01 ސެޕްޓެމްބަރ 2025 - 12:50

ފެނަކަ ކޯޕަރޭޝަންގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ގެ މަގާމުގައި ހުންނެވި އަބްދުﷲ ވަހީދު އިސްތިއުފާ ދެއްވައިފި އެވެ.
ހއ. ހޯރަފުއްޓަށް އުފަން ވަހީދު ސީއެފްއޯގެ މަގާމުން އިސްތިއުފާ ދެއްވީ އޭނާ މިއަދު ވިދާޅުވި ގޮތުގައި، ސީއެފްއޯގެ މަގާމުން ޗީފް ލެވެލްގެ އެހެން މަގާމަކަށް އޭނާ ބަދަލުކުރުމުގެ މަޝްވަރާތަކެއް ކުރާތީ އެކަމަށް އެއްބާރުލުން ދިނުމަށެވެ.
ފެނަކައިގެ ސީއެފްއޯގެ މަގާމަށް ވަހީދު އައްޔަންކުރީ ސެޕްޓެމްބަރު 11، 2014 ގަ އެވެ.
އެކަމަކު އޮކްޓޫބަރު 26، 2023 ގައި އޭނާ އެ މަގާމުން ވަކި ކުރުމާ ހަމައަށް، ގާތްގަނޑަކަށް އަހަރު ދުވަސް ވަންދެން ވަހީދު ހުރީ އެ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކޮށްފަ އެވެ.
އޭރު ފެނަކައިގެ ސީއެފްއޯގެ މަގާމުން ވަހީދު ވަކިކުރުމުން އޭނާގެ ފަރާތުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލައެއް ހުށަހެޅުމުން، އެ ތަނުން ނިންމީ އެ ވަޒީފާ އިން ވަކިކޮށްފައި ވަނީ އެކަށީގެންވާ ސަބަބެއް ނެތި ކަމަށެވެ. އެހެންވެ އަނބުރާ ވަޒީފާ ދިނުމަށް ޓްރައިބިއުނަލުން އޭރު އަމުރު ކޮށްފައިވެ އެވެ.
އޭނާ މި ފަހުން ފެނަކައިގެ ސީއެފްއޯގެ މަގާމު އަދާކުރެއްވީ ޓްރައިބިއުނަލްގެ އަމުރާ އެއްގޮތަށް ފެނަކައިން ވަޒީފާ ހަމަޖެއްސުމުންނެވެ.