އުކުޅަހުގައި ޒަހަމްވި ބައްޕަ އިތުރު ފަރުވާ އަށް މާލެ، ދަރިފުޅަށް ވެސް ނަފުސާނީ ފަރުވާ ދެނީ
އުކުޅަހުގައި ޒަހަމްވި ބައްޕަ އިތުރު ފަރުވާ އަށް މާލެ، ދަރިފުޅަށް ވެސް ނަފުސާނީ ފަރުވާ ދެނީ

ނުކުޅެދުންތެރިކަން ހުންނަ ދަރިފުޅު ހަމަލާ ދިނުމުން ޒަހަމްވި ބައްޕަ އިތުރު ފަރުވާ އަށް އއ. އުކުޅަހުން މާލެ ގެނެސްފި އެވެ.

އުކުޅަހު ކައުންސިލް ރައީސް ޝައުކަތު އިބްރާހީމް "މިހާރު" އަށް މިއަދު ވިދާޅުވީ ބައްޕަ އަށް ހަމަލާދިން ދަރިފުޅަކީ އުމުރުން 15 ނުވަތަ 16 އަހަރުން ފެށިގެން ނަފުސާނީ ބައްޔަށް ފަރުވާދެމުން އަންނަ މީހެއް ކަމަށެވެ.

މިހާރު އުމުރުން 26 އަހަރު ވެފައިވާ ދަރިފުޅު އޭނާގެ ބައްޕަ އަށް ރޭ ހަމަލާ ދިނީ ދަރިފުޅުގެ ގަޔަށް ގަވާއިދުން ޖަހަން ޖެހޭ އިންޖެކްޝަން ޖަހަން ދެކޮޅު ހެދުމުން އުފެދުނު ދެބަސްވުމުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"މާލެ ގެންނަނީ އެ އިންޖެކްޝަން ޖަހަން ކޮންމެ ފަހަރަކު ވެސް އޭނާ ދެކޮޅު ހަދާތީ. މި ފަހަރު ތާރީހު ފަހަނައަޅައި ދިޔައީ. އެ އާއިލާއިން ރަށު ހެލްތު ސެންޓަރާއި ކައުންސިލާއި މާލޭގެ ކަމާ ބެހޭ ފަރާތްތަކުގެ ވެސް ލަފާ ހޯދައިގެން ރަށުގައި އިންޖެކްޝަން ޖަހަން މި ފަހަރު ނިންމީ،" ކައުންސިލްގެ ރައީސް ޝައުކަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، އެ ދަރިފުޅުން ބައްޕަ އަށް ހަމަލަދިނީ ހެލްތު ސެންޓަރުގެ ފަރާތުން ރޭ އެ ގެ އަށް ގޮސް ދަރިފުޅުގެ ގަޔަށް އިންޖެކްޝަން ޖަހައި ދީ، އެންމެން ދިޔަތާ އިރުގަނޑެއް ފަހުންނެވެ.

ޝައުކަތު ވިދާޅުވީ އަނިޔާވި 60 އަހަރުން މަތީގެ ފިރިހެން މީހާ އަށް އެންމެ ފުރަތަމަ ފަރުވާ ދިނީ އުކުޅަހު ސިއްހީ މަރުކަޒުގައި ކަމަށެވެ. ނަމަވެސް ހާލަތު އިތުރަށް ގޯސްވާން ފެށުމުން ރޭ ފަތިހު މާލެ އަށް ފެނައީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވާތުގެ މީދާ މަސްގަނޑަށް ހުރި އިންޗިއެއް ވަރަށް ވަޅި ވަދެފައި. ދެން ހުރީ ބަނޑަށް ވަޅި ވަދެފައި. ރޭ ރަށު މަރުކަޒުގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލި ފަހުން، ދަންވަރު ގެނައީ ބަނޑަށް ވަޅި ވަދެފައި ހުރި ދިމާލުން ދުޅަވާން ފެށުމުން،" ޝައުކަތު ވިދާޅުވި އެވެ.

އުކުޅަހުގައި ތިބޭ ޑޮކްޓަރުން ބައްޕަ މާލެ ފޮނުވައިލުމަށް ނިންމީ ވަޅި ވަދެފައި ހުރި ދިމާލުން އެތެރެއަށް ލޭ އެޅުން ކަހަލަ ކަމެއް ވެފައި ހުރުމުން ދުޅަވަނީ ކަމަށް ނިންމައިފަ އެވެ.

އާއިލާއާ ހަވާލާދީ ޝައުކަތު ވިދާޅުވީ އެ މީހާ އަށް މިހާރު ފަރުވާދެނީ އައިޖީއެމްއެޗުގައި ކަމަށެވެ. އޭނާ ހާލު މިވަގުތަށް "ސްޓޭބަލް" ނަމަވެސް ލިބިފައި ހުރި އަނިޔާ އެނގޭނީ އިތުރު ޓެސްޓުތައް ހަދައި، ނަތީޖާ ލިބުމުން ކަމަށް ވިދާޅުވި އެވެ.

އަނިޔާކުރި ދަރިފުޅު ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު ވަނީ ދޫކޮށްލައިފަ އެވެ. ނަފުސާނީ ބައްޔަށް ފަރުވާ ދެމުން އަންނަ ދަރިފުޅު ވެސް ފަތިހު މާލެ ގެނެސް އައިޖީއެމްއެޗުގައި ޓެސްޓުތައް ހަދަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.