ކިރްގިސްތާން ބަލިކޮށް ތުރުކުމެނިސްތާން ފައިނަލާ ގާތަށް
ކިރްގިސްތާން ބަލިކޮށް ތުރުކުމެނިސްތާން ފައިނަލާ ގާތަށް

ފަހަތުން އަރައި 3-2 ސެޓުން ކިރްގިސްތާން ބަލިކޮށް މާލޭގައި މިހާރު ކުރިއަށްދާ އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ފައިނަލާ ގާތަށް ތުރުކުމެނިސްތާން ޖެހިލައިފި އެވެ.

ކިރްގިސްތާން ބަލިކޮށް ތުރުކުމެނިސްތާން ފައިނަލާ ގާތަށް
ކިރްގިސްތާން ބަލިކޮށް ތުރުކުމެނިސްތާން ފައިނަލާ ގާތަށް

ކިރްގިސްތާން ފުރަތަމަ ދެ ސެޓު ގެންދިޔައީ 25-22، 25-21 އިންނެވެ. ފަހަތުން އަރައި ތުރުކުމެނިސްތާން މޮޅުވީ ދެން ކުޅުނު ތިން ސެޓު 20-25، 20-25 އަދި 14-16 އިން ގެންގޮސްގެންނެވެ.

ހަތަރު ޓީމުގެ މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމެއް ފައިނަލަށްދާ އުސޫލުން މުބާރާތް ރޭވިފައިވާއިރު، މިއަދުގެ މެޗުން މޮޅުވެ ތުރުކަމަނިސްތާން ކުރީގައި އޮތީ ފަސް ޕޮއިންޓާ އެކު އެވެ. ދެ ވަނަައިގައި އޮތް ކިރްގިސްތާނަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ރާއްޖެ އަށް މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު އޮތީ މާދަމާ ކުޅޭ މެޗުން ތުރުކުމެނިސްތާން އަތުން ސީދާ ތިން ސެޓުން މޮޅުވެގެންނެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި މިއަދު ކުޅުނު މެޗުގެ ފުރަތަމަ ދެ ސެޓުގައި ކިރްގިސްތާނުން ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ކިރްގިސްތާންގެ އިސްކޮޅުން ދިގު ކުޅުންތެރިޔާ ކަންޔެބެކް އޮނޮލްބެކާއި މުސައޭވް ޒަމާލިއްދީންގެ ބާރު ޝޮޓުތަކާ އެކު އެ ޓީމުން ފުރަތަމަ ސެޓު ގެންދިޔައީ 25-22 އިންނެވެ.

ދެ ވަނަ ސެޓު ވެސް ދިޔައީ ފުރަތަމަ ސެޓެކޭ ދާދި އެއްގޮތަކަށެވެ. ތުރުކުމެނިސްތާނަށް ކިރްގިސްތާންގެ އެޓޭކްތައް ހުއްޓުވޭ ގޮތެއް ނުވި އެވެ. ކިރްގިސްތާނުން ފުރަތަމަ ޓެކްނިކަލް ޓައިމް އައުޓުން ފެށިގެން ލީޑުގައި އޮވެ ސެޓު ނިންމާލި އެވެ. ދެ ވަނަ ސެޓު ކިރްގިސްތާނުން ގެންދިޔައީ 25-21 އިންނެވެ.

ތިން ވަނަ ސެޓު ފެށިގެން ވެސް ކުރީގައި އޮތީ ކިރްގިސްތާނުންނެވެ. ފުރަތަމަ ޓެކްނިކަލް ޓައިމް އައުޓްގައި ވެސް ކިރްގިސްތާނުން ކުރީގައި އޮއްވައި ތުރުކުމެނިސްތާނުން އެއްވަރުކުރީ ސެޓުގެ މެދަކާ ހަމައިންނެވެ. އެއަށް ފަހު ތުރުކުމެނިސްތާނުން މެޗުގެ ކޮންޓްރޯލް ހޯދައި، މުބާރާތުގައި އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ނޭޕާލާ ދެކޮޅަށް ދެއްކި މޮޅު ކުޅުން ތަކުރާރުކުރި އެވެ. އެ ޓީމުން ތިން ވަނަ ސެޓު ގެންދިޔައީ 20-25 އިންނެވެ.

ތުރުކުމެނިސްތާނުން ހަތަރު ވަނަ ސެޓު ފެށީ ތިން ވަނަ ސެޓު ނިންމާލި ހިސާބުންނެވެ. ސެޓުގެ ކުރީކޮޅުގައި ރަނގަޅު ލީޑެއް ނަގައި ކިރްގިސްތާނަށް ޕްރެޝަރު ބޮޑުކޮށްލި އެވެ. އެ ޕްރެޝަރުގައި ކިރްގިސްތާނަށް ރަނގަޅު ކުޅުމެއް ނުދެއްކި ގިނަ ގޯސްތަކެއް ހެދުނެވެ. އޭގެ ފައިދާ ނަގައި ތުުރުކުމެނިސްތާން ވަނީ އެ ޓީމުގެ ކެޕްޓަން އާޓީކޯވް ރުސްލާނާއި ނުރްޔެވް ޑަވުޓްގެ މޮޅު ކުޅުމާ އެކު މި ސެޓު ވެސް 25-20 ގެންގޮސްފަ އެވެ.

ދެ ޓީމު އެއްވަރުވުމުން ނަތީޖާ ނެރުމަށް ކުޅުނު ސެޓުގައި ކިރްގިސްތާން ކުޅުން ރަނގަޅުކުރި އެވެ. އަދި ތުރުކުމެނިސްތާނުގެ އެޓޭކްތައް ހުއްޓުވުމުގައި ކުރި ހޯދި އެވެ. ކިރްގިސްތާނުން މި ސެޓުގެ ބޮޑުބައިގައި ކުރީގައި އޮތް ނަމަވެސް ތުރުކުމެނިސްތާނުން ދިޔައީ ދުލެއް ނުދީ ކުޅެމުންނެވެ. އޭގެ ނަތީޖާ އަކީ ފަހު ވަގުތު ކިރްގިސްތާނަށް ހެދުނު ގޯސްތަކުގެ ފައިދާ ނަގައި ތުރުކަމަނިސްތާނުން މި ސެޓު 16-14 އިން ގެންދިއުމެވެ.

މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ތުރުކަމަނިސްތާން ނުކުންނާނީ ރާއްޖެއާ ދެކޮޅަށެވެ.