާ "ކޮލަމާ" ބޯޓެވެ.

އެމްއެންޑީއެފުން ބުނީ ރޭ 10:00 ހާއިރު ލ. އަތޮޅުން ފުރައިގެން އެ ބޯޓު ދަތުރު ކުރީ ހުވަދު އަތޮޅަށް ކަމަށެވެ.

މާލެ އިން މުދާ ހިފައިގެން އެކި ރަށްރަށަށް ދަތުރުކުރާ ކޮލަމާ ބޯޓު ފުރި ފަހުން އެއްވެސް ޚަބަރެއް ނުވާތީ އެ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

އެ ބޯޓާ ގުޅޭ އެއްވެސް ޚަބަރެއް ލިބިއްޖެ ނަމަ 191 އަށް ގުޅައި މައުލޫމާތު ދިނުމަށް އެމްއެންޑީއެފުން ވަނީ އެދިފަ އެވެ.